ޕަރިނީތީ ޗޯޕްޅާ ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން "އިޝަގްޒާދޭ" ފިޔަވައި އެހެން އެއްވެސް ފިލްމަކަށް މާ އެދެވޭ ކާމިޔާބެއް ލިބިފައެއް ނެތެވެ. "ލޭޑީޒް ވާސަސް ރިކީ ބެހެލް" ގެ ބަތަލާގެ ކެރިއަރުގެ މިހާތަނަށް ބްލޮކްބަސްޓާ އެންމެ ފިލްމެއް ވެސް ކުޅެވިފައި ނުވާއިރު ގިނަ ފިލްމުތައް ވެފައި ވަނީ ފްލޮޕެވެ.
ދާދިފަހުން ދިން އިންޓަވިއު އެއްގައި ޕަރިނީތީ ބުނީ ފާއިތުވީ ފަސް އަހަރު ތެރޭ އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި ހިތްހަމަނުޖެހޭ ވަރަށް ގިނަ މަންޒަރުތައް ހިމެނޭ ކަމަށެވެ.
ޕަރިނީތީގެ އަނެއް ޝަކުވާއަކީ އޭނާގެ އެކްޓިން ހުނަރު ދައްކާލެވޭ ކަހަލަ ރަނގަޅު ފިލްމުތައް އޭނާއަށް ލިބެމުން ނުދިއުމެވެ.
"އަމިއްލަ ނަފްސަށް އަހަރެންގެ އިތުބާރު އޮތަސް ފިލްމު އުފައްދާ ފަރާތްތަކުން ރަނގަޅު ފުރުސަތުތައް ދޭނެ ކަމުގެ އުންމީދުގައި އަހަރެން ހުންނަތާ އެތައް އަހަރެއް ވެއްޖެ. އަހަރެން ތަފާތު ފިލްމުތައް ކުޅެން ބޭނުން ވެގެން އެ ކަހަލަ ފިލްމަކަށް ވެދާނެ ހެން ހީވާ ކަހަލަ ފިލްމުތަކުގައި ސޮއި ކުރަނީ. ނަމަވެސް ފިލްމު ނިމި ރިލީޒްވާއިރު އޮންނަނީ މުޅިން ތަފާތު އެއްޗަކަށް ވެފައި،" ޕަރިނީތީ ބުންޏެވެ.
ޕަރިނީތީ ބުނި ގޮތުގައި އޭނާ މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމުތަކާ މެދު އޭނާ ހިތްހަމަނުޖެހެ އެވެ.
"ފިލްމެއް ނިންމާފައި ވަރަށް ގިނަ ފަހަރަށް އަހަރެން ގެއަށް އަންނަނީ އެ ފިލްމު އުންމީދުކުރި ގޮތަށް ނުނިމުނީމަ ހިތްހަމަނުޖެހިގެން. އެ ފިލްމު ރަނގަޅެއް ނޫންކަން ފިލްމުގެ ޝޫޓިން ނިމޭ ހިސާބުން އަހަންނަށް އިހްސާސްވޭ،" ޕަރިނީތީ ބުންޏެވެ.
ޕަރިނީތީގެ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒް ކޮށްފައިވާ "ދަ ގާލް އޮން ދަ ޓްރެއިން" އެވެ. ނެޓްފްލިކްސް އިން ރިލީޒްކުރި މި ފިލްމަށާއި ޕަރިނީތީގެ ރޯލަށް ގިނަ ބަޔަކު ތައުރީފުކުރި އެވެ. ނަމަވެސް "ސާއިނާ" އިން ޕަރިނީތީ ހިތްހަމަޖެހޭ ކަހަލަ ތަރުހީބެއް ނުލިބުނެވެ. ފިލްމު ފްލޮޕްވުމުގެ އިތުރުން ޕަރިނީތީގެ ރޯލަށް ވެސް ފާޑުކިޔުންތައް އަމާޒުވި އެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ސާއިނާގެ ރޯލަށް ޕަރިނީތީ ފިޓް ނުވާ ކަމަށެވެ.