ބޮލީވުޑް

ކައިވެންޏާއި ދަރިން ހޯދުމާ މެދު އެބަ ވާޙަކަ ދައްކަން: މަލައިކާ

މަލައިކާ އަރޯރާގެ ފުރަތަމަ އޯޓީޓީ ޝޯ "މޫވިން އިން ވިތު މަލައިކާ"ގެ ފުރަތަމަ އެޕިސޯޑުގައި އޭނާގެ ހަޔާތުގެ ވަރަށް ގިނަ ވާހަކަތަކެއް މަލައިކާ ވަނީ ބެލުންތެރިންނާ ހިއްސާ ކޮށްފަ އެވެ. އަދި މިހާރުގެ ލޯބިވެރިޔާ އަރްޖުން ކަޕޫރާއި އޭނާގެ ގުޅުމާއި ކުރިމަގާ މެދު އެމީހުން ދެކޭ ގޮތް ވެސް މަލައިކާ ކިޔައިދިނެވެ.

ކައިވެނިކުރަން ގަސްތުކުރަންތޯ ފުރަތަމަ އެޕިސޯޑުގައި މަލައިކާ އާއެކު ބައިވެރިވި ޑައިރެކްޓަރު ފަރާ ޚާން ސުވާލުކުރުމުން އޭނާ ބުނީ ކުރިމަގުގައި ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ.

އިތުރު ކުދިން ހޯދުން ނުވަތަ ކައިވެނިކުރަން މުސްތަގްބަލަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭތޯ ފަރާ ދެން ސުވާލު ކުރި އެވެ. މި ސުވާލުގެ ޖަވާބުގައި މަލައިކާ ބުނީ މި ދެ ކަންތަކާ ވެސް ލޯބިވެރިޔާ އަރްޖުން ކަޕޫރާ މަޝްވަރާ ކުރާ ކަމަށެވެ.

އަރްޖުން އަށް ތައުރީފުކުރަމުން މަލައިކާ ބުނީ އަރްޖުން އާއެކު އޭނާއަށް އުފާ ހާސިލުވާ ކަމަށެވެ.

އެއްފަހަރު ވަރީގެ ތަޖުރިބާ ކުރެވިފައި ވިޔަސް އެކަމުން އޭނާއަށް އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް ކަމަށް ވެސް މަލައިކާ ބުންޏެވެ.

"އަހަރެންގެ މިހާރުގެ ލޯބިވެރިޔާ އަހަރެންގެ ހިތް އުފާ ކޮށްދޭ. އެހެންވީމަ ދުނިޔެ ކޮންމެ އެއްޗެކޭ ކިޔަސް އަހަންނަށް ފަރުވާލެއްނެތް،" މަލައިކާ ބުންޏެވެ.

އަރްބާޒް ކައިރިން ވަރިވީ ސަބަބު ވެސް މަލައިކާ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި އެ ދެ މީހުންގެ ކައިވެންޏަށް 18 އަހަރުވީއިރު ދެ މީހުންގެ މެދުގައި ރުޅިއާއި ނަފްރަތު ފިޔަވައި އިތުރު އެއްޗެއް ނެތެވެ. އެހެންވެ އެފަދަ ކައިވެންޏެއްގައި ދެމިހުރުމަށްވުރެ ދެމީހުންނަށް ވެސް ރަނގަޅުވާނީ ވަކިވިއްޔާކަން ގަބޫލު ކުރެވިގެން ވަކިވީ އެވެ.

ނަމަވެސް އަރްބާޒް އަކީ ވަރަށް ރަނގަޅު މީހެއްކަމަށް މަލައިކާ ބުންޏެވެ. އަދި މިއަހަރުގެ މާޗް މަހު އެކްސިޑެންޓެއްގައި މަލައިކާގެ ލޮލަށް ވަރަށް ބޮޑަށް އަނިޔާވުމުން އެންމެ ފުރަތަމަވެސް އޭނާއަށް އެހީތެރިވީ އަރްބާޒް ކަން މަލައިކާ ފާހަގަ ކުރި އެވެ.

"ލޮލަށް ހެރުނު ބިއްލޫރިކޮޅުތައް ނަގަން ސާޖަރީ ހަދައިގެން ނެރުމަށްފަހު ފުރަތަމަ ފަހަރަށް ލޯ ހުޅުވާލެވުނުއިރުވެސް ފެނުނީ އަރްބާޒްގެ މޫނު. އަދި މުޅިން ފަސޭހަވަންދެން އޭނާ އަހަރެންނަށް ވަރަށް އޯގާތެރިކޮށް ހިތި،" މަލައިކާ ބުންޏެވެ.

މަލައިކާގެ ޝަކުވާ އަކީ އޭނާ އާއި އަރްބާޒް އެމީހުންގެ މާޒީ ހަނދާން ނައްތާލައި އެހެން ލޯބިވެރިން ހޯދައިގެން އެމީހުންނާއެކު އުފާވެރި ދިރިއުޅުމެއް އުޅެން ފަށާފައިވާއިރު އެހެން މީހުންނަށް އަދިވެސް މި ދެ މީހުންގެ ގުޅުން ހަނދާން ނައްތާނުލެވިގެން އުޅޭތީ އެވެ. އަދި އެމީހުންނަށް ފާޑުކިޔުންތައް އަމާޒުކުރާތީ އެވެ.

މަލައިކާ އާއި އަރްބާޒް ކައިވެނިކުރީ 1998 ގައެވެ. އަދި ވަރިވީ މާޗް 2016 ގައެވެ. މި ދެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު އަރްހާން އަށް މިހާރު 20 އަހަރެވެ.