ބޮލީވުޑް

ޝްރީދޭވީ އާއި ބޯނީ ކައިވެނި، ދުވަހަކުވެސް އޯކޭ ނުވާނެ: އަރްޖުން

އެކްޓަރު އަރްޖުން ކަޕޫރުގެ ބައްޕަ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި ބަތަލާ ޝްރީދޭވީ 1996 ގައި ކައިވެނި ކުރި ޚަބަރު އިވުމުން ޝޮކް ލިބުނީ ހަމައެކަނި ހިންދީ ފިލްމަށް ލޯބިކުރާ މީހުނަށް އެކަންޏެއް ނޫނެވެ. އެމީހުންގެ ކައިވެނީގެ ޚަބަރުން ބޯނީގެ ދަރިންނަށާއި އާއިލާއަށް މާ ބޮޑު ޝޮކެއް ލިބުނެވެ. ޚާއްސަކޮށް ބޯނީގެ ދޮށީ ދަރިފުޅު އަރްޖުން އަށް މި ކައިވެނިގެ ޚަބަރު ވީ ވަރަށް ރުޅިގަދަވީ ޚަބަރަކަށެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ބޯނީ އާއި އަރްޖުންގެ ގުޅުން ވަރަށް ގޯސްވެފައި އޮތެވެ.

އަރްޖުންގެ އާ ފިލްމު "ސަރްދާރް ކާ ގްރޭންޑްސަން" ނެޓްފްލިކްސްގައި ރިލީޒް ކުރުމާ ދިމާކޮށް އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އަރްޖުން ވަނީ އޭނާގެ ބައްޕަ އާއި ޝްރީދޭވީގެ ކައިވެންޏާ ގުޅިގެން އޭނާއަށް ތަޖުރިބާ ކުރެވުނު ބައެއް ކަންކަން ކިޔައިދީފަ އެވެ.

އަރްޖުން ބުނި ގޮތުގައި ބައްޕަ އާއި ޝްރީދޭވީގެ ކައިވެނި ދުވަހަކު ވެސް އޭނާއަށް އޯކޭ ކަމަކަށް ނުވާނެ އެވެ. ޚާއްސަކޮށް މަންމަ މޯނާ ޝޫރީ ވަރިކޮށްލާފައި ގޮސް ޝްރީދޭވީ އާ ކައިވެނި ކުރުން އެއްގޮތަކަށް ވެސް އަރްޖުން އަށް ބަލައިގަނެވޭ ވަރުގެ ކަމަކަށް ނުވެ އެވެ.

ނަމަވެސް ޝްރީދޭވީ އާ ކައިވެނި ކުރުމުގެ ކުރިން ވެސް މައިންބަފައިންގެ މެދުގައި ޖެހެމުން އައި މައްސަލަތައް ބޯނީއަށް ވަނީ ފެނިފަ އެވެ. ޝްރީދޭވީ އާ ބޯނީ ކައިވެނި ކުރިއިރު އަރްޖުން އަކީ ވެސް ކުޑަ ކުއްޖަކަށް ވާތީ އެހާ ބޮޑަށް އެކަން ބަލައިގަންނަން ފަސޭހަ ނުވީ ކަމަށް އޭނާ ބުންޏެވެ.

އަރްޖުން ބުނި ގޮތުގައި ބައްޕަ މަންމަ އާ ދޭތެރޭ ކަންތައް ކުރިގޮތް އޭނާއަށް ގަބޫލުކުރަން ދަތިވިޔަސް ބައްޕަ އިހްސާސްތައް ކޮންމެވެސް ވަރަކަށް މިހާރު އޭނާއަށް އެނގެ އެވެ. ސަބަބަކީ އޭނާ ވެސް އެކަހަލަ ގުޅުންތަކެއްގައި ބަނދެވިފައި ވާތީ އެވެ.

އަރްޖުން އާއި އޭނާގެ މިހާރުގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ރައްޓެހިވީއިރު މަލައިކާ އުޅެނީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނާ ކައިވެނި ކޮށްގެން ކަމަށް އަރްބާޒާއި މަލައިކާގެ ވަރީގެ ވާހަކަތައް އެންމެ ގަދަޔަށް ދެކެވުނުއިރު އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. އަދި އަރްބާޒް ކައިރިން މަލައިކާ ވަރިވީ އަރްޖުން އާ ހެދިކަމަށް އެ ދުވަސްވަރު ވާޙަކަ ދެކެވުނެވެ. އަރްޖުން ބުނީ މި ތަޖުރިބާގެ ވާޙަކަ ކަމަށް ބެލެވެ އެވެ.

ބޯނީ އާއި ޝްރީދޭވީ ކައިވެނިކުރިތާ ހައެއްކަ އަހަރު ފަހުން ކެންސަރު ބަލީގައި މޯނާ ވަނީ މަރުވެފަ އެވެ. އަދި 2018 ގައި ޝްރީދޭވީ ވެސް ވަނީ މަރުވެފަ އެވެ.

ޝްރީދޭވީގެ ކުއްލި މަރާ ގުޅިގެން އޭނާގެ ބައްޕައަށް ލިބުނު ހިތާމައިގައި އަރްޖުން ބައިވެރިވި އެވެ. އަދި ޝްރީދޭވީ އާއި ބޯނީއަށް ލިބިފައި ތިބި ދެ ދަރިން ކަމަށްވާ ޖާންވީ އާއި ޚުޝީ އަށް ބޭބެއެއްގެ ލޯބިދީ އެމީހުންނާ އަޅާލަން ފެށި އެވެ. މިއީ ވަރަށް ގިނަ ބަޔެއްގެ ލޮލުގައި އަޅައިގެން ކަމެކެވެ.

މި ވާހަކަތައް ނޫސްތަކުގައި ލިޔެ މާ ކަންބޮޑު ކޮށްލައިގެން އުޅެން ފެށުމުން އަރްޖުން ބުނެފައި ވަނީ ޝްރީދޭވީގެ މަރަށް ފަހު ބައްޕަ އާ އޮތް ގުޅުން ރަނގަޅުކޮށް އެއްބަފާ ކުދިންނާ ގުޅުން ރަނގަޅު ކުރެވުނީ އޭނާގެ މަންމަގެ ތަރުބިއްޔަތުގެ ސަބަބުން ކަމަށެވެ.

ބައްޕައަށް ކަމެއް ދިމާވާ ފަހަރަކު ބައްޕައަށް އެހީތެރި ވުމަށް މަންމަ އަބަދުވެސް ނަސޭހަތް ދޭ ކަމަށް އަރްޖުން ބުނެފައި ވެއެވެ. އެހެންވެ ޝްރިދޭވީގެ މަރުގެ ޚަބަރާއެކު އަރްޖުން އޭނާގެ އަންހެން ކޮއްކޮ އަންޝުލާ ގޮވައިގެން ބޯނީ ކައިރިއަށް ގޮސް އޭނާގެ ހިތާމައިގައި ބައިވެރިވެ ޖާންވީ އާއި ޚުޝީ އަށް ވެސް އެ ކުދިންނަށް ލިބުނު ހިތާމައިގައި ހިތްވަރުދީފައި ވެއެވެ.