ބޮލީވުޑް

އަރްޖުން އަދިވެސް ހިކުމުގެ މަސައްކަތް ކުރިއަށް

ކުރިން ހުރި ސިފަޔާއި މިހާރުގެ ސިފަ ފެންނަ ދެ ފޮޓޯ އަރްޖުން ކަޕޫރު އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. ކުރީގެ ފޮޓޯގައި އަރްޖުން ފެންނަނީ ވަރަށް ޗަބީކޮށް ހުއްޓަ އެވެ. މިހާރުގެ ފޮޓޯގައި ވަރަށް ހިކިފައި އަދި ފިޓްކޮށް ހުއްޓަ އެވެ.

މި ފޮޓޯތައް ޝެއާ ކުރަމުން އަރްޖުން ވަނީ އޭނާ ޗަބީއިރު ވާހަކަތައް ކިޔައިދީފަ އެވެ. އަދިވެސް ބަރުދަން ލުއި ކުރުމުގެ މަސައްކަތް ނުނިމޭ ކަމަށާއި އެ މަސައްކަތް ކުރިޔަށް ދާކަމަށް އަރްޖުން ބުނެފައި ވެއެވެ.

އަރްޖުން ބުނެފައިވާ ގޮތުގައި ހަޔާތުގެ ކޮންމެ ޗެޕްޓަރަކާ ވެސް އޭނާ ހިތްހަމަޖެހެ އެވެ.

"ކުރިން އަހަރެން ހުންނަނީ ވަރަށް ފަލަކޮށް. އެހެންވެ އޭރު ވަރަށް ކަންބޮޑުވޭ. މަންމަ އަހަރެން ކައިރި ބުނޭ ހަޔާތުގައި ކަޑައްތުކުރާ ކޮންމެ މަރުހަލާ އަކީ ވެސް ދަތުރުގެ ބައެކޭ. އަބަދުވެސް ޖެހޭނީ ކުރިއަށް ވުރެ ރަނގަޅު ކުރަން މަސައްކަތް ކުރާށޭ. މަންމަ ބުނި ވާހަކައިގެ މާނަ އަދި ކިރިޔާ މި ވިސްނެނީ. އަމިއްލަ ނަފްސު އިސްލާހު ކުރަން މަސައްކަތް ކުރެވޭތީ ހިތްހަމަޖެހޭ،" އަރްޖުންގެ ޕޯސްޓްގައި ވެއެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި އަރްޖުން ބުނީ ޅައިރު މާ ބޮޑަށް ފަލަވުމުން ވަރަށް ގިނަ ސިއްހީ މައްސަލަތައް ކުރިމަތިވި ކަމަށެވެ. އެހެންވެ އެ ބަލިތަކުން ސަލާމަތްވާން ހިކެން މަސައްކަތް ކުރަން އަޒުމު ކަނޑައެޅީ ކަމަށާއި އޭގެ ނަތީޖާ ހަށިގަނޑަށާއި ސިއްހަތަށް ވެސް ރަނގަޅަށް ދެއްކި ކަމަށް އަރްޖުން ބުންޏެވެ.