ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މަރުވި މީހުންގެ އަދަދު 31 އަށް

ކޮވިޑް-19 ގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 31 އަށް އަރައިފި އެވެ.

ކޮވިޑްގައި މިއަދު ދެ މީހަކު ވަނީ މަރުވެފައެވެ. އެގޮތުން ކޮވިޑު ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މިއަދު އިރުއޮއްސި 6:24 ގައި މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ. އެއީ ކޮވިޑްގެ 30 ވަނަ މަރެވެ.

ނަމަވެސް އޭގެ ފަހުން އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް އިއްޔެ މަރުވި މީހާއަކީވެސް ކޮވިޑްގައި މަރުވި މީހެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭނާ މަރުވެފައިވަނީ ރޭ 8:15 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. އުމުރުން 58 އަހަރުގެ އެ ފިރިހެން މީހާއަކީ ހއ. ކެލަޔަށް ނިސްބަތްވާ މީހެކެވެ.

އެޗްޕީއޭއިން ބުނީ އެމަރު ކޮވިޑްގެ މަރެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 31 އަށް އަރާފައިވާ ކަމަަށެވެ. މިއީ އަތޮޅުތެރޭގައި ކޮވިޑްގައި މީހަކު މަރުވި ފުރަތަމަ ފަަހަރެވެ.

މިއީ ސެޕްޓެމްބަރު މަހުގެ ތިންވަނަ ކޮވިޑް މަރެވެ. މިމަހުގެ ފުރަތަަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް) ގައި އެޑްމިޓްކޮށްފައި އޮތް މީހަކުވެސް ވަނީ މަރުވެެފައެވެ. އެ ދުވަހު މަރުވީ އުމުރުން 79 އަހަރުގެ ފިރިހެނެކެވެ.

މިދިޔަ އޮގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 8700 ވުރެ މައްޗަށް އަރާފައެވެ. އޮގަސްޓް މަހަކީ އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު މަހެވެ. އެ މަހު އެކަނިވެސް 3900 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. އަދި އެ މަހު އެކަނިވެސް 12 މީހަކު އެ ބަލީގައި މަރުވިއެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މިިދިޔަ ތިން ދުވަހު ވަނީ ދަށްވެފައެވެ. ނަމަވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑްގެ ބަލި މީހުން މިހާރު އެބަތިއްބެވެ. އެގޮތުން 25 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 89 ބަލި މީހުން އެބަތިއްބެވެ. އެއީ 82 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ހއ. އާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި އއ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ލ. އަތޮޅާއި ގދ އަދި ސ އަތޮޅުގެ އެކި ރަށްރަށުގައި އެބަ ތިއްބެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކުގެ ތެރެއިން ބ އަތޮޅު ފެސިލިޓީގައި އެކަކު ލ. ގަން ފެސިލިޓީގައި ދެ މީހަކު އަދި ގއ. ވިލިނގިލި ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެ އެންމެންނަކީ ވެސް އުމުރުން ދުވަސްވީ ކޮވިޑްގެ ހައިރިސްކު މީހުންނެވެ.