ރައްޔިތުންގެ މަޖިލިސް

ކޮމިޓީ ތަހުގީގަށް މައުލޫމާތު ހިއްސާކުރަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރިޗް ގޮތުގެ އިންކުއަރީއެއް މަޖިލީހުގެ 241 ކޮމިޓީން ފަށާފައިވާއިރު އެ ކޮމެޓީއަށް މައުލޫމާތު ހިއްސާ ކުރުމުގެ ފުރުސަތު ފުލުހުންނާއި ސިފައިންނަށް ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިރޭ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދާ އިންކުއަރީއަށް މައުލޫމާތު ހިއްސާ ކުރުމަށް ސިފައިންނާއި ފުލުހުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާ ކޮމެޓީއަށް މައުލޫމާތު ހުށައަޅަން ބޭނުންވާ އެ ދެ މުއައްސަސާގެ މުވައްޒިފުން އެ މައުލޫމާތު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީގެ އީމެއިލް އެޑްރެސް [email protected] ނުވަތަ ކޮމެޓީގެ މޯބައިލް ނަންބަރު 7798798 އަށް ފޮނުވައިދިނުމަށް އެދޭ ކަމަށެވެ.

ކޮމެޓީއަށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ މަައުލޫމާތު ސިއްރުކުރަން އެދޭނަމަ އެކަން އެންގުމުން އެ މީހެއްގެ މައުލޫމާތު ސިއްރު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މަޖިލީހުން އޭގެ ކުރިން ނެރުނު އިއުލާނެއްގައި ވަނީ މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދާ އިންކުއަރީއަށް މައުލޫމާތު ހިއްސާ ކުރާ ސިފައިންނާއި ފުލުހުން އަދާކުރާ ވަޒީފާއަށް އަސަރެއް ކޮށްފާނެ އެއްޗވެސް ފިޔަވަޅެއް ނޭޅުމަށް އިދާރާތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

މަޖިލީހުގެ 241 ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މި އިންކުއަރީ ކުރިއަށް ގެންދާނީ ބޭރުގެ ތަޖުރިބާ ކާރުންގެ އެހީތެރިކަމާ ވެސް އެކީގައި ކަމަށެވެ. އެގޮތުން ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ހިންގާ ތަހުގީގުގައި މަސައްކަތް ކުރަމުން އަންނަ ބޭރުގެ ތަޖުރިބާކާރުންނާ މިހާރު އެކޮމެޓީ އިން ބައްދަލުކޮށް މަޝްވަރާކޮށްފައި ވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ކޮމެޓީއިން ހިންގާ މި ހާއްސަ އިންކުއަރީއަށް ރާއްޖެއިން ބޭރުގެ ޕާލިމެންޓްތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން ލަންކާ އަދި އިނގިރޭސިވިލާތުގެ ޕާލިމެންޓުގެ އެހީތެރިކަން ހޯދައި، ޕާލިމެންޓް އިންކުއަރީއެއް ފުރިހަމަކުރުމަށް ބޭނުންވާނެ ކަންކަން ހޯދައި ދިރާސާ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"... ކޮމެޓީއިން މި ހިންގާ އިންކުއަރީއަކީ މައްސަލަ ތަހުގީގު ކުރުމެއް ނޫން. މިމައްސަލަ ބަލާ ތަހުގީގު ކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން. އަޅުގަނޑުމެން މި ހިންގަނީ ހަމަލާ މެދުވެރިވާން ދިމާވި ސަބަބުތައް ދެނެގަތުމުގެ އިންކުއަރީއެއް." އަސްލަމް ވިދާޅުވި އެވެ.