ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދެވި ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް އަވަހާރަވެއްޖެ އެވެ.
އުމުރުން 59 އަހަރުގައި ޒަނީން އަވަހާރަވެފައިވަނީ މިއަދު ހަވީރު 4:15 ގައެވެ. ޒަނީންގެ ޖަނާޒާ އޮތީ މިރޭ އިޝާ ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ. މިއީ މިއަދުގެ ދެވަނަ ކޮވިޑް މަރެވެ.
މެންދުރު 12:02 ގަައި މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 122 އަށް އަރާފައެވެ.
އިއްޔެވެސް މި ބަލީގައި ހަތަރު މީހަކު މަރުވިއެވެ. ރޭ 7:46 ގައި މަރުވެފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި އަންހެނެކެވެ. އިއްޔެ 3:45 ގައިވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އިއްޔެ ހެނދުނު 10:54 ގައިވެސް، ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެފައިވެއެވެ. އެއީ 80 އަހަރުގެ ދިވެހި އަންހެނެކެވެ. މީގެ އިތުރުން ކުރީ ރޭ މެންދަމު 4:06 ގައިވެސް މީހަކު މަރުވިއެވެ. އެއީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ބުރާސްފަތި ދުވަހުވެސް ކޮވިޑް ބަލީގަައި ހަތަރު މީހަކު މަރުވިއެވެ. މި އަހަރުގެ މިހާތަނަށް 71 މީހަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ހަތް މަސް ދުވަހުގެ ތެރޭގައި މަރުވީ 51 މީހެކެވެ. މި މަހު އެކަނިވެސް 49 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ.