ބޮލީވުޑް

ވަރިކުރި ފަހުން އަރްބާޒާ ގުޅުން މާރަނގަޅު: މަލައިކާ

ވަރިކުރި ފަހުން ކުރީގެ ފިރިމީހާ އަރްބާޒް ޚާނާ އޮންނަ ގުޅުން މާ ބޮޑަށް ރަނގަޅުވެއްޖެ ކަމަށް ނެށުންތެރިޔާ އަދި ބަތަލާ މަލައިކާ އަރޯރާ ބުނެފި އެވެ.

މަލައިކާ އާއި އަރްބާޒް ކައިވެނި ކުރީ ޑިސެމްބަރު 1998 ގައެވެ. އަދި އެމީހުންގެ ވަރީގެ ކަންތައްތައް ކޯޓުން މުޅިން ނިމުނީ މޭ 2017 ގައެވެ.

އަށާރަ އަހަރަށް ދެމިގެން ދިޔަ މި ކައިވެންޏަށް ލިބުނު ހަމައެކަނި ފިރިހެން ދަރިފުޅު އަރްހާން ޚާނަށް މިހާރު 19 އަހަރެވެ.

މަލައިކާ އާއި އަރްބާޒް ވަރިވުމަށްފަހު މަލައިކާގެ ހަޔާތަށް އައިސްފައިވަނީ އެކްޓަރު އަރްޖުން ކަޕޫޜެވެ. އަދި އަރްބާޒް ރައްޓެހިވެގެން އުޅެނީ ޖިއޯޖިއާ އަންޑްރިއާނީ ކިޔާ އަންހެނަކާ އެވެ.

މަސާލާ މަޖައްލާ އަށް މަލައިކާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި ވަރިކުރި ފަހުން އަރްބާޒް އާއި އޭނާގެ ގުޅުން މާރަނގަޅުވެއްޖެ އެވެ. އަދި މިހާރު ދެމީހުންނަށް ދަރިފުޅުގެ ކަންކަމުގައި ވާހަކަ ދައްކާ މަޝްވަރާކޮށްލެވޭ ވަރަށް އެކުވެރިކަން ގާއިމުކުރެވިއްޖެ އެވެ.

"އަހަރެމެންގެ ދެ މީހުންގެ މެދުގައިވާ ތަފާތުތައް މިހާރު ކުޑަވެއްޖެ. އަދި ދެ މީހުން މިހާރު އުޅެނީ މާއުފާވެރިކޮށް ހަމަޖެހިލައިގެން. އަރްބާޒް އަކީ ވަރަށް ރަނގަޅު މީހެއް. އަހަރެން އަބަދުވެސް އޭނާއަށް ހެޔޮއެދެން. ބައެއް މީހުންނަކީ ކިތަންމެ ރަނގަޅަސް އެކަކު އަނެކަކާ އެކު ދިރިއުޅެން އުނދަގޫ މީހުން. އަހަރެމެންނަށް ވެސް ވީ އެހެން،" މަލައިކާ ބުނެފައި ވެއެވެ.

މަލައިކާ ބުނި ގޮތުގައި އަރްބާޒް ކައިރިން ވަރިވާން ނިންމީ އޭނާ އެވެ. އަދި އޭނާގެ ނިންމުން އަރްބާޒަށް ހުށަހެޅުމުން އަރްބާޒް ވެސް އެގޮތަށް އެއްބަސްވީ އެވެ. އޭނާގެ އެ ނިންމުން ގޯސް ނޫން ކަން މިހާރު ޔަގީންވާ ކަމަށް މަލައިކާ ބުންޏެވެ.

"ދަރިފުޅާ އަހަންނާ އޮންނަ ގުޅުން ވެސް މިހާރު މާރަނގަޅު. އަދި އަރްބާޒްއާ އޮންނަ ގުޅުން ވެސް ކުރިއަށް ވުރެ މާ ރަނގަޅު. އެހެންވެ ވަރިވާން އަހަރެން ނިންމި ނިންމުމާ މެދު މިހާރު އުފާކުރަން. އަހަރެންނަށް ދިމާވި ގޮތަށް ހިތްހަމަނުޖެހޭ ކައިވެންޏެއްގައި ދިރިއުޅޭ ކޮންމެ އަންހެނަކަށް ވެސް އަހަރެން ދޭނެ ނަސޭހަތަކީ ބިރު ނުގަނެ ހިތް ބުނާ ގޮތަކަށް ކަންތައް ކުރާށޭ. އޭރުން ފަހުން މާ ހިތްހަމަޖެހޭނޭ. ހުރިހާ އެންމެން ހިތްހަމަޖެހޭ ގޮތަކަށް އެއްވެސް މީހަކަށް ކަންތައްތަކެއް ނުކުރެވޭނޭ. މީހުން ކިޔާނެ އެއްޗަކަށް ނުވިސްނާށޭ،" މަލައިކާ ބުންޏެވެ.