ބޮލީވުޑް

އަރްޖުންއާ ކައިވެނިކުރަން އުޅޭކަމުގެ އިޝާރާތެއް މަލައިކާ ދީފި

މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރު ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް އެމީހުންގެ ގުޅުން ރަސްމީކޮށް އިއުލާންކުރީ 2019 ގައި އިންސްޓަގްރާމްގައި މަލައިކާ ޝެއާ ކުރި ޕޯސްޓެއްގަ އެވެ. އޭގެ ފަހުން ދެ މީހުންގެ ލޯބީގެ މަންޒަރުތައް އަބަދުވެސް ޝެއާ ކުރަމުން ގެންގޮސްފައި ވެއެވެ.

މަލައިކާ އާއި އަރްޖުންގެ ގުޅުމަށް ބަޔަކު މީހުން ފާޑުކިޔަސް އެ ގުޅުން ކައިވެންޏަށް ބަދަލުކުރަން އެމީހުންގެ ފޭނުން ވަރަށް ބޮޑަށް އެދެ އެވެ. އަދި ބެލެވޭ ގޮތުގައި ޚުދު މަލައިކާ ވެސް މިހާރު ބޭނުމީ ވީހާވެސް އަވަހަށް އަރްޖުންއާ ކައިވެނި ކުރާށެވެ.

މަލައިކާ ބުނެފައިވާ ގޮތުގައި އަރްޖުން އާއި އޭނާގެ ލޯބީގެ ގުޅުން އޭނާ ނަގަނީ ވަރަށް ސީރިއަސްކޮށެވެ. އަދި އޭނާ ބޭނުމީ އަރްޖުން އާއެކު މުސްކުޅިވާށެވެ. މާނައަކީ މުޅި ހަޔާތް އޭނާއާ އެކު ހޭދަކުރާށެވެ.

"އަހަރެމެން ދެ މީހުންނަށް ވެސް ޔަގީންވޭ އަހަރެމެން ބޭނުންވަނީ މުޅި އުމުރު އެކުގައި ހޭދަކުރަންކަން. އެކަކު އަނެކަކު ދަސް ނުވާނަމަ ފަހަރެއްގައި ބުނެވިދާނެ އަދި ނޭނގެޔޭ ކުރިމަގާ މެދު ބުނާނެ އެއްޗެއް. އެކަމަކު އަހަރެމެންގެ ގުޅުމުގައި އެފަދަ އެއްވެސް ސަބަބެއް ނެތް. އަހަންނަށް މި ގުޅުން ވަރަށް މުގައްދަސްވެފައި މުހިއްމު. އަހަރެންނަށް ހީވަނީ ކުރިޔަށް ކުރަން ޖެހޭ ކަންތައްތައް ކުރެވޭ ހިސާބަށް އަހަރެމެންނަށް އާދެވިފައިވާހެން،" ވަރަށް އަވަހަށް ކައިވެނިކުރަން ގަސްތުކުރާ ކަމަށް ދޭހަވާ މޭރުމަކުން ބޮމްބޭ ޓައިމްސްއާ ވާހަކަދައްކަމުން މަލައިކާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އޭނާ އާއި އަރްޖުން ވަރަށް ގިނަ ކަންކަމާ މަޝްވަރާ ކުރެ އެވެ. އަދި ދެ މީހުންގެ ޚިޔާލާއި ފިކުރު ވަރަށް އެއްގޮތެވެ.

މަލައިކާ ބުނި ގޮތުގައި އަރްޖުން އޭނާއަށް ޝަކުވާ ކުރާނެ އެއްވެސް ޖާގައެއް ނުދެ އެވެ. އަރްޖުން އަކީ އޭނާގެ މީހެއްކަން ފުރިހަމައަށް މަލައިކާ އަށް ޔަގީންވަނީ އެހެންވެ އެވެ.

މަލައިކާ އަށް ވުރެ އަރްޖުން 12 އަހަރު ހަގެވެ. އަދި އަރްބާޒް ޚާނާއި ކައިވެނި ކޮށްގެން މަލައިކާ 17 އަހަރު އުޅެފައި ވެއެވެ. އަދި މި ދެ މީހުންގެ 18 އަހަރު ފުރިފައިވާ ދަރިއަކު ވެސް އެބަހުއްޓެވެ.

މިކަންކަމާ ހެދި ސޯޝަލް މީޑިއާގައި އަރްޖުން އާއި މަލައިކާއަށް ވަރަށް ގިނައިން މަލާމާތާއި ފުރައްސާރައާ ކުރިމަތިވެ އެވެ. އަދި އެމީހުން ރުޅިވެއްޖޭ ކިޔައިގެން ދޭތެރެދޭތެރެއިން ފޭކް ޚަބަރުތައް ވެސް ޖަހަ އެވެ. ނަމަވެސް މިކަންކަމަކީ އަރްޖުންއާ އެކު އޮތް ގުޅުމަށް ކުޑަ ނަމަވެސް ބުރުލެއް އަރާނެ ކަމެއް ނޫންކަމަށް މަލައިކާ ބުންޏެވެ.

މަލައިކާގެ ވާޙަކަތަކުން ދޭހަވާ ގޮތުގައި މި ދެ މީހުންގެ ކައިވެނީގެ ރަނގަބީލުގެ އަޑު އިވެން ދެން މާގިނަ ދުވަހެއް ނެތެވެ.