ބޮލީވުޑް

މަލައިކާއާ އަރުޖުން ރުޅިއެއް ނުވޭ

އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާގެ މެދުގައި މައްސަލަތައް ޖެހި ދެ ލޯބިވެރިން ރުޅިވެއްޖެ ކަމަށް ބުނެ ފާއިތުވީ ދެ ދުވަހެއް ތެރޭ ވަރަށް ގިނަ ޚަބަރުތައް އިންޑިޔާގެ ނޫސްތަކުން ފަތުރާފައި ވެއެވެ.

ނަމަވެސް މިއީ ހުސް ދޮގު ވާހަކަކަން އަރްޖުން ވަނީ ޔަގީން ކޮށްދީފަ އެވެ. މަލައިކާ އާއެކު ލޯގަނޑެއް ކައިރީ ތިބެ ނަގާފައިވާ ފޮޓޯއަކާއެކު އަރްޖުން އިންސްޓަގްރާމްގައި ޝެއާކުރި މެސެޖެއްގައި ބުނެފައި ވަނީ "ހަދަހަދައިގެން ދައްކާ ވާހަކަ ތަކަށް ޖާގައެއް ނެތް" ކަމަށެވެ.

ބައެއް ނޫސްތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި މަލައިކާ އާއި އަރްޖުން ވަކިވާން ނިންމުމުން ވީ ދެރައިން މަލައިކާ ގެއިން ނުނުކުންނަތާ ވެސް ހަ ދުވަސް ވެއްޖެ ކަމަށެވެ.

އަރްޖުން ރުޅިވުމުން ވީ ދެރައިން އެއްވެސް މީހަކާ ބައްދަލު ނުކޮށް މަލައިކާ އުޅެމުންދާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.
ދެބެންގެ ދެ ދަރި ރިއާ ކަޕޫރުގެ ގެއަށް ރޭގަނޑުގެ ކެއުމަކަށް އަރްޖުން ދިއުމަށް ފަހު އެތާ ވަރަށް ކައިރީގައި ހުރި މަލައިކާގެ ގެއަށް ނުގޮސް އެނބުރި ދިޔައީ ކަމަށާއި މި ލޯބިވެރިން މައްސަލަޖެހިގެން އުޅޭކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ މިއީ ކަމަށް ޚަބަރުގައި ވެއެވެ.

މި ޚަބަރުތައް ފަތުރާ މީހުންގެ އަނގަ ބަންދު ކުރަން އަރްޖުން ނިންމީ އަބަދާ އަބަދު އޭނާ އާ މަލައިކާއޭ ކިޔައިގެން ވާހަކަތައް ހަދަހަދައިގެން ދައްކާތީ އެވެ.

ބޮލީވުޑް ލޯބިގެ ޖޯޑުތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ މަލާމާތް ރައްދުވާ ޖޯޑަކީ ވެސް މަލައިކާ އާއި އަރްޖުން އެވެ. އަރްޖުން އަށް ވުރެ މަލައިކާ 12 ވަރަކަށް އަހަރު ދޮށިވެފައި އޭނާގެ 18 އަހަރުގެ ދަރިއަކު ހުރުން އެއީ ބައެއް މީހުން އެ ދެ މީހުންނަށް އެންމެ މަލާމާތްކުރާ އެއް ސަބަބެވެ.