ބޮލީވުޑް

ދެން އެންމެ އަވަހަށް އޮތީ އަރްޖުން އާއި މަލައިކާގެ ކައިވެނިތަ؟

ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އަރްޖުން ކަޕޫރާއި މަލައިކާ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމަށް ބުނެފި އެވެ.

"ބްރައިޑްސް ޓުޑޭ" ކިޔާ މަޖައްލާއަކަށް ދިން އިންޓަވިއު އެއްގައި މަލައިކާ ވަނީ ކައިވެނި ކުރުމާ ގުޅޭ ތަފްސީލުތައް ކިޔައިދީފަ އެވެ.

"އަހަރެން އެކަމާ ވިސްނައިފިން. މީހުންނަށް ހީވަނީ ފުރަތަމަ ކައިވެނި ނާކާމިޔާބުވީމަ ދެވަނަ ކައިވެންޏެއް ކުރަން އަހަރެން ޖެހިލުންވެގެން އުޅެނީހެން. އެކަމަކު އެއީ ކުށްހީއެއް. ކައިވެންޏަކީ އަހަރެން ވެސް ގަބޫލުކުރަން ބޭނުންވާ ކަމެއް. ނަމަވެސް އަދި ކައިވެނި ކުރާނެ ދުވަހެއް ކަނޑައެއް ނާޅަނަން،" މަލައިކާ ބުންޏެވެ.

އަރްޖުންއާ ބެހޭ ގޮތުން މަލައިކާ ބުނީ އަރްޖުންގެ އުމުރަށް ވުރެ އޭނާ މާހަރުދަނާ ކަމަށެވެ. އަދި އަރްޖުން އަކީ ވަރަށް އަޅާލާ އޯގާތެރި މީހެއް ކަމަށެވެ.

"އަހަންނަކަށް ހިއެއް ނުވޭ އަރްޖުން ކަހަލަ ފިރިހެނުން މިހާރު އުޅޭހެނެއް. އަރްޖުންގެ ރަނގަޅު ވާހަކަ އަހަރެންނަށް ކިތަންމެ ވަރަކަށް ވެސް ދެއްކިދާނެ. އެހާވެސް ރަނގަޅު ކޮލިޓީތަކެއް ހުރި މީހެއް އޭނާ އަކީ،" މަލައިކާ ބުންޏެވެ.

މަލައިކާ ބުނި ގޮތުގައި އޭނާގެ އުމުރުގައި މިހާރު އާދެވިފައިހުރީ އެންމެ ބުރަކޮށް މަސައްކަތްކުރަން ޖެހޭ ދުވަސް ވަރަށެވެ. އަދި ކުރިއަށް އޮތް 30 އަހަރު މަސައްކަތުގައި ދެމިހުންނަން އޭނާ ބޭނުންވެ އެވެ. އަދި އަރްޖުންއާއެކު ދިރިއުޅުމެއް ބިނާކޮށް ތަންތަނަށް ދަތުރުކޮށް ވިޔަފާރިކޮށް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުމެވެ.

މަލައިކާ ކުރިން ކައިވެނިކުރީ ފިލްމު އެކްޓަރު އަދި ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާނާ އެވެ.

ގިނަ އަހަރުތަކަކު ކައިވެނިކޮށްގެން އުޅުމަށްފަހު 2017 ގައި ދެ މީހުން ވަނީ ވަކިވެފަ އެވެ. އަރްބާޒް އާއި މަލައިކާގެ ފިރިހެން ދަރިއަކު ހުރެ އެވެ. އެ ކުއްޖާއަށް މިހާރު 20 ވަރަކަށް އަހަރު ވެއްޖެ އެވެ.

އަރްޖުން އަކީ މަލައިކާ އަށް ވުރެ 12 އަހަރު ހަގު މީހެކެވެ. އަދި އޭނާ ދުވަހަކުވެސް ކައިވެންޏެއް ވެސް ނުކުރެ އެވެ.