ވިޔަފާރި

ރަޝިއާ ޓްރޭޑް މިނިސްޓްރީގެ ދައުވަތެއް މަސްކަށް

ޓެސްލާ ކާރު ކުންފުނީގެ ވެރިޔާ އަދި ސީއީއޯ އީލޮން މަސްކްއަށް ރަޝިއާއިން ދައުވަތު ދީފި އެވެ.

ޓްރޭޑް މިނިސްޓްރީން ބުނީ މަސްކަށް ދައުވަތު ދިނީ ރަޝިއާގައި ޓެސްލާ ކާރުތައް އުފައްދައި ގުޅުން ހުރި ވިޔަފާރި ފުޅާކުރުމަށް މަޝްވަރާކުރެއްވުމަށް ކަމަށެވެ.

ޓްރޭޑް މިނިސްޓްރީން ބުނީ ރަޝިއާގައި ޓެސްލާ ފެކްޓްރީތައް ބިނާކުރުމަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް، ހުއްދައެއް މަސްކަށް ދޭނެ ކަމަށެވެ. އަދި ކާރުތައް އުފެއްދުމަށް ފިކުރީ ގޮތުންނާއި ޖާގަ އާއި ތަކެތި ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

ރަޝިއާގެ އެކި އަވަށްތަކުގައި ޓެސްލާ ފެކްޓަރީތައް ބިނާކުރަން މިހާރު ވެސް އިންވެސްޓަރުން ތައްޔާރު ކަމަށް ވަނީ ބުނެފަ އެވެ.

އީލޮން މަސްކް ވެސް ވަނީ މިމޭރުމުން ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ޓެސްލާގެ ކާރުތައް ރަޝިއާއަށް ދާނެ ކަމަށާއި ރަޝިއާ އަކީ ޓެސްލާ ކާރުތަކަށް މުހިއްމު މާކެޓަކަށް ވާނެ ކަމަށެވެ. މަސްކު ވިދާޅުވީ ރަޝިއާގައި ޓެސްލާ ކާރުތައް އުފައްދާނެ ކަމަށާއި ފެކްޓަރީތައް ވެސް ބިނާކުރައްވާނެ ކަމަށެވެ.

ރަޝިއާގެ ޓްރޭޑް މިނިސްޓްރީން ޓްވިޓާގައި އެދިފައި ވަނީ މަޝްވަރާއަށް މަސްކް ރަޝިއާއަށް ވަޑައިގަތުމަށެވެ. ބެލެވޭ ގޮތުގައި މަސްކު ހުންނެވީ ވެސް މިފަދަ ފުރުސަތަކަށް އެދިވަޑައިގެންނެވެ. މަސްކް މިފަހަކަށް އައިސް ވާހަކަތަކުގައި ރަޝިއާ ޝާމިލްކުރައްވައި ދޭތެރެ ދޭތެރެއިން ވާހަކަދައްކަވަ އެވެ.

މަސްކު ވަނީ ގޭމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ރަޝިއާގެ ރައިސް ޕޫޓިންއަށް ވެސް ދައުވަތު ދެއްވާފަ އެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން މަސްކު ހުށަހަޅުއްވާ ޝަރުތުތަކަށް ބައްލަވައި ޕޫޓިން ގޭމެއްގައި ބައިވެރިވެ ވަޑައިގެންފާނެ އެވެ.

މަސްކު ވިދާޅުވީ ރަޝިއާގައި ޓެސްލާ ކާރު ފެކްޓަރީ ބިނާކުރުމަށް ފަހު ދެން އޮތީ ހަނދުގައި ސްޓޭޝަނެއް އިމާރާތްކުރުން ކަމަށާއި އަމާޒަކީ މާސްގައި ދާއިމީ އަވަށެއް ބިނާކުރުން ކަމަށެވެ.