ރައްޔިތުންގެ މަޖިލިސް

ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރިޗްވި ގޮތުގެ އިންކުއަރީއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރިޗް ގޮތުގެ އިންކުއަރީއެއް މަޖިލީހުގެ 241 ކޮމިޓީއިން ފަށައިފި އެވެ.

މަޖިލީހުގެ 241 ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މި އިންކުއަރީ ކުރިއަށް ގެންދާނީ ބޭރުގެ ތަޖުރިބާ ކާރުންގެ އެހީތެރިކަމާ ވެސް އެކީގައި ކަމަށެވެ.

އެގޮތުން ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ހިންގާ ތަހުގީގުގައި މަސައްކަތް ކުރަމުން އަންނަ ބޭރުގެ ތަޖުރިބާކާރުންނާ މިހާރު އެކޮމެޓީ އިން ބައްދަލުކޮށް މަޝްވަރާކޮށްފައި ވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ކޮމެޓީއިން ހިންގާ މި ހާއްސަ އިންކުއަރީއަށް ރާއްޖެއިން ބޭރުގެ ޕާލިމެންޓްތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން ލަންކާ އަދި އިނގިރޭސިވިލާތުގެ ޕާލިމެންޓުގެ އެހީތެރިކަން ހޯދައި، ޕާލިމެންޓް އިންކުއަރީއެއް ފުރިހަމަކުރުމަށް ބޭނުންވާނެ ކަންކަން ހޯދައި ދިރާސާ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"... ކޮމެޓީއިން މި ހިންގާ އިންކުއަރީއަކީ މައްސަލަ ތަހުގީގު ކުރުމެއް ނޫން. މިމައްސަލަ ބަލާ ތަހުގީގު ކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން. އަޅުގަނޑުމެން މި ހިންގަނީ ހަމަލާ މެދުވެރިވާން ދިމާވި ސަބަބުތައް ދެނެގަތުމުގެ އިންކުއަރީއެއް." އަސްލަމް ވިދާޅުވި އެވެ.

241 ކޮމެޓީއިން ބަލާނެ މައިގަނޑު ކަންތައްތައް

  • ހަމަލާގެ ކުރިން ހަމަލާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ސަލާމަތީ ހިދުމަތްތައް ދޭ ފަރާތްތަކާއި ދައުލަތުގެ އެއްވެސް އިދާރާއަކަށް ލިބިފައިވޭތޯ ދެނެގަތުން
  • ސަލާމަތީ ބާރުތަކުން ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް އެހިދުމަތް ފޯރުކޮށްދިނުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކަކީ ކޮބައިތޯ ދެނެގަތުން
  • ސަލާމަތީ ބާރުތަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ދޭންޖެހޭ ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަމަލުކުރިގޮތް ދެނެގަތުން
  • ފައިނޭންސް އިންޓެލިޖެންސް މައުލޫމާތު އެއްކުރާގޮތާއި މައުލޫމާތު ލިބުމުން އަމަލުކުރާ ގޮތް ދެނެގަތުން
  • ގާނޫނީ އޮނިގަނޑާ އެއްގޮތަށް އަމަލުކުރަމުންދާ މިންވަރު ދެނެގަތުން

އަސްލަމް ވިދާޅުވީ މައިގަނޑު ފަސް ސްކޯޕެއްގެ މައްޗަށް އިންކުއަރީ ކުރިއަށްގެންދާއިރު ކޮންމެ ސްކޯޕެއްގެ ދަށުން ކުރާނެ މަސައްކަތްތައް ކަނޑައެޅި، އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ޓައިމްލައިނެއް އެކުލަވާލައިފައިވާނެ ކަމަށެވެ.

މި އިންކުރައީގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، 241 ކޮމެޓީ އިން މިހާތަނަށް ކަމާ ބެހޭ އިދާރާތަކާއިއެކު 15 ބައްދަލުވުމެއް ވަނީ ބާއްވާފައިވާފަ އެވެ.

މި މަސައްކަތުގައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާއި ސުވާލު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ސުވާލު ކުރަން ފަށާއި މައްސަލަ ދިރާސާކޮށް ނިންމާފައިކަން ފާހަގަކުރެއްވި އެވެ. އަދި މި މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމައިލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދޭން ޖެހޭ ސެކިއުރީ ދިނުމުގައި ދަތިތަކެއް ހުރި ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ފާހަގަކޮށްފަ އެވެ. ސަބަބަކީ އެމަނިކުފާނު ދިރިއުޅުއްވާ ނީލޯފަރު ގޯޅީގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ އެވެ. އެ މައްސަލަ ފެންމަތިކުރި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފަ އެއް ނުވެ އެވެ.