އަރްޖުން ކަޕޫރަކީ ބޮލީވުޑްގައި މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން އެންމެ ދީލަތި އެހީތައް ފޯރުކޮށް ދޭ އެއް އެކްޓަރެވެ. އެގޮތުން ދާދިފަހުން އަރްޖުން ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދާ 100 މީހަކާއި އޭނާގެ އަނބި ނުވަތަ ފިރިމީހާއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކެންސަރުގެ ފަރުވާ ސްޕޮންސާ ކޮށްދިނުމުގެ އިތުރުން އާއިލާއަށް ފައިސާގެ ގޮތުން ވެސް އަރްޖުން އެހީތެރިވެދީފައި ވެއެވެ.
މިއީ ފެބްރުއަރީ 14 ގައި ފާހަގަކުރާ ދުނިޔޭގެ ލޯބިވެރިންގެ ދުވަހާ ގުޅުވައިގެން އޭނާ ވެދިން ދީލަތި އެހީ އެކެވެ. އަދި އަރްޖުންގެ މަންމަ މަރުވީ ކެންސަރު ބަލީގައި ކަމަށް ވާތީ އެ ބައްޔަށް ހޭލުންތެރިކަން ފޯރު ކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަރްޖުން އަބަދުވެސް ކުރެ އެވެ.
ކެންސަރު ޖެހިފައިވާ މި އެންމެންގެ ފަރުވާ އަރްޖުން ސްޕޮންސާ ކުރީ ކެންސާ ޕޭޝަންޓްސް އެއިޑް އެސޯސިއޭޝަން (ޗީޕީއޭއޭ) އާ ގުޅިގެން އަރްޖުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
އަރްޖުން ބުނި ގޮތުގައި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމުން ވަރަށް އިބުރަތްތެރި ފިލާވަޅުތަކެއް އިންސާނުންނަށް ދަސްވެއްޖެ އެވެ. އެކަކު އަނެކަކަށް އަޅާލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިއްމުކަން އަދި ލޯބި ފެތުރުމަށް މި ބަލިމަޑުކަމުން ގިނަ ބަޔަކަށް ވަނީ ދަސްވެފަ އެވެ.
ލޯބިވެރިންގެ ދުވަސް ގިނަ ބަޔަކު ފާހަގަ ކުރަނީ އެމީހަކު އެންމެ ލޯބިވާ މީހާއަކީ ޚާއްސަ މީހެއްގެ ކަން އިހްސާސްކޮށްދިނުމުގެ ބޭނުމުގައި ނަމަވެސް މިފަހަރު އޭނާ ތަފާތު ގޮތަކަށް މި ދުވަސް ފާޙަގަ ކުރަން ނިންމީ ކަމަށް އަރްޖުން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކެންސަރު އެސޯސިއޭޝަނާ ގުޅިގެން އޭނާ ކުރަމުންދާ މި މަސައްކަތުގައި ކެންސަރު ޖެހިފައިވާ ނިކަމެތި ފަގީރު 100 މީހަކާއި އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމީ ހަޔާތުގެ ބައިވެރިޔާއަށް ކެންސަރު ޖެހުމުން އަނެއް މީހާ އުޅެން ޖެހޭނެ ހާލު ވިސްނޭތީ އެމީހާއަށް ވެސް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އަރްޖުން ބުންޏެވެ.