ޕަރިނިތީ ޗޯޕްޅާ އަނެއްކާވެސް އޭނާގެ ގައިގައި ޖަހައިފި ކަމަށް އަރްޖުން ކަޕޫރު ބުނެފި އެވެ. ނަމަވެސް މިއީ އަސްލު ޖެހި ޖެހުމެއް ނޫނެވެ. ކުރިން ވެސް މިފަހަރު ވެސް ޕަރިނީތީ އަރްޖުންގެ ގައިގައި ޖެހީ ފިލްމެއްގެ މަންޒަރެއްގަ އެވެ.
ޕަރިނީތީ އާއި އަރްޖުން އެންމެ ފުރަތަމަ އެކުގައި ކުޅުނީ 2012 ގައި ރިލީޒްކުރި "އިޝަގްޒާދޭ" އެވެ. ދެން ކުޅުނީ މިހާރު ރިލީޒް ކުރަން ތައްޔާރުވަމުންދާ "ސަންދީޕް އައުރް ޕިންކީ ފަރާރް" އެވެ.
އަރްޖުން ބުނީ ދިބާކަރް ބެނާޖީ ޑައިރެކްޓް ކޮށްފައިވާ "ސަންދީޕް އައުރް ޕިންކީ ފަރާރް" ފޯކަސް ކޮށްފައިވަނީ އަންހެނުންނަށް ކުރާ އަނިޔާގެ މައްޗަށް ކަމަށެވެ.
"އަހަރެންނަކީ ވަރަށް ގިނަ އަންހެނުން އެކުލެވޭ އާއިލާއެއްގެ މީހަކަށް ވާތީ އަންހެނުންނަށް އަނިޔާ ކުރުމަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އަހަރެން ދެކެން،" އަރްޖުން ބުންޏެވެ.
ނަމަވެސް އެ ފިލްމުގައި ޕިންކީ (އަރްޖުންގެ ކެރެކްޓާ) އަކީ ސަންދިޕް (ޕަރިނީތީގެ ކެރެކްޓާ) އަށް އަނިޔާކުރާ މީހެއް ނޫނެވެ. މި ފިލްމުގައި އެކަކު އަނެކަކަށް އަނިޔާ ކުރާ ތަން ފެންނާނީ ހާލަތު ނިޔާ ކުރާ ގޮތުގެ މައްޗަށް ކަމަށް އޭނާ ބުންޏެވެ.
"ފިލްމުގައި ޖަހާތަން ފެންނާނީ އެކަކު އަނެކަކު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން،" އަރްޖުން ބުންޏެވެ.
އަރްޖުން ބުނީ "އިޝަގްޒާދޭ"ގައި ވެސް އޭނާގެ ގައިގައި ޕަރިނީތީ ޖެހި ކަމަށާއި އަނެއްކާ އޭގެ ފަހުން މި ފިލްމުގައި ވެސް އޭނާގެ ގައިގައި ޕަރިނީތީ ޖަހާ ތަން ފެންނާނެ ކަމަށެވެ. އަދި އެއީ އޭނާ މާ ހާސްވާ ކަމެއް ނޫން ކަމަށާއި ސްކްރިޕްޓްގައި އެގޮތަށް އޮތީމަ ޕަރިނީތީ އަށް ވެސް ޖަހަން މަޖްބޫރުވަނީ ކަމަށެވެ.