ބޮލީވުޑް

މަލާމާތްކުރާ މީހުން އިރުކޮޅަކުން ސެލްފީނަގަން އާދޭ: އަރްޖުން

ސޯޝަލް މިޑިއާގައި އެންމެ ގިނައިން އެ އެކްޓަރަކަށް މަލާމާތް ރައްދުވާ އެއް އެކްޓަރަކީ އަރްޖުން ކަޕޫރެވެ. ފިލްމީ މަސައްކަތް ފެށިތާ ކުރީކޮޅު ގިނަ ބަޔަކު އޭނާއަށް މަލާމާތްކުރީ ފަލަކަމުންނެވެ. މިހާރު އެންމެ ގިނައިން މަލާމާތް ރައްދުވަނީ މަލައިކާ އަރޯރާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ އެވެ. އަރްޖުން އަށް ވުރެ މަލައިކާ 12 އަހަރު ދޮށި ވެފައި ބޮޑުވެފައި ހުރި ފިރިހެން ދަރިއަކު މަލައިކާގެ ހުރީމަ އެވެ.

ދާދިފަހުން އިންޑިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަރްޖުން ވަނީ މަލައިކާ އާއި އޭނާގެ އުމުރުގެ ތަފާތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަރްޖުން ބުނި ގޮތުގައި އެއީ މީހުން ގެންގުޅޭ "ވަރަށް މޮޔަ" ޚިޔާލެކެވެ.

އަރްޖުން އިތުރަށް ބުނި ގޮތުގައި އޭނާގެ ހަޔާތުގައި ނިންމާ ނިންމުމަކީ އޭނާގެ އަމިއްލަ ނިންމުމެވެ. ވީމާ އެކަމާ މީހުން ކަންބޮޑުވާކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި އޭނާ ކުޅޭ ފިލްމުތަކާއި އެކްޓްކުރާ ގޮތަށް ފާޑުކިޔަސް މައްސަލައެއް ނެތް ކަމަށް އަރްޖުން ބުންޏެވެ.

"އަހަރެންގެ ޒާތީ ދިރިއުޅުމަކީ އަހަރެންގެ އަމިއްލަ ކަމެއް. އަހަރެން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ފާޑުކިޔުމަކީ އެންމެ ރަނގަޅު ކަމެއް. އެހެނޭ ކިޔާފަ އުމުރުގެ ތަފާތު ބޮޑޭ ކިޔައިގެން އެހެން މީހުން އެކަމާ ބެހޭކަށް ނުޖެހޭ. އަހަރެމެން އުޅޭނެ ގޮތަކަށް އަހަރެމެން އުޅެން ދޫކޮށްލާފައި ކޮންމެ މީހަކުވެސް އެމީހަކު އުޅޭނެ ގޮތަކަށް އުޅުނީމަ އެ ނިމުނީ. އަހަރެން ގަބޫލުކުރާ ގޮތުގައި އެއްވެސް ބަޔެއްގެ އުމުރުގެ ތަފާތަކީ އެމީހުންގެ ގުޅުން ބަލިކަށިވުމާއި ރަނގަޅުވުމާ ގުޅިފައިވާ އެއްޗެއް ނޫން،" އަރްޖުން ބުންޏެވެ.

އަރްޖުން ބުނި ގޮތުގައި ޓްރޯލްކުރާ މީހުން ދައްކާ ވާޙަކައަކަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެ އެވެ. އެފަދަ ވާޙަކަތައް ވެސް ބޮޑުކުރަނީ މީޑިއާތަކުންނެވެ.

"އަހަންނަށް ހީވަނީ މީހުން ކޮށްފައި ހުންނަ ކޮމެންޓުތައް ބަލައި އޭގެން ޚަބަރު ހަދައިގެން ނޫސްތަކުގައި ޖަހައި އެ ވާހަކަތައް ބޮޑުކުރަނީ ވެސް މީޑިއާ ތަކުންހެން. އަހަރެން ގަބޫލުކުރާ ގޮތުގައި ޓްރޯލްކުރާ މީހުން ދައްކާ 90 ޕަސެންޓް ވާހަކައަކީ ބޭކާރު ވާހަކަތައް. އެ ވާހަކަތަކަށް އެހާ މުހިއްމު ކަމެއް ދޭކަށް ނުޖެހޭ. އެއީ ހުސް ފޭކް ވާހަކަތައް. ހަމަ އެ ކަހަލަ ކޮމެންޓުތައް ކުރާ މީހުން އަހަންނާ އެކު ސެލްފީ ނަގަން ވެސް މަރުދެނީ. އެހެންވީމަ އެމީހުން އެ ދައްކަނީ ސީރިއަސް ވާހަކަތަކެއް ކަމަށް ގަބޫލު ނުކުރެވެނީ،" އަރްޖުން ބުންޏެވެ.

އަރްޖުން ކޮވިޑް-19 އަށް ޕޮޒިޓިވްގެ މި ވަގުތު ހުރީ ގޭގައި ކަރަންޓީނު ވެގެންނެވެ. އާ އަހަރު ދުވަހު އޭނާ މި ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ބުނީ އާ އަހަރުގެ ހުރިހާ އުފަލަކާއި މަޖަލަކުން މިފަހަރު މަހްރޫމްވާން ޖެހުނީ ކޮވިޑާ ހެދި ކަމަށެވެ.