ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ބަންދުކުރާ ހުރިހާ ރަށެއްގައި ކާފިއު ހިންގަނީ

ކޮވިޑް-19 އާއި ގުޅިގެން އަރައި ފޭބުން މަނާ ކުރާ ހުރިހާ ރަށެއްގައި ކާފިއު ހިންގަން ނިންމައިފި އެވެ.

އެގޮތުން އެރަށްރަށުގައި މާދަމާއިން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން މަނާ ވާނެ އެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދު ފަދައިން މޮނީޓަރިންގެ ހާލަތައް ގެނެވޭ ރަށްރަށުގައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި ބޭރަށް ނުނިކުމެވޭނެ ކަމަށެވެ. ޕާޓީތަކާއި ހަފްލާތައް ބޭއްވުމާއި، ގޭގެއަށް ޒިޔާރަތްކުރުން އަދި ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މާނާވާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

މީގެ އިތުރުން އެރަށްރަށުގައި ސެލޫންތަކާއި ބޯކޮށާތަންތަން އަދި ޖިމްތައް ހުޅުވުން ވެސް މަނާ ވާނެ އެވެ. ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން މަނާ ކުރާއިރު، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ކަމަށްވާ ކެފޭ / ރެސްޓޯރެންޓް / ހޮޓާ ފަދަ ތަންތަން ހުޅުވުން ވެސް މަނާ ވާނެ ކަމަށާއި ނަމަވެސް ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތްތައް ދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އަތޮޅުތަކުން 70 ރަށެއް އޮތީ ބަންދުކޮށްފަ އެވެ.

ރާއްޖެއިން އިއްޔެ ވަނީ 1417 މީހަކު ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 1،097 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވި މީހުންގެ ތެރެއިން 303 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 17 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 24،057 މީހުންނެވެ. މިހާތަނަށް 33،136 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 282 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގެ ކޮވިޑް ހާލަތު އަންނަނީ އިތުރަށް ގޯސްވަމުންނެވެ. ބަލީގައި މަރުވާ މީހުންވެސް އަންނަނީ ގިނަވަމުންނެވެ. އިއްޔެ މި ބަލީގައި 13 މީހަކު ވަނީ މަރުވެފަ އެވެ.