މަލައިކާ އަރޯރާ

މަލައިކާގެ އިނގިލީގައި އަލިމަހުގެ އަނގޮޓިއެއް!\

ބޮލީވުޑް އެކްޓަރު އަދި ޑާންސަރު މަލައިކާ އަރޯރާ ސޯޝަލް މީޑިއާގައި ޝެއާކުރި ފޮޓޮއެއްގައި އަލިމަގުގެ އަނގޮޓިއެއް އަޅައިގެން އިންދާ ފެނުމުން އޭނާ އާއި އަރްޖުން ކަޕޫރު އެންގޭޖްވީތޯ ފޭނުން ސުވާލު ކުރަން ފަށައިފި އެވެ.

"މިއީ ހުވަފެނެއް ކަހަލަ ރީތި އަނގޮޓިއެއް. ވަރަށް ވަރަށް ލޯބި. އުފާވެރިކަން ފެށެނީ މިހިސާބުން،" މަލައިކާ ޝެއާ ކުރި ދެ ފޮޓޯގެ ތެރެއިން ފުރަތަމަ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.

މި ފޮޓޯ ފެނިފައި އަރްޖުން އާއި މަލައިކާގެ ފޭނުންނަށް ހީވީ އެމީހުން އެންގޭޖްވެ އެކަން އިއުލާން ކުރީ ކަމަށެވެ. ސަބަބަކީ މި ދެ މީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރުތައް މިހާރު ވަރަށް ގިނައިން އިންޑިއާގެ ނޫސްތަކުން ފެންނަމުންދާތީ އެވެ.

ނަމަވެސް މަލައިކާގެ މި ފޮޓޯގެ ހަގީގަތް ވެސް އޭނާ ވަނީ އިންސްޓަގްރާމްގައި ހާމަކޮށްފަ އެވެ. ހަގީގަތުގައި މި ފޮޓޯތަކަކީ މަލައިކާ އިޝްތިހާރު ކުރާ ޖުވެލަރީ ބްރޭންޑެއްގެ އިޝްތިހާރެއްގެ ފޮޓޯ ތަކެކެވެ. އެއީ އެންގޭޖްމަންޓް އަނގޮޓިއެއް ނޫނެވެ.

މަލައިކާ އާއި އަރްޖުން އެކުގައި ދިރިއުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ކޮވިޑް-19 ދެ މީހުންނަށް ވެސް ޖެހި ދެ މީހުން ކަރަންޓީނުވީ ވެސް އެއް ގެއެއްގަ އެވެ. އިންޑިޔާ ލޮކްޑައުން ކޮށްފައި އޮތް އިރުވެސް ދެ މީހުން ދިރިއުޅެމުން ދިޔައީ އެކުގަ އެވެ.

މަލައިކާއަކީ ބަތަލާއެއްގެ އިތުރުން ރިއަލިޓީ ޓީވީ ޝޯތަކުގެ ޖަޖުކަން ވެސް ކުރާ ފަންނާނެކެވެ. ސޮނީ ޓީވީގެ "އިންޑިއާޒް ބެސްޓް ޑާންސާ" ގައި ކޯރިއޯގްރާފަރުން ކަމަށްވާ ޓެރެންސް ލުވިސް އާއި ގީތާ ކަޕޫރާއެކު މަލައިކާ ޖަޖުކަން ކުރެ އެވެ.

މަލައިކާ ބޮޑަށް މަޝްހޫރީ އޭނާ ކުޅެފައިވާ އައިޓަމް ލަވަތައް ކަމަށްވާ "ޗައްޔާ ޗައްޔާ" އާއި "މުންނީ ބަދުނާމް ހުވީ" އަދި "އަނާރްކަލީ ޑިސްކޯ ޗަލީ" ފަދަ ލަވަތަކުންނެވެ.

މަލައިކާ އެންމެ ފުރަތަމަ ކައިވެނިކުރީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނާ އެވެ. މި ކައިވެންޏަށް ލިބިފައިވާ ދަރިފުޅު ބޮޑުވެ މިހާރު ވަނީ ފުރާވަރަށް އަރާފަ އެވެ.

މަލައިކާއަށް ވުރެ އަރްޖުން 11 އަހަރު ހަގެވެ. ނަމަވެސް އެއީ އެމީހުންގެ ލޯތްބަށް ހުރަހެއް ކަމަކަށް އެމީހުންނެއް ނުދެކެ އެވެ.