ވާހަކަ

ހީނލާގޮތުން

(20 މެއި 2021 އާ ގުޅޭ)

ނޯޔާގެ ކޮޓަރީގައި ޓަކި ދީފައި އަސްލަން ދޮރު ހުޅުވި އެވެ. އެނދުގެ ބޯލާކޮޅު ފަޑީގައި ލެނގިލައިގެން އިން ނޯޔާއަށް ލިބުނު ސިހުމެކެވެ. އަނބިމީހާއަށް ބަލަން ހުރެ ކޮޓަރި ތެރެއަށް ފިޔަވަޅެއް އަޅާލެވުނު ހިނދު އަސްލަން ވަގުތުން ހުއްޓިއްޖެ އެވެ. މޫނުގައިވި އަސަރުތައް ފޮރުވާލުމަށް އޭނާ އިސް އޮބާލި އެވެ. އެނދުގެ ފައިލާކޮޅުގައި އިން ނެހާ ފެނުނީ އެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. ކޮއްކޮ ބޭނުންވާ މީހާ އެހުރީ އައިހޭ ބުނާ ފަދައިން، ނޯޔާއާ އަމާޒު ކޮށްލި ނެހާގެ ދެ ލޮލުން މާނަވީ އިޝާރާތެއް ކޮށްލި އެވެ. އެ ދެމަފިރިންނަށް ފުރުސަތު ދޭން ނެހާ ތެދުވި އެވެ. ކޮޓަރިން ނުކުންނަން އޭނާ އައެވެ.

"އަސްލަން..." ދޮރު ކައިރިން ފަހަތަށް އަސްލަން ޖެހިލި ހިނދު ނުކުންނަން އައި ނެހާ ގޮވާލި އެވެ. އަސްލަން ހަމައެކަނި ބޯ ޖަހާލީ އެވެ.

ނެހާ ދިއުމުން އަނެއްކާވެސް އަސްލަން ނޯޔާގެ ކޮޓަރިއަށް ވަނެވެ. އެނދުން ތެދުވެ ނޯޔާ ހުރީ ކޮޓަރީގެ މެދެއްހާ ހިސާބުގައި ހުއްޓިލައިގެންނެވެ. ދެއަތް އުރާލައިގެން ދޮރަށް ފުރަގަސްދީގެންނެވެ. ވާހަކަ ދެއްކުމުގެ ކުރީން ކޮޓަރީގެ ދޮރު އަސްލަން ފަހަތުން ލައްޕާލި އެވެ. ދެން މަޑުމަޑުން ނޯޔާއާ ކައިރިއަށް ޖެހިލި އެވެ.

"އަހަރެން މިއައީ ނޯޔާ ބަލާ." އަސްލަން ލަސް ނުކޮށް ބުންޏެވެ. ނޯޔާއަށް ދެ ލޯ މަރާލެވި ހިންދިރުވާލެވުނެވެ. އެހެންވިޔަސް އަސްލަންއާ ކުރިމައްޗެއް ނުލިއެވެ.

"ނޯޔާ!. ޕްލީޒް... ގެއަށް ހިނގާ. އަހަރެންގެ އަނބިމީހާއާ ނުލާ އެތަން ފަޅުތަނަކަށް ވެއްޖެ. ނޯޔާ ނެތުމުން އެކަނިވެރިކަން އިހްސާސް ކުރެވެނީ. ރޭގަ ނޯޔާ ގެއިން ނުކުތީއްސުރެ މި ހިތް އެހެންޏާ ނުތެޅެވޭ ވަރަށް ބާރަށް އެބަތެޅޭ. ކުރަންނުވާ ފަދަ ހިޔާލުތައް ކުރެވެނީ. މިހިތަށް ދަތިކަމާއި ތުރާ ލިބެނީ... ރެއިން ފެށިގެން މެންދުރުވަންދެން އެގޮތްމިގޮތަށް އަހަރެން މި ތެޅިފޮޅުނީ. ކެތްނުކުރެވިގެން މިއައީ. ހިނގާ އަހަންނާއެކު."

ނޯޔާ މޫނުގައި އަތް އަޅާލި އެވެ. އެ ދެ ލޮލުން ކަރުނަ އޮހެނީ އެވެ. އަސްލަން ބޭރުކުރި ބަސްތަކުގައި ވަނީ ކިހާވަރެއްގެ ތެދުވެރިކަމެއް ކަމާމެދު ނޯޔާގެ ހިތް ސުވާލު ކުރެ އެވެ. ފަހަތުން އޭނާގެ ދެކޮނޑުގައި އަސްލަން ހިފާލިކަމުގެ އިހްސާސް ކުރެވުނެވެ. އަދި އަސްލަންގެ ބާރުގައި އޭނާއާ ކުރިމަތިވާނޭހެން ނޯޔާ އަނބުރާލި އެވެ. ނޯޔާގެ މޫނުގައިވި ދެއަތްތިލަ އަސްލަން ދުރުކޮށްލި އެވެ.

"އަހަންނަށް މަޢާފުކުރޭ. އަހަރެން ގަބޫލު ކުރަން ކޮންމެވެސް ކަމެއް އަހަރެންނަށް ކުރެވިއްޖެކަން. ނޯޔާ ރޯތަން ފެނުނީމަ ވަރަށް ބޮޑަށް ގިލްޓީ ފީލްވޭ. އަހަރެންނަށް ކުރެވުނު ކަމެއް ނޭނގެ. ޔަގީނުން ވެސް ގަސްދުގައި ނޯޔާ ރޯންޖެހޭ ވަރު ކަމެއް އަހަރެން ނުކުރާނަން. ވީގޮތް ނޯޔާ ބުނާނޭ ކަމަށް މިހުންނަނީ. ނޯޔާ ދައްކާ ވާހަކަ އަހަރެން އަޑު އަހާނަން. ޕްލީޒް... ތި ވަރަށް ނުރޮއެ. ދެން ހުއްޓާލާ!. އަހަރެންނާ ވާހަކަ ދައްކަން ހިނގާ ގެއަށް. އަހަރެން ބޭނުން ވަނީ ނޯޔާ ގޮވައިގެން ގެއަށް ދާން. އަހަރެމެން ދެ މީހުން ތިބެގެން، މިވެގެން އުޅޭކަމެއް ހައްލު ކުރަން. ދެމީހުން ވާހަކަ ދައްކަން." ނޯޔާގެ ކޯތާފަތް ފުހެދެމުން އަސްލަން ވާހަކަ ދެއްކި އެވެ. ބޯ އަރިކޮށްލައި ނޯޔާގެ ދަތްދޮޅީގައި ހިފަހައްޓާލައިގެން ހުރެ ދެ ފަރާތު ކޯތާފަތުގައި ބޮސްދިނެވެ.

"އަސްލަން ވަރަށް ގޯސް." ނޯޔާގެ ބަސްމަގު ހުރީ ކުޑަކުއްޖަކު ފަދައިންނެވެ. އަސްލަންގެ ކަނާތު މުލައްދަނޑީގައި ނޯޔާ ޖަހާލި އެވެ. އެ ބީހުން އަސްލަންއަށް އިހްސާސް ކުރެވުނީ ފިރުމާލުމެއްހާ މަޑުންނެވެ. އަސްލަންގެ ހިތް މިފަހަރު ލޯބިން ފުރުނީ އެވެ. އަނބިމީހާ ގެނެސް މޭގައި ފޮރުވާލި އެވެ. ދެއަތުގެ ތެރޭ އަނބިމީހާގެ ހަށިގަނޑު ފިއްތާލެވުނެވެ. ނުހަނު ގާތްކޮށްލަން އަސްލަންގެ ހިތް އެދުނީމައެވެ.

"ގެއަށްދާން ހިނގާ." ނޯޔާގެ ކަންފަތްދޮށުގައި އަސްލަން އެދުނެވެ. މިފަހަރު ނޯޔާ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. ދެ ހަށިގަނޑު ދުރުކޮށްލީ ވެސް އަސްލަން އެވެ. ހިނިތުންވުމަކާއެކު ނޯޔާގެ މޫނަށް އަސްލަން ބަލާލީ ފަރުވާތެރި ކަމާއެކު އެވެ.

"އައި އޭމް ސޮރީ." ނޯޔާގެ ރަތްވެފައިވާ މޫނާއި ދުޅަކަން އެކުލެވިފައިވި ދެ ލޮލަށް ބަލަން ހުރެ، އެ މޫނުގައި ފިރުމަމުން އަސްލަން ބުންޏެވެ.

"ކީއްވެ ރޭގަ ބަލާނައީ." ޝަކުވާއާއެކު ތުންކޮޅު ހަދާލަމުން ނޯޔާ ބުންޏެވެ. ހައިރާންކަން އަސްލަންއަށް ލިބުނެވެ. ރޭ ހަތަރުދަމު އޭނާ ކުރި ސުވާލެއްގެ ޖަވާބު ނޯޔާ ދިނުމުންނެވެ. ނޯޔާ ބަލާ އަންނަން އޭނާ ނުހަނު ބޭނުންވި އެވެ. ހަމައެއާއެކު ނޯޔާއަށް ވަގުތު ދޭން ވެސް ބޭނުންވިއެވެ.

"ސޮރީ!... ބިރުގަތީ!. ހިފަހައްޓަން މާބޮޑަށް އުޅެފިނަމަ އަހަރެން ދެކެ ފޫހިވެދާނެތީ." އަސްލަން ބުންޏެވެ. މިފަހަރު ނޯޔާ އަމިއްލައަށް ކުރިއަށް ޖެހި އަސްލަންގެ މެދުހަށީގައި ދެއަތް ވަށާލައި އެ މޭގައި މޫނު ފޮރުވާލައިފި އެވެ.

"ބައިވަރު ސުވާލު އެބަހުރި." އަސްލަންގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ނޯޔާ ވާހަކަ ދެއްކި އެވެ.

"ހުރިހާ ސުވާލަކަށް ޖަވާބު ދޭނަން." ނޯޔާގެ ބޮލުގައި ފިރުމަމުން އަސްލަން ޔަގީންކަން ދިނެވެ.

އަސްލަންގެ އަތުގެ ތެރެއިން ނޯޔާ ދުރަށް ޖެހެންދެން އެގޮތުގައި ހުއްޓެވެ. ރުއިން ހުއްޓިފައި ވިޔަސް ފިރިމީހާއާ ދުރަށް ޖެހިލުމުގެ ގަސްދެއް ނޯޔާގެ ނެތް ފަދަ އެވެ. ފިރިމީހާގެ އޯގާތެރިކަމާއި އެ ސަމާލުކާއި ހަށިގަނޑުގެ ހޫނު ކަމަށް ނޯޔާގެ ހިތް ދަހިވެތިވެފައި ވެއެވެ.

"ނޯޔާ!" އަސްލަން މަޑުމަޑުން ގޮވާލި އެވެ. ނޯޔާ ހޫނ ލައްވާލި އެވެ.

"ދެން ހިނގާ. މިތަނުގައި ވާހަކަ ކުރިއަށް ގެންދަން ފަސޭހައެއް ނޫން. އަހަރެން ވެސް ސުވާލެއް ކުރަންވެފަ އެބައޮތް. އެހެރަ ދޮރުގެ އަނެއް ފަރާތުގައި ނޯޔާގެ އައިލާ ތިބޭނެ. އެ އެންމެންގެ ކުރިމަތީ އަހަރެމެން މިހެން އުޅުނީމަ ކިހިނެއްވާނީ. އަހަރެން ނޯޔާ ދައްކާ ކޮންމެ ވާހަކައެއް ވެސް އަޑު އަހާނަން. އެހެންވީމަ ހިނގާ އަހަންނާއެކު." އަސްލަން ވާހަކަ ދެއްކީ މަޑުމަޑުން އޯގާތެރިކަމާއެކު އެވެ. މޫނު ދެއަތްތިލައިން ފުހެލުމާއެކު ނަޒަރު ސީދާކޮށްލައި ނޯޔާ ބޯ ޖަހާލި އެވެ. ދާން ތައްޔާރޭ ދޭހަވާ ފަދަ އިޝާރާތަކުންނެވެ.

"އެބަ އަންނަން. ނޯޔާގެ މަންމައާ ބައްދަލުކޮށްފަ. މިވަގުތު އަހަރެން ބޭނުމީ އަހަރެމެން ދެމީހުން އެކަނި ތިބެ ވާހަކަދައްކަން. ކުދީންގެ ސަބަބުން މިކަން ފަސްވާން ނޭދެން. މަންމަ އުޅެނީ އަރީން ގޮވައިގެން ޑަކްޓަރަށް ދާން. މަންމަމެން ބަޔަށް ކުދީން ފޮނުވޭކަށް ނެތް. އަހަރެމެންނަށް އެވަރުކަމެއް ކޮށްދޭނެ، އަދި އަހަރެންނަށް އިތުބާރު ހިފޭ ބަޔަކީ ނޯޔާގެ އާއިލާ. ނޯޔާގެ މަންމަ ގާތުގައި އެކުދީން ބައިތިއްބާލަން ބުނަންތަ؟" އަސްލަން ގަސްދުކުރި ގޮތް ފާޅުކޮށް އެކަމުގެ އިޒްނަ އަހާލި އެވެ.

"އަހަރެން ވެސް ފަހަށް ބާއްވާކަށް ބޭނުމެއް ނޫން. ހުރިހާކަމެއް މިހާރު މިވަގުތު އެނގެން ބޭނުމީ." ނޯޔާ ބުނެލި އެވެ. އަސްލަން ބޯ ޖަހާލުމާއެކު އެ ކޮޓަރިން ނުކުތެވެ.

ސިޓިންރޫމުގައި ނެހާގެ ދެމަފިރިންނާއެކު ނޯޔާގެ މަންމައާއި ބައްޕަ ތިއްބެވެ. އަނުމް އިނީ އައްޔޫބުގެ އުނގުގަ އެވެ. ދެންތިބި ދެބޭން ނެހާގެ ފިރިމީހާ ދައްކާ ކުޅިވަރެއްގައި ޖެހިފައި ތިއްބެވެ. އެމީހުން ފެނުމުން އަސްލަން ލަދުގަތެވެ. ދެރަ ވެސް ވިއެވެ. ނޯޔާ ރޮމުންރޮމުން ގެއިން ނުކުތީ ރޭގަނޑުގެ ވަގުތުގަ އެވެ. އަންހެން ދަރިފުޅު އެ ހާލުގައި އެ ރޭގަނޑު އައުމުން ކަންބޮޑުވެ ހާސް ނުވާނޭ މައެއް، ބަފައެއް ނުހުންނާނެ އެވެ. އެގޮތުގައި ނޯޔާ ދާން ދޫކޮށްލީތީ އެމީހުން ކުށްވެރި ކުރާނީ އަސްލަންކަން ޚުދު އޭނާއަށް އެނގެއެވެ. އަނބިމީހާ އުފަލުގައި ބެހެއްޓުމަކީ ފިރިމީހާގެ ޒިންމާއެކެވެ. އޭނާގެ ސަބަބުން ނޯޔާ ހިތާމަކުރާކަށް ނޭދެއެވެ. އެހެންވިޔަސް ނޯޔާގެ ހިތުގައި ޖެއްސިއްޖެ އެވެ.

"މަން...މަ..." ނުކެރިފައި ހުރިވަރުން އަސްލަން އާގަތެވެ. އޭނާއަށް ވަކިން އުނދަގޫވީ ނެހާގެ ނަޒަރު ހުއްޓިފައި ހުރުމުންނެވެ. ނޯޔާގެ ދައްތަގެ ތުންފަތުގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. އުމުރުގެ ތަފާތު ދެމެދުގައި ވިޔަސް ނޯޔާއާ ކައިވެނި ކުރި ހިސާބުން ނެހާ އެވަނީ ދޮށީ ވެފައެވެ. އޭނާގެ އެ ހުންނަ ދިމާކުރާ ސަމާސާ މިޒާޖު އަސްލަން ހިމޭން ވާން މަޖުބޫރު ކުރުވައެވެ. ރަކިވާނީ އަސްލަންކަން އެނގޭތީ އެވެ.

"ރޫމާ، ދޭބަލަ އެސޮރު ބޭނުންވަނީ ކޮންކަމެއްތޯ ބަލަން." އެންމެންގެ ކައިރިއަށް އަންނަން ނުކެރިފައި އަސްލަން ހުރިކަން އެނގި އައްޔޫބު އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ.

"ކޮބާ ނޯޔާ؟ މަންމަ ހީކުރީ ދަރިފުޅު އައީ ނޯޔާ ބަލާ ކަމަށް." އަސްލަންގެ ގާތުގައި އައިސް މަޑުކޮށްލުމާއެކު ރޫމާ ބުންޏެވެ.

"ނޯޔާ ގޮވައިގެން ދާނީ. މަންމަ ގާތުން ކަމަކަށް އެދެންތަ؟" އިސްޖަހަމުން ދޭތެރެއަކުން ރޫމާއަށް ބަލަމުން އަސްލަން ވާހަކަ ދެއްކި އެވެ.

"އަވަހަށް ބުނޭ." ހައިރާން ކަމާއެކު ރޫމާ ބުންޏެވެ.

"އަހަރެންގެ ތިން ކުދީން މިގޭގަ ބަހައްޓާލެވިދާނެތަ. އަންނާނަން ބަލާ. ނުވާނެ ގިނަ އިރެއް." އަސްލަން ބުނެލި އެވެ.

"އެކުދީން ބައިތިއްބާ، މަންމައަށް ނުވާނެ އުނދަގުލެއް... ތި ދެކުދީން ހަމަޖެހިގެން އާދޭ. އަސްލަން!. މަންމަ ވެސް އެބައޮތް ވާހަކައެއް ދައްކާލަން. މަންމައަށް ފެންނަ ގޮތުގައި ނޯޔާއާއި އަސްލަންއާ ދެ ކުދީން ވެސް މި ކައިވެނި ދަމަހައްޓަން މަސައްކަތް ކުރޭ. އެކަކު އަނެކަކަށް ބޭނުންވޭ... ހިތުގައި ކަންކަން ނުފޮރުވާ!. އަނބިމީހާއާ ވާހަކަ ދައްކާ!. ދަރިފުޅުގެ ބަސް އަހާ ކިޔަމެންތެރި އަނތްބަކަށް ނޯޔާ ވާނެ. ލޯބި ދީގެން ލޯބި ހޯދޭނީ. ގޭގައި އިންނަ އަނބިމީހާއަށް ފިރިމީހާގެ ސަމާލުކަމާއި އަޅާލުމާއި ލޯބި އިންތިހާއަށް ބޭނުން ވާނެ، އެހެންނޫނީ އެ އަނބިމީހާއެކޭ ގޭގައި ހުރި ފަރުނީޗަރެކޭ ކޮބާ ތަފާތެއް. މަންމަ ގަބޫލު ކުރަނީ ދިރިއުޅުމުގެ ކަންކަން އަސްލަންއަށް ވިސްނޭނެ ކަމަށް. ތީގެ ދެ ކުދީން އެކަކު އަނެކަކު ދަސްކުރަން މަސައްކަތް ކުރާން ވާނެ. ތި ގުޅުން އާބަދުވާނީ އޭރުން. ހިތްހަމަޖެހުން ދެމިއޮންނާނީ އޭރުން. ކަންކަމުގައި ކޮންމެވެސް އެކަކު އިސްނަގަން ޖެހޭނެ. ދެމީހުން އެކަކުއަނެކަކަށް ފާވެފާވެ ތިބީމަ، ކޮންކަމެއް ހާސިލުވާނީ. ކައިވެންޏަކީ ނޯޔާއަށް އާ ގުޅުމެއް. މަންމަގެ އެ ދަރިފުޅު މި ކައިވެންޏާ ކުރިމަތިލީ ޖެހިލުންވެ ބިރުން ހުރެ. ކައިވެނީގެ އުފާވެރިކަމާއި އެ ގުޅުމުން ލިއްބައިދޭ ފޮނި މީރުކަން ބުނެދޭން އަސްލަން މަސައްކަތް ކުރޭ." އަސްލަންގެ ވައަތު މުލައްދަނޑީގައި ރޫމާ ފިރުމާލި އެވެ. ބަސްއަހައިގެން ހުރި ކުޑަކުއްޖަކު ފަދައިން އަސްލަން ހުރީ އިސް އޮބާލައިގެންނެވެ. ރޫމާ ދެއްކި ވާހަކަ ކަނުލާ އަޑު އަހާށެވެ.

"ދުވަހަކު ވެސް ވަކިވާކަށް ނޭދެން. ނޯޔާ ރުއްސާނަން. އޭނާ އުފަލުގައި ގެންގުޅޭނަން." އަސްލަން ވަޢުދުވި ކަހަލައެވެ.

ނޯޔާ ގޮވައިގެން އެގެއިން އަސްލަން ނުކުތެވެ. އަމިއްލަ ގެއަށް ވަދެވި އެޕާޓްމެންޓާ ހަމައަށް އާދެވެންދެން ނޯޔާގެ އަތުން އަސްލަން ދޫކޮށެއް ނުލައެވެ. އެ އަތުން އޭނާ ދޫކޮށްލަން ޖެހުނީ ޖީބުގައި އޮތް ތަޅުދަނޑިފަތި ނަގައި ދޮރު ހުޅުވާށެވެ. ގޭތެރެއަށް ވަދެވުމާއެކު އަނެއްކާ ވެސް ނޯޔާގެ އަތުގައި އަސްލަން ހިފައިފި އެވެ. އަނބިމީހާ ގޮވައިގެން އައިސް އޭނާ އިށީނީ ސިޓިންރޫމުގައި ހުރި ސޯފާތަކުން ސޯފާއެއްގަ އެވެ.

"އަހަރެން ނޯޔާ ބޭނުން. ވަރަށް ބޮޑަށް ބޭނުން. މެރީ ކުރިއިރު ހެނެއް ނޫން. މިހާރު ތީ ވަރަށް ހާއްސަ މީހެއް. މި ހިތްވަނީ ނޯޔާ ބަލައިގެންފަ. ނޯޔާ އެނގެން ފެށީ ކައިވެނީގެ ފަހުން. ތީ އުނިކަމެއް ނުވާ ރީތި ކަމެއް. ފިރިހެނަކަށްވެ ހުރެ ތި ހަށިގަނޑާ ކައިރި ނުވާން އަހަރެން ހަނގުރާމަ ކުރަން. އެ ގޮވާލުމަށް އަހަރެން އިޖާބަ ނުދެނީ ނޯޔާގެ ނަފްސު ތައްޔާރު ނޫން ކަމަކަށް ގޮވާލެވިދާނެތީ. އަހަރެން އެދެފި ކޮންމެކަމެއް ނޯޔާ ކުރާނޭކަން އެނގޭ. ނޭނގެނީ އެއީ ހިތާ ދެކޮޅަށް ކަމެއް ނޫނީ ނޯޔާ ވެސް ރުހިގެން ކަމެއް. ހަމައެކަނި ފިރިމީހާވީމަ އޭނާ ބުނީތީ... އޭނާ ކަމަކަށް އެދުނީތީ ކުރާ އަނތްބަކަށް ނޯޔާވާން ބޭނުމެއް ނޫން. އަހަރެންނަށް ނޯޔާދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށް. އަހަރެންގެ ކަންތައްތަކާއި ކުދީންގެ ކަންކަން ނޯޔާ ކުރަނީ ކިހިނެއްތޯ ބަލާ ނުލެވޭކަން އެނގޭ. ނޯޔާ ދުވަހަކު ވެސް ޝަކުވާއެއް ނުކުރޭ. އެއްޗިއްސެއް ނުކިޔާ... ނޯޔާއަށް ފަސޭހަ ކޮށްދޭން ބޭނުންވިޔަސް އެ ހިޔާލު އޮންނަނީ ހަމައެކަނި ސިކުނޑީގައި، އަހަރެންނަށް ނޭނގޭތީ ކައިރިވާތަނުން ގޯހެއް ހެދިދާނޭ ހީވާތީ. އެންމެ ރަނގަޅުވާނީ ނޯޔާ ކުރާން ދޫކޮށްލިއްޔާއޭ ހިތް ބުނާތީ. ވާހަކައެއް ބުނަން ބޭނުންވިޔަސް ނޯޔާ ހީކޮށްފާނޭ އެއްޗަކާމެދު ހާސް ފަހަރު ވިސްނަން."

"އަހަރެން ދެކެ ލޯބިވޭތަ؟" އަސްލަން ނޭވާއަކަށް ވާހަކަ މެދުކަނޑާލި ހިނދު ނޯޔާ ސުވާލު ކުރި އެވެ. އޭނާގެ ދެއަތްތިލައިގަ އަސްލަން ހިފާލުމާއެކު ވަގުތުން ބޯޖަހާލިއެވެ.

"ވަރަށް ލޯބިވޭ. ތި ނޫން ހިޔާލެއް މިހާރު ނުކުރެވޭ. ނޯޔާއާއެކު ދެމަފިރިން އުޅޭނޭ ފަދަ ރީތި އުފާވެރި ދިރިއުޅުމެއް އުޅުމަށް ހިތުގައި ރޭވުންތައް ރާވަމުން ގެންދިޔައީ." އަސްލަން ބުންޏެވެ.

"ދެން ލޫނާ؟ އޭނާދެކެ ފޫހިވީތަ؟"

"ލޫނާއާ މިކަމާ ގުޅުމެއް އޮތީތަ؟ އަހަންނަށް ނުވިސްނުނު. ތި ދެމީހުން އަޅާކިޔާފައެއް ނުވާނެ. ނޯޔާ ތީ އަހަރެންގެ އަނބިމީހާ. އަހަރެން ލޯބިވާ މީހާ. އެހެން އެއްވެސް އަންހެނަކާ އަހަރެންގެ އަނބިމީހާ އެއްވަރެއް ނުވާނެ. އަހަންނަކީ ހަމައެކަނި އޭނާގެ ހައްގެއް." އަސްލަން ހައިރާންވެ އިނދެ ވާހަކަދެއްކި އެވެ.

"އަސްލަން ހަމަ ތެދަށްތަ ތިބުނީ؟" ނޯޔާ އަދިވެސް ސުވާލު އުފެއްދި އެވެ.

"އާނ! ދޮގެއް ނުހަދާނަން. ކުރިން ވެސް ބުނަމުން އައިހެން ލޫނާއަކީ ރައްޓެއްސެއް. މިގެއަށް އަންނަން ފެށީ މައިރާގެ ރަހުމަތްތެރިކަމުގައި، އޭނާއަކީ އަހަރެންގެ އޮފީސްމޭޓެއް. މައިރާ ދިމާވުމުގެ ކުރީން ވެސް އަދި އޭނާގެ ވަކިވުމަށްފަހު ވެސް އަހަރެން އަންހެނަކާ ނަހަމަ ގުޅުމެއް ނުބާއްވަން. ނޯޔާއާ ކައިވެނި ކުރުމަށްފަހު ވެސް އަހަރެން ނޯންނާނެ ހިލޭ އަންހެނަކާ އެފަދަ ގުޅުމެއް ހިންގާފައެއް. ﷲ ގަންދީ ހުވާކުރަން. ނޯޔާއަށް ބޭވަފާތެރިއެއް ނުވަން. ނުވެސް ވާނަން. އިންޝާﷲ! ދުވަހަކު ވެސް ނުވާނަން." އަސްލަންގެ ދެ ލޮލުން އޭނާގެ ބަހުގެ ތެދުކަން ހެކި ދެއެވެ. ނޯޔާ ކޮޅަށް ތެދުވި ގޮތުން ހީވީ ސިކުނޑީގައި ހިނގަމުންދިޔަ ހައިޖާނު އިތުރަށް އޮޅުންބޮޅުންވެ ކެތްކުރަން ދަތިވީ ހެނެވެ.

"ނޯޔާ، ހެޔޮ ނުވާނެ... ކޮބާކަން މައްސަލައަކީ ސާފުކޮށް ބުނެދީބަލަ. އޭރުން އަހަރެންނަށް އެނގޭ އެއްޗެއް ކިޔާ ދެވޭނީ." ނޯޔާގެ މާޔޫސްކަން ފެނި އަސްލަންއަށް ބުނެލެވުނެވެ.

"އަހަރެން ދުށީމޭ... ތި ދެމީހުން. ކީއްވެ އަސްލަންގެ ސައިކަލު ފަހަތަށް އޭނައަށް އެރެންވީ. އަހަރެން ގޮވައިގެން މިގޭ ދޮރުން ބޭރަށް ވެސް އަސްލަން ނުނިކުމޭ. އަހަންނެއް ނޫންތަ އަސްލަންއާއެކު ސައިކަލު ފަހަތަށް އަރާން އިންނަން ޖެހޭނީ. އެ މަންޒަރު އަހަންނަށް ދެއްކީ ޔަޝާ. އެކުވެރިޔާގެ ކުރިމަތީ އަހަރެން ފަލީހަތްވީ ކަހަލަ. ކޮންމެ ފަހަރަކު ލޫނާ ކީއްވެތަ އަސްލަންގެ ކައިރީ ހުންނަންވީ. ފެމެލީ ޑޭގަ ކީއްވެ އަހަރެން ނުގެންދެވެންވީ... ގައިމު އަސްލަންގެ އަނތްބަކީ އަހަންނެއްނޫންތަ؟ އެކުދީންނަކީ މިހާރު އަހަރެމެން ދެމީހުންގެ ދަރީންނެއް ނޫންތަ؟ އެކުދީންގެ މަންމައަކީ މީއެއް ނޫންތަ؟ ދެން ދުނިޔެއަށް އެކުދީންގެ މަންމައެއްގެ ގޮތުގައި ނޫނީ އަސްލަންގެ ބައިވެރިޔާގެ ގޮތުގައި އެހެން އަންހެނަކު ދައްކަން މަސައްކަތް ތިކުރަނީ ކީއްވެތަ؟ އަހަންނަށް ބުނެދީބަލަ! ރިދާން... ރިދާނު ވެސް ހިތްހަމައެއްނުޖެހޭ ލޫނާއާ މެދު. އޭނާ މާކުރިން ބުނެފި ލޫނާ މިބަޔަށް އެހާ ގިނައިން އަންނަނީ ކީއްކުރަންތޯ. ފާޑުފާޑުގެ ވާހަކަ ދައްކާވަރު އަހަރެން ސުވާލު ކުރީމަ ބުނީ ކީކޭކަން އެނގޭތަ؟. ލޫނާއާއި އަސްލަން ކައިރިވީހެން އޭނާއަށް ހީވެފައި އޮތްކަމުގައި. މިބައިން ތި ދެމީހުން ގައިގޯޅިކޮށް ރިދާނަށް ފެނުނީ..."

"ތީ އަދި ތެދެއްނޫން. އެކަމަކު އަހަރެން އެއްބަސް. އަހަރެންގެ ސައިކަލު ފަހަތަށް ލޫނާ އެރުވިން. ރިދާނަށް އެ ފެނުނީ ހަގީގަތެއް ނޫން. ނޯޔާގެ މީހުން ކުރިމަތީ ނޯޔާ ލަދުގަންނަވަރު ކަމެއް އެނގިހުރެ އަހަރެން ނުކުރާނަން. ލޫނާއާ ދިމާއަށް މިގެއަށް ނާންނަން ނޯޔާ ބުނި ދުވަހުން ފެށިގެން އަހަރެން ވެސް ހުރީ އެ ނިންމުން ގަބޫލު ކޮށްގެން. މިހާރު ލޫނާ މިގެއަށް އަންނަންޖެހޭ ސަބަބެއް ހަގީގަތުގައި ނެތް. އެކަން އެނގޭތީއާއެކު ލޫނާ ކައިރީ އޮފީހުން ދިމާވެގެން ވެސް ބުނިން ދެން ގެއަށް ނާންނާށޭ. ލޫނާގެ ރަހުމަތްތެރިއަކީ މައިރާއޭ. ނޯޔާ ނުޖެހެއޭ މައިރާ ރައްޓެހިންނާ ރަހުމްތެރިކަން ބާއްވާކަށް. ގޭތެރޭގެ ހުރިހާ ކަމެއްގައި ބަސްބުނާނީ މިހާރު ނޯޔާކަން ބުނިން. އެކަމަކު އަހަރެންގެ ބަހަށް ވެސް އޭނާ އިހްތިރާމެއް ނުކުރި. ނަމާދަށް ދާން ނުކުތްވަގުތާ އޭނާ ގޭދޮށް އައި ވަގުތާ ދިމާވީ. ޔަޝާ ވެސް އުޅޭތީއާއެކު ނޯޔާ ހިތްހަމަނުޖެހޭނޭ ވަރު އެނގޭތީ އަހަރެން އަމުރުކުރީ އެނބުރި ގެއަށް ދާން. އެކަމަކު އެވަގުތު ކުއްލިއަށް ހިތަށް އެރީ އަހަރެން އެހެން ބުނެފައި މިސްކިތަށް ދާ ވަގުތު އަނެއްކާ އޭނާ ގެއަށް ވަންނަން ދިމާކޮށްފާނޭ. އެހެން ހިތަށް އަރައިގެން ސައިކަލު ފަހަތަށް އެރުވީ. އޭނާ ގެންގޮސް އޭނާގެ ގޭ ދޮށަށް ބާލާފައި އަހަރެން މިސްކިތަށް ދިޔައީ. ރިދާނަށް އާދެވުނު ދުވަހަކީ ވެސް ލޫނާ އަމިއްލައަށް ކުރި ކަމެއްގެ ސަބަބުން މެދުވެރިވީ ހާލަތެއް، ސައި ހަދަން އެޅި ހޫނުފެންތަށި ބަންޑުންވީ ގޮތެއް ނޭނގުނު. ލޫނާ ނޫނަސް އެވަގުތު އެހެން އަންހެނަކު ހުއްޓަސް އަހަރެންނަށް ކަންތައް ކުރެވޭނީ ހަމައެހެން. އަތް ފިހިދާނެތީ ލޫނާގެ އަތް ގެނެސް ސިންކު އިސްކުރާ ދިމާކުރީ. ހަމައެވަގުތު ރިދާން ވަނީ. ނޯޔާ ނެތި އަހަރެމެން ދެމީހުން އެކަނި ފެނުމުން އޭނާ ހިތްހަމަނުޖެހުނުކަން އެނގޭ. އިއްޔެ ވެސް ލޫނާ އަހަރެމެންގެ ފަހަތުން އަޅުވާލީ. އަހަރެން ވެސް ހުރީ ވަރަށް ހިތްހަމަނުޖެހިފަ. ރުޅި އާދެވުނު... އެއްޗެހި ވެސް ކިޔުނު. އޭނާ އެ ފާޑަށް އުޅެނީ ކީއްވެކަން ކޮންމެވެސް ވަރަކަށް އަހަރެންނަށް ވިސްނިއްޖެ. ނޯޔާ... ގަބޫލުކުރޭ. އަހަންނަކީ ހަމައެކަނި ނޯޔާގެ މީހެއް." އަސްލަން ތެދުވެގެން އައިސް ނޯޔާގެ ކުރިމަތީ ހުއްޓުނެވެ.

"ލޫނާގެ އަނގައިންނޭ ބުނީ. ތި ދެމެދުގައި ގުޅުމެއް ހިނގިކަން..." ނޯޔާ މާޔޫސްވެ މޮޅިވެފައި ހުރިވަރު އެ މޫނުން ފާޅުވޭވޭ ހުއްޓެވެ.

"ކޮންތާކަށް؟" ނޯޔާ ހިނގައިގަތުމުން އަސްލަން ހާސްވި އެވެ. ނޯޔާގެ ކޮޓަރިއަށް ގޮސް ވަނުމުން އޭނާގެ ފަހަތުން އަސްލަން އައެވެ.

"ކީއްކުރަން ތިއުޅެނީ؟ ކޯއްޗެއް ތި ހޯދަނީ؟" ނޯޔާ އަލަމާރި ހުޅުވައި ފަތްޖަހާފައި ހުރި ހެދުންތައް ބަލަން ފެށުމުން އަސްލަން ސުވާލު ކުރި އެވެ. ކިހިނެއްވާން ކަމެއް މިއުޅެނީ ނޭނގޭތީ އަސްލަން ހުރީ އިންތިހާއަށް ކަންބޮޑުވެފަ އެވެ. އެ ދެމަފިރިންގެ ދެމެދަށް ލޫނާގެ ނުފޫޒު ގަދަވެފައި އޮތް މިންވަރު އަންދާޒަ ކުރެވުނީ އަދި ކިރިޔާ އެވެ. އަނެއްކޮޅުން އޭނާ ކަންތައްތައް ސިއްރުކުރީ ނޯޔާއަށް ތަކުލީފެއް ނުދިނުމަށެވެ. އެހެންވިޔަސް ސިއްރު ކުރުމުގެ ސަބަބުން ކަންތައް މިވަނީ ހީނުކުރާ މިންވަރަށް ގޯސްވެފަ އެވެ. (ނުނިމޭ)