ހަބަރު

އަމީރު މުހައްމަދު ނޫރައްދީން އަވަހާރަވެއްޖެ

May 25, 2021
3

ރާއްޖޭގައި އެންމެ ފަހުން ކޮލި ލެވުނު ރަދުން ސުލްތާން ހަސަން ނޫރައްދީން ދެވަނައިގެ ދަރިކަލުން މުހައްމަދު ނޫރައްދީން އަވަހާރަވެއްޖެ އެވެ.

ނޫރައްދީން އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ އެތައް ދުވަހެއް ފަހުން ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދުގެ ވަގުތެއްގަ އެވެ.

ދިވެހި ދައުލަތުން އަރުވާ އެންމެ މަތީ އިއްޒަތް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ދިވެހި ސަރުކާރުން ވަނީ ނޫރައްދީނަށް އަރުވާފަ އެވެ. އެއީ 2011 ވަނަ އަހަރު އެވެ.

ރަދުންގެ ދަރިކަލުންގެ ތެރެއިން އެންމެ ފަހަށް ހުންނެވި ބޭފުޅާގެ ގޮތުގައި ފާހަގަކުރެވުނު ނޫރައްދީން ވަނީ 53 އަހަރު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަންވެސް މުހައްމަދު ނޫރައްދީން ވަނީ ކުރައްވާފަ އެވެ. އެގޮތުން ނ. އަތޮޅާއި، ދ. އަތޮޅާއި، ގއ. އަތޮޅުގެ މެންބަރުކަން ކުރައްވާފައިވެ އެވެ.

ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ އިބްރާހިމް ނޫރައްދީން އަކީ މުހައްމަދު ނޫރައްދީންގެ ކާފަ ދަރިކަލެކެވެ.