އިންޑިޔާގެ މަޝްހޫރު ބެޑްމިންޓަން ޗެމްޕިއަން ސާއިނާ ނެހެވާލް ބައޮޕިކްގެ މަސައްކަތް ނިމި ފިލްމު މި މަހު ރިލީޒް ކުރަން ވަނީ ތައްޔާރުވެފަ އެވެ. މި ފިލްމުގައި ސާއިނާގެ ރޯލު ކުޅެފައި ވަނީ ޕަރިނީތީ ޗޯޕްޅާ އެވެ. ފިލްމުގެ ފުރަތަމަ ޓީޒާ މިހާރު ރިލީޒް ކޮށްފައިވާއިރު ބެލުންތެރިންގެ ފަރާތުން ލިބިފައި ވަނީ ވަރަށް މަސްހުނި ޚިޔާލު ތަކެކެވެ.
އެއްބަޔަކު ބުނަނީ ސާއިނާގެ ރޯލަށް ޕަރިނީތީ ބަރާބަރު ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ އެ ރޯލަށް ޕަރިނީތީ އެއްގޮތަކަށް ވެސް ފިޓް ނޫން ކަމަށެވެ. އަދި އެ ރޯލަށް އެހެން ބަތަލާއަކު ހޯދިނަމަ މާ ރަނގަޅު ވީސް ކަމަށް ބުނެ ވެސް ބައެއް މީހުން ކޮމެންޓް ކޮށްފައި ވެއެވެ.
"ކޮން އެންގަލަކުންތަ އޭނާ ސާނިއާ އާ ވައްތަރީ؟" ޕަރިނީތީ ކަމުނުދާ ކަމަށް ބުނާ ބައެއް މީހުން ސުވާލު ކޮށްފައި ވެއެވެ.
އަނެއް ބަޔަކު ބުނީ އަސްލު ސާއިނާ ލައްވާ އެބައި ކުޅުވިނަމަ މާ ރަނގަޅު ވީސް ކަމަށެވެ.
ފިލްމުގެ އިޝްތިހާރުގައި ޕަރިނީތީގެ މޫނުމަތީގައި ވަރަށް ބޮޑު ކަޅުތިލައެއް އިންދާ ފެނެ އެވެ. މިއީ ވެސް ވަރަށް ގިނަ ބަޔަކަށް ކަމު ނުގޮސްގެން އުޅޭ ސަބަބެކެވެ. އެ ކަޅުތިލަ ވަރަށް ފޭކް ކަމަށާއި އަސްލު ސާއިނާގެ މޫނުގައި އިންނަ ކަޅުތިލައާ އެ ކަޅުތިލަ އެއްގޮތަކަށް ވެސް ނުގުޅޭ ކަމަށް ފާޑުކިޔާ މީހުން ބުނެފައި ވެއެވެ.
"ޓީޒާ ވަރަށް ރަނގަޅު. ނަމަވެސް ތެދުތެދަށް ބުނާނަމަ ބުނެވޭނީ ތި ރޯލު މެޑަމް (ޕަރިނީތީ) އަކާ ނުގުޅެއޭ. ދީޕިކާ ނޫނީ އާލިއާ ލައްވާ ކުޅުވި ނަމަވެސް މާ ރަނގަޅުވީސް،" އިތުރު ކޮމެންޓެއްގައި ބުނެފައި ވެއެވެ.
މި ހިނގާ މާޗް މަހުގެ 26 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ސާއިނާ" އަކީ އަމޯލް ގުޕްތޭ ޑައިރެކްޓްކޮށް ބޫޝަން ކުމާރާއި ކްރިޝަން ކުމާރު، ސުޖޭ ޖައިރާޖް އަދި ރަޝޭޝް ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގައި ސާއިނާގެ ރޯލު ކުރިން ކުޅެން ހަމަޖެހިފައިއޮތީ ޝްރައްދާ ކަޕޫރެވެ. ޝްރައްދާ ފިލްމުން ވަކިވީ ވަރަށް ބޮޑަށް ބެޑްމިންޓަން ޓްރެއިނިން ވެސް ހެދުމަށްފަހު އޭނާ ހިތްހަމަޖެހޭ ވަރަށް އެ ރޯލު ކުޅެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ އާއި އެ ދުވަސްވަރު އޭނާއަށް ޑެންގީ ޖެހި ވަރަށް ބޮޑަށް ބަލިވެ އުޅެން ޖެހުމުންނެވެ.