ބޮލީވުޑް

ހާލު ރަނގަޅާތީ ޑޮކްޓަރުން އުފާވޭ: ރާހޫލް ރޯއި

"އާޝިގީ" އިން ފެނުނު "ޗޮކްލެޓް ބޯއި" ރާހޫލް ރޯއީއަށް ސްޓްރޯކެއް ޖެހި ވަރަށް ބަލިވެ ގިނަ ދުވަސްތަކަކު އުޅުމަށް ފަހު މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ. ރާހޫލް ބުނި ގޮތުގައި އޭނާގެ ސިއްހަތަށް ރަނގަޅު ބަދަލުތަކެއް އަންނަތަން ފެންނާތީ ފަރުވާ ދޭ ޑޮކްޓަރުން ވެސް ތިބީ ވަރަށް އުފަލުންނެވެ.

އުމުރުން 53 އަހަރުގެ އެކްޓަރު އޭނާގެ އިންސްޓަގްރާމް އެކައުންޓުން ހޮނިހިރު ދުވަހު ޝެއާ ކުރި މެސެޖެއްގައި އޭނާގެ އެއްމާބަނޑު ބޭބެގެ ފޮޓޯއަކާއި އޭނާގެ ފޮޓޯއެއް ޝެއާކޮށްފައި ވެއެވެ. ރާހޫލް ބުނި ގޮތުގައި ސިއްހަތު އަލުން ހަމަޔަކަށް އެޅި ކެމެރާ އާ ކުރިމަތިލެވޭނެ ދުވަހަކަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވެ އެވެ.

ރާހުލްއަށް ސްޓްރޯކް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ މިހާރު ތިން މަސް ދުވަސް ފާއިތުވެއްޖެ އެވެ.

"ގަވާއިދުން ޑޮކްޓަރަށް ދައްކަން ޖެހޭތީ އިއްޔެ ވެސް ޗެކްއަޕް ހަދަން ޑޮކްޓަރަށް ދެއްކިން. އަހަރެންގެ ސިއްހަތު ރަނގަޅުވަމުން އަންނަ ގޮތާ މެދު ޑޮކްޓަރުން ވަރަށް ހިތްހަމަ ޖެހޭ،" ރާހޫލް ބުންޏެވެ.

ބްރެއިން ސްޓްރޯކް ޖެހުމުގެ ސަބަބުން ރާހޫލްގެ އެއްފަޅިން ވާގި ގޮސް އެއްވެސް ހަރަކާތެއް ނުކުރެވި ވެސް ގިނަ ދުވަސް ތަކަކު އޮތެވެ. މިހާރު އޭނާ ނަގަނީ "މިއުޒިކް ތެރަޕީ" އެއް ކަމަށް ރާހޫލް ބުންޏެވެ.

ރާހުލް އަށް ސްޓްރޯކް ޖެހުނީ އިންޑިޔާގެ ކަރްގިލްގައި "އެލްއޭސީ: ލައިވް ދަ ބެޓްލް" ކިޔާ ފިލްމެއްގެ ޝޫޓިންގްގައި އުޅެނިކޮށް މިދިޔަ ނޮވެމްބަރު މަހުގެ ފަހު ހަފުތާ ގައެވެ. ސްޓްރޯކް ޖެހުމުން ވަގުތުން މުމްބާއީއަށް ގެންގޮސް ނާނާވަތީ ހޮސްޕިޓަލުގައި ބާއްވައިގެން ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން ފަރުވާ ދީފައި ވެއެވެ. ހޮސްޕިޓަލުން އޭނާ ދޫކޮށްލީ ޖެނުއަރީ 7، 2021 ގައެވެ.