ދުނިޔެ

ގުޅުން ދެމެހެއްޓޭނީ ޕޫޓިއާ ބައިޑަންގެ މަޝްވަރާއިން: ދިމިތުރީ ޕެސްކޯފް

ރެނދުއަޅާފައިވާ އެމެރިކާ-ރަޝިއާ ގުޅުން ދެމެހެއްޓެން އޮތް ހަމައެކަނި ގޮތަކީ ދެ ގައުމުގެ ރައީސުން ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުން ކަމަށް ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ރައީސް ޖޯ ބައިޑަންއާ ރައީސް ލަޑިމިއާ ޕޫޓިންގެ ބައްދަލުވުމަށް ރަޝިއާއިން ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށެވެ.

ދިމިތުރީ ޕެސްކޯފް ވިދާޅުވާ ގޮތުން އެމެރިކާއާ ރަޝިއާ މިހާރު އޮތީ ވަރަށް ހާލުގަ އެވެ. އެއްބަޔަކު އަނެއް ބަޔަކަށް ނަފުރަތު ކުރެ އެވެ. ދެރަ ހާލަތުން ހެޔޮ ހާލަތަށް ރުޖޫއަވުމަށް އޮންނަ ފުރަސަތަކީ މަޝްވަރާ ކަމަށް އޭނާ ވިދާޅުވި އެވެ. ދެ ލީޑަރުން އެމެޖެންސީ ބައްދަލުވުމެއް މިދަނޑިވަޅަށް މުހިންމުވާ ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަޝިއާ ވަން" ޓީވީ ޗެނަލްއަށް ދެއްވި އިންޓަވިއުއެއްގައި ޕެސްކޯފް ވިދާޅުވީ ބައްދަލުވުން ބާއްވާ ތަނަކީ ތިންވަނަ ގައުމަކަށް ވާންޖެހެ އެވެ. މި ކަމުގައި ރަޝިއާއިން ވަކި ޝަރުތުތަކެއް ނެތް ނަމަވެސް ޓެކްނިކަލް ޓީމުން ކަނޑައަޅާ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގެ ތަފުސީލް ވެސް މިހާރު ވަނީ ޕޫޓިންއަށް އަރުވާފަ އެވެ. މި ދެބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކޮންމެވެސް ވަރަކަށް ކުދިގާ އުއްކެވި ނަމަވެސް ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ޝައުގުވެރިކަން ވަނީ ފާޅުކުރައްވާފަ އެވެ. އަދި ޕޫޓިންއާ ބައިޑަން ކޮންމެހެން ވެސް ބައްދަލު ކުރައްވަން ޖެހިފައިވާ ކަމަށް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.

އެންތަނީ ބްލިކެންއާ ސަރުގޭ ލަވްރޯފްގެ މި ބައްދަލު ކުރެއްވުމަކީ ވެސް ދެ ލީޑަރުން ބައްދަލު ކުރެއްވުމަށް ހުރި ޝަރުތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލު ވުމެކެވެ.