ނަޝީދަށް އަމާޒު ކުރި ހަމަލަ

ހަމަލާގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަދައްކާތީ ފުލުހުން ކަންބޮޑުވެއްޖެ

May 23, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ތަހުގީގު ކުރަމުން ދަނިކޮށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދައްކާތީ ފުލުހުން ކަންބޮޑުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރައްވާފައިވާ ޓްވީޓްތަކެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކުރެވިގެން މިމަހު ހަވަނަ ދުވަހު ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅޭ ތަހުގީގު، ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދަނީ ވަރަށް ރަނގަޅަށް އިންތިޒާމްވެ، ބޭރުގެ މާހިރުންގެ ފަންނީ ލަފައާއި އެއްގޮތަށް ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ބަލަމުންދާ ކަމަށެވެ. ހަމަލާއާއި ގުޅޭ ކިތަންމެ ކުޑަ މައުލޫމާތެއްވިޔަސް އަދި ވަރަށް ގިނަ މައުލޫމާތުވިޔަސް އެއްވެސް ފަރާތަކަށް މައުލޫމާތު އެނގޭނަމަ ފުލުހުންނާއި ސީދާ ހިއްސާކޮށްދިނުމަށްވެސް ސީޕީ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

"މިފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރުން އެދެން. މައުލޫމާތު ހިއްސާކުރެއްވުމަށް ގުޅުއްވާނީ 9704000 އަށް. މައުލޫމާތާއި ފޮޓޯއާއި ވީޑިއޯ ތިރީގައިވާ ލިންކު ބޭނުން ކުރައްވައިގެން ހިއްސާ ކުރައްވާ
https://u.police.mv/evidence ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަން،" ސީޕީ ހަމީދު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ފުލުހުން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހްމީން އަހްމަދާއި، ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހުގެ އިތުރުން މއ. ފޭރުގެ މުޖާޒް އަހްމަދެވެ. މި ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށް ސީޕީ ހަމީދާއި ޕީޖީ ހުސައިން ޝަމީމް ކުރިން ވިދާޅުވެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ސުވާލު އުފައްދަވާ ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ބައެއް މެންބަރުން ވެސް ހިމެނެ އެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވަނީ ރައީސް ނަޝީދަށް ދެވުނު ހަމަލާގެ އަސްލު ގުޅިފައި އޮތީ ހަމައެކަނި ހަރުކަށި ފިކުރާ ކަމަށް ދެކި ތަހުގީގު ހިނގާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"ވަރަށް ކަންބޮޑުވާ މައްސަލަ އެއް. ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އަކީ ހަރުކަށި ފިކުރުގެ ހަމަލާ އަކަށް އެ ހަމަލާގެ އަސްލު ބެލުމަކީ! އެހެން އެތައް ކަމެއް ވަށައިގެން އެބަ ތިލަވޭ! ވެށިން ލިބޭ މައުލޫމާތަށް ބަލާއިރު! ވަރަށް ވާހަކަ،" އަނދުން ހުސައިން ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރުމުގައި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި އދގެ ކަމާ ގުޅޭ ދާއިރާތަކުން ވެސް ގެންދަނީ ދިވެހި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އިނގިރޭސިވިލާތުގެ ފަންނީ މާހިރަކު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ.