ބޮލީވުޑް

މަލައިކާ ބުނާ ގޮތުގައި އޭނާގެ ޒުވާންކަމުގެ ސިއްރަކީ އަރްޖުން

ނެށުންތެރިޔާ އަދި ބަތަލާ މަލައިކާ އަރޯރާ ބުނި ގޮތުގައި އޭނާއަށް ވުރެ މާ ހަގު ފިރިހެނަކާ ލޯބީގެ ގޮތުން ގުޅެވުނު ކަމީ އޭނާގެ ހަޔާތަށް ލިބުނު 'އަޖައިބެއް' ކަހަލަ އުފަލެކެވެ. އަދި އޭނާ މިހާރުވެސް އެހާ ޒުވާންކަމަށް ދައްކަނީ އަދި އޭގެ ސިއްރަކީ ލޯބިވެރިޔާ އަރްޖުން ކަޕޫރު ކަމަށް މަލައިކާ ބުންޏެވެ.

މަލައިކާ ފުރަތަމަ ކައިވެނި ކުރީ އެކްޓަރު އަރްބާޒް ޚާން އާއެވެ. އަރްބާޒް ކައިރިން 2017 ގައި ވަރިވީ ވެސް އަރްޖުން ދެކެ ލޯބިވެގެން ކަމަށް ބައެއް މީޑީއާތަކުން އޭރު ޚަބަރު ފެތުރި އެވެ. ޔަގީންވާ ކަމަކީ ދެ މީހުންގެ ގުޅުން އެމީހުން އަމިއްލައަށް ހާމަކުރީ 2019 ގައި ކަމެވެ.

އަރްބާޒް އާއި މަލައިކާ އަށް ފިރިހެން ދަރިއަކު ލިބިފައި މެއެވެ. މިހާރު އޭނާއަށް ވެސް 20 އަހަރު ވެއްޖެ އެވެ.

މަލައިކާ ބުނި ގޮތުގައި އޭނާއަށް ވުރެ 12 އަހަރު ހަގު މީހަކާ ލޯބީގެ ގޮތުން ގުޅުމަކީ ގޯސް ކަމެއް ކަމަކަށް އޭނާ ނުދެކެ އެވެ. އެކަމުގެ ސަބަބުން އޭނާ އިތުރަށް ޒުވާން ވެއްޖެކަމަށް މަލައިކާ ދެކެ އެވެ.

"އަހަރެން ވަރިވީ އިރު މީހުން ވަރަށް ފާޑުކީ. އަދި މާ ހަގު މީޙަކާ ރައްޓެހިވީމަ މީހުން ބުނި ތިހެން އުޅެނިކޮށް ލަނޑޭ ލިބޭނީ. އަހަރެން ބުނާނީ ލޯތްބަކީ އުމުރަށް ބަލައިގެން ވެވޭ އެއްޗެއް ނޫނޭ. އަހަންނަށް ޔަގީންވާ ކަމަކީ އަހަރެން މިހާރު މި ހިރީ ވަރަށް ހިތްހަމަޖެހޭ މަގާމެއްގައިކަން. އަހަރެންނަށް ލޯބިވެވެން ހުރީމަ ލޯބި ވެވުނީ. އެއީ އަހަންނަށް ވުރެ ދޮށީ މީހެއްތޯ ހަގު މީހެއްތޯއެއް ނުބަލަން. އަހަރެންގެ އިހްސާސްތައް ދަންނަ ރަނގަޅު ބައިވެރިޔަކު ލިބުނީތީ އަހަރެން އުފާކުރަން. އޭނަ އަހަންނަށް ވުރެ ހަގު ވީމަ އަހަރެން ވެސް އިތުރަށް ޒުވާންވާ ކަމަށް އަހަރެން ދެކެނީ،" މަލައިކާ ބުންޏެވެ.

އަރްޖުން އާއެކު ކުރިމަގު ރާވަފައިވާ ގޮތް ވެސް މަލައިކާ ކިޔައިދިނެވެ. އަދި ކައިވެންޏާ ދޭތެރޭ ވެސް ވިސްނާ ކަމަށް ބުންޏެވެ.

"އަދި މި އުޅެނީ ކައިވެނީގެ ކުރިން އޮންނަ ހަނީމޫން ދުވްސްވަރުގަ. އެ ދުވަސްވަރު ނިމުނީމަ ކައިވެނި ކުރުމާ މެދު ވިސްނާނަން،" މަލައިކާ ބުންޏެވެ.