ވާހަކަ

ހީނލާގޮތުން

(23 މެއި 2021 އާ ގުޅޭ)

އެ ދެމަފިރިންގެ ދެމެދަށް ލޫނާގެ ނުފޫޒު ގަދަވެފައި އޮތް މިންވަރު އަންދާޒާ ކުރެވުނީ ވެސް އަދި ކިރިޔާ އެވެ. އަނެއްކޮޅުން އޭނާ ސިއްރުކުރީ ނޯޔާއަށް ތަކުލީފެއް ނުދިނުމަށެވެ. އެހެންވިޔަސް ސިއްރު ކުރުމުގެ ސަބަބުން ކަންތައް މިވަނީ ހީނުކުރާ މިންވަރަށް ގޯސްވެފަ އެވެ.

ހެދުންތަކުގެ ތެރެއިން ނޯޔާ އެއްޗެއް ނެގި ގޮތަށް އެނބުރިލި އެވެ. ފަހަތުގައި ހުރި އަސްލަންގެ ކަނާއަތް ހިއްލާލުމާއެކު އެ އަތްތިލައިގަ ނޯޔާގެ އަތުގައި އޮތް ދަތި ބޭއްވި އެވެ. އަދި އަސްލަންއާ ނަޒަރު ސީދާ ކޮށްލުމާއެކު ބަލަން ހުއްޓެވެ. އެ މޫނުން ފާޅުވީ ހައިރާން ކަމެވެ. ސުވާލު އުފެދިފައި ހުރި މީހަކު ހެންނެވެ.

"މީ..." އަތްތިލައަށް އިޝާރާތްކޮށް އަސްލަން ބުންޏެވެ.

"ތި ނުފެނުމުން އަހަންނާ ސުވާލު ކުރާނެ ކަމަށް ހީކުރީ. އަސްލަންގެ ފަޓުލޫނުން އަހަންނަށް ފެނުނީ. ގައިމު ވެސް އަހަރެންގެ އެއްޗެއް ނޫން. ތިކަހަލަ ދައްޗެއް އަހަރެންގެ ބުރުގާއަކު ނުޖަހަން." ނޯޔާ ބުންޏެވެ.

ފަރުވާތެރިކަމާއެކު އަސްލަންއަށް ބަލާލެވުނެވެ. އޭނާ ހަނދާންވާ ގޮތެއް ނުވިއެވެ. އޭނާގެ ފަޓުލޫނު ޖީބުން އެ ފެންނަން ޖެހުނު ސަބަބެއް ވެސް ނުވިސްނުނެވެ. އޭނާއަކީ ފަޓުލޫނު ޖީބަށް އެއްޗެހި އަޅާމީހެއް ނޫނެވެ. އެގޮތަށް އެއްޗެއް ލެވުނުނަމަ ޔަގީނުން ވެސް ހަނދާން ވީހެވެ.

"ނޯޔާ. އަހަންނަށް ނޭނގޭ އެއްޗެއް ނުބުނެވޭނެ. ހަނދާނަށް އެއްގޮތަށް ވެސް ނާދޭ. ނޯޔާއަށް އެނގޭނަމަ ކިޔައިދީބަލަ." އަސްލަން އާދޭސްކުރާ ފަދައިން ބުންޏެވެ.

"ލޫނާގެ އެއްވެސް ކަމެއް އަސްލަންއަށް އެނގޭކަމަށް ނުވޭ. ތީ ލޫނާގެ އެއްޗެއް. އޮފީހުގެ އަހަރީ ހަފުލާއަށް ދިޔަ ރޭ އަސްލަން ލައިގެން ހުރި ފަޓުލޫނުން ތި ފެނުނީ. ރާއްޖެތެރެއަށް ފުރަން އޮތް ދުވަހު ތި ދަތި ބަލާ އޭނާ މިގެއަށް އައި. އަހަރެން އެދުވަހު އޭނާއަށް ދޮގު ހެދިން. އަސްލަންގެ އަތުގައި އޮންނާނޭ ކަމަށް އޭނާ ވަރަށް ޔަގީންކަމާއެކު ބުނި. އެރޭ ތި ދެމީހުން ދެމެދުގައި ކޮންމެވެސް ކަމެއް ހިނގިކަން ބުނެދިނުމަށް އެތައް ވާހަކައެއް ދެއްކި. އިނދެގެން ހުއްޓަސް އަނބިމީހާއަށް ބޭނުންނުވާ ފިރިން ތިބޭނެކަން ވިސްނައިދޭން އޭނާ އުޅުނު ކަހަލަ."

"ޕްލީޒް... ދެޓްސް އިނަފް." އަސްލަން ވަގުތުން ބުންޏެވެ. އޭނާ ނޯޔާގެ ވާހަކަ ހުއްޓުވި އެވެ. ނޯޔާގެ އަތްތިލައަށް ދަމާލައި ގާތަށް ގެނެސް ބައްދާލި އެވެ.

"އަހަރެންނަށް އެނގި އަޅާނުލާ ހުރީކީ ނޫން. ލޫނާގެ ޢަމަލުތައް ތިހިސާބަށް ހިނގައިދާނޭ ކުޑަކޮށް ވެސް ހިޔެއް ނުކުރަން. އޭނާ އަހަރެމެން ދެމެދުގައި ޝައްކާއި ވަހުމް އުފައްދަން މަސައްކަތް އެކުރީ. އަހަރެންނަކީ އެހެން އުޅޭނޭ ފިރިހެނެއް ނޫންކަން އެނގޭއިރު ވެސް." އަސްލަން ބުންޏެވެ. އޭނާ ނޯޔާ ގޮވައިގެން އިށީނީ ކޮޓަރީގަ ހުރި އެނދުގަ އެވެ. އަދި އޮފީހުގެ އަހަރީ ރޭ ކަންތައް ހިނގައިދިޔަ ގޮތް ނޯޔާއަށް އަސްލަން ކިޔާދިނެވެ. އެރޭ އެހުރިހާ ކަމެއް ފެންނަ ހިސާބު ކައިރީގަ ހުސެން ވެސް ހުރިކަން އަސްލަން ބުންޏެވެ. އެރޭގެ ކަންކަމާމެދު ވިސްނުން ހިންގަން ފެށުމާއެކު އަތުގައި އޮތް ދައްޗަކީ ލޫނާ އެރޭ ޖަހައިގެން ހުރި ދަތިކަން ވެސް އަސްލަން ހަނދާންވި އެވެ. ނިތްކުރީގައި އަތުން ޖަހާލެވުނީ ލޫނާ ކުޅެލާފައި އެ އޮތީ ކިހާ ބޮޑު ޑްރާމައެއްކަން ހިތަށް އެރުމުންނެވެ.

"ފުރަން އޮތް ދުވަހު މީޓިންއަށް ވަންކަން ލޫނާއަށް އެނގޭނެ. އޭރު އޭނާ ދަތުރަށް ތައްޔާރުވާންށޭ ކިޔާ ގެއަށްދާން އޮފީހުން ނުކުންނަނީ. އެހެންވީމަ އޭނާ ގެއަށް ނުގޮސް ފުރަތަމަ އެއައީ މިގެއަށްތާ. އޭނާ އެ ދަތުރުގަ އުޅުނީ ވަރަށް ފާޑަކަށް. ކުރިން ނުދައްކާ ކަހަލަ ވާހަކަދެއްކި. ހުސެން ވެސް ވަރަށް ރުޅިގަދަވެފަ ހުރީ. އަހަރެން ހުސެންއަށް ގުޅައި މިގެއަށް ގެންނާނަން. އޭނާ ލޫނާދެކެ ކުއްލިއަކަށް އެހާ ފޫއްސެއް ވެގެން އުޅޭ ސަބަބު އަހާނަން. އޮފީސް ހަފުލާ ނިންމާ ކަންތައްވީގޮތާއި މި ދަތީގެ ވާހަކަ އޭނާއަށް ކިޔައިދޭން ބޭނުން. އެރޭ ކަންތައްވީ ގޮތް އޭނާ ކިޔާދޭނެ. ލޫނާ މި ދަތި އަހަރެންގެ ފަޓުލޫނު ޖީބަށްލީ އަހަރެންނަށް ނޭނގި. އެހެންވެ ޖީބުގައި އޮތް ކަމެއް ނޭނގުނީ. ނެތް އެއްޗެއް ހޯދާކަށް ނޫޅޭނެއެއްނު. ނޯޔާ ނެގިކަމެއް ވެސް އަހަންނަށް ނޭނގޭ."

"އަސްލަން ކައިރީ ކީކޭ އޭނާ ކީ؟" ނޯޔާ އެނގެން ބޭނުންވި އެވެ.

"އެއީ ތެދެއް ނޫންކަން އޭރު ވެސް އެނގޭ. އަހަރެން ގަބޫލެއް ނުކުރަން. ނޯޔާ ހާސް ނުވޭ. އަހަރެން ނޯޔާއަށް އިތުބާރު ކުރަން. ވަރަށް ބޮޑަށް." ބުނަން އޮތް ވާހަކައިގެ ހުތުރުކަމުން އަސްލަންއަށް ނުކެރުނީއެވެ.

ނޯޔާ ގޮތް ދޫ ނުކުރި އެވެ. ލޫނާ ދެއްކި ވާހަކައެއްވިއްޔާ އެނގެން އޭނާ ބޭނުމެވެ. އަސްލަން ގާތު އެއްވެސް ކަމެއް ނުފޮރުވާ ކިޔާދޭން ނޯޔާ އެދުނެވެ. އެހެންވެ ނުކެރިފައި އިނދެވެސް ރިދާނާއި ނޯޔާއާ ގުޅުވާ ލޫނާ ދެއްކި ވާހަކަ ހާމަކުރި އެވެ. ނޯޔާއަށް ލޯ މަރާލެވުނެވެ. ލޫނާ ހަމައެކަނި ނޯޔާގެ ކައިރީ ފާޑުފާޑު ވާހަކަ ދައްކާ ނިންމާލީ ނޫންކަން މިހާރު އެނގިއްޖެ އެވެ. ހަމައެއާއެކު އިއްޔެ ހަވީރު އޭނާ އަސްލަންއާއެކު އޮފީހަށް ނުގެންދިޔައީ ކީއްވެކަން ވެސް މިހާރު ނޯޔާއަށް އެނގިއްޖެ އެވެ. އޭނާ ގެއްލިދާނެތީ އަސްލަން ކަންބޮޑުވާކަން އެނގުމަކީ ނޯޔާ އުފާވި ކަމެކެވެ.

"ލޫނާ... އޭނާއާ ވާހަކަ ދައްކަން އަހަންނަށް އެއްބަހެއް ނުވެވޭނެ. އޭނާ އުޅެނީ އަހަރެންގެ ފިރިމީހާ ބޭނުން ވެގެން." ނޯޔާއަށް ބުނެވުނެވެ.

"އަހަންނަށް ނޯޔާ ފުދޭ. އެނޫން އެއްވެސް އަންހެނެއް ބޭނުމެއްނޫން. ނޯޔާ ބުނެބަލަ... ލޫނާގެ ސަބަބުން އަހަރެން ދެކެ ފޫހިވީތަ؟" އަސްލަންގެ ހިތުގެ ޝުޢޫރު ހާމަކުރާއިރު ވެސް ނޯޔާގެ ހިތުގައިވާ އެއްޗެއް ނުބުނާތީ ކެތްތެރިކަން ކުޑަވީއެވެ.

"އަހަންނަށް އަސްލަން ދެކެ ލޯބިވެވިއްޖެ. ކަންބޮޑުވެ ހާސްވީ އެހެންވެ... ދެ މީހުން ވަކިވާން ޖެހިދާނެތީ. އަސްލަން އަހަރެން ބަލައި ނުގަނެފާނެތީ." ނޯޔާ ބުންޏެވެ. މަޑުންމަޑުން ފޫހިއްލާލައި އަސްލަންގެ ގާތަށް ނޯޔާ ޖެހިލިއެވެ. ފިރިމީހާގެ މޫނުގައި ފުރަތަމަ ފަހަރަށް ނޯޔާ އަތްތިލަ ޖައްސާލިއެވެ. އެއަތުގައި ނުހަނު އަވަހަށް އަސްލަން ހިފާލިއެވެ.

"އައި ލަވް ޔޫ." ނޯޔާ ބުނެލި އެވެ.

"އަހަރެން ވެސް. މިވަގުތު ލޯބިން ބޮސްދޭން ބޭނުމޭ ބުނިއްޔާ..." އަސްލަން ފަރުވާތެރިކަމާއެކު ނޯޔާގެ މޫނަށް ބަލާލި އެވެ. ލަދުން މޫނުކޮޅު ނޯޔާގެ ރަތްވެލި އެވެ. ނަމަވެސް ފިރިމީހާއަށް އިޒްނަ ދޭ ފަދައިން ނޯޔާ ދެ ލޯ މަރާލުމާއެކު މަޑުމަޑުން މޫނު އުފުލާލި އެވެ. ހިނިތުންވެލުމާއެކު އަސްލަން ލަހެއް ނުކުރިއެވެ. އެ ނަފްސު އެފަދަ ލޯބިވެތި ބީހުމަކަށް ބޭނުންވެފައިވާ ކަހަލައެވެ. އަސްލަންގެ ބީހިލުމާއެކު އެ ކަނދުރާގައި ނޯޔާގެ ދެއަތް އަޅުވާލައިފި އެވެ. އަނބިމިހާ ގޮވައިގެން އެނދުގައި އަރިއަކަށް އަސްލަން އޮށޯވެލި އެވެ. އެ އަތުގެ ތެރެއިން ނޯޔާ ދުރުވެލިޔަ ނުދެ އެވެ.

"އަހަރެން ހުރީ ކޮޓަރީގެ ފަރުނީޗަރު ބަދަލު ކުރުމަށް ފަހު އަހަރެން ކައިރިއަށް ކޮޓަރިއަށް ނޯޔާ ބަދަލު ކުރަން." އަސްލަންގެ އަތްމަތީ ބޯ އަޅާލައިގެން އޮތް ނޯޔާގެ މޫނުގައި ފިރުމަމުން އޭނާ ވާހަކަ ދެއްކި އެވެ.

"ހަތްދުވަސް ތެރޭ އެކަން ނުވާނެތަ؟" ނޯޔާ ބުނެލި އެވެ.

"ވައި އޮންލީ ސެވެން ޑޭސް" އަސްލަން އަޖައިބުވި އެވެ. އެހިނދު ނޯޔާ ބޯ ހިއްލާލައި އަސްލަންގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލި އެވެ. އަސްލަންއަށް ހީނގަނެވުނީ ބޭއިޚްތިޔާރުގަ އެވެ. ނުހަނު ބާރަށެވެ.

"އަހަރެންނަށް ކެތްކުރަން އެނގޭ. މިހާ ދުވަހު ދުރުގަ ހުރީނު، އެންމެ ހަތް ދުވަހު ކީއްވެ ނުހުރެވެންވީ. އެކަމަކު ބުނަން، މިރެއިން ފެށިގެން ނޯޔާ އުޅޭނީ އަހަންނާ އެއްކޮޓަރިއެއްގަ. އަދި މިރޭ ދާންވާނެ އަހަންނާއެކު ފަރުނީޗަރު ބަލަން. ކޮޓަރިއަށް ބޭނުންވާނޭ އެއްޗެހި އަވަހަށް ގަންނަން ބޭނުން." އަސްލަން ހުނުން ހުއްޓާލުމާއެކު ނިކަން ސީރިއަސްކޮށް ބުންޏެވެ.

ނޯޔާގެ ހިނިތުންވުން އެނބުރި އަތުވެއްޖެ އެވެ. ދެމަފިރިންގެ ދެމެދުގައި ކަންކަން ހިއްސާ ކުރަންޖެހޭއިރު އެކަން ނުކެރުވުނުކަން ދެ މީހުން ވެސް ގަބޫލު ކުރި އެވެ. ހުރިހާކަމެއް މިދިމާވީ އެކަމުގެ ސަބަބުންނެވެ. ކަންކަން ސިއްރުކުރަން ހަދައިގެންނެވެ. ބޮޑުކަމެއްކަމުގައި ނުދެކި ބުނުން މުހިންމުނޫންހެން ހީވާ އާދައިގެ ކަމަކުން ވެސް ދެމެދުގަ އޮތް ގުޅުން ހީނަރުވެދާނޭކަން މިހާރު އަސްލަންއާއި ނޯޔާއަށް ވެސް ވިސްނިއްޖެއެވެ. އެގޮތް ބަދަލުކުރާނޭކަމުގެ ޔަގީންކަން ދެ މީހުން ވެސް އެކަކުއަނެކަކަށް ދިނެވެ. އަދި ލޫނާއާ މެދު ކަންތައް ކުރާނޭ ގޮތަކާމެދު ރޭވިއެވެ. ފުރަތަމަ ކަމަކަށް ހުސެން އެގެއަށް ގެނެސް އެކަމާ ވާހަކަދައްކަން އަސްލަން ނިންމި ނިންމުން ނޯޔާ ވެސް ބަލައިގަތެވެ.

"މަޑުކޮށްބަލަ... އެމްއަކީ ކާކު؟" ނޯޔާ އެނދުން ތެދުވެ ކޮޓަރިން ނުކުންނަން އުޅުނު ހިނދު އޭނާގެ އަތުގައި އަސްލަން ހިފެހެއްޓި އެވެ.

"ނޭނގެ." ނޯޔާ ބުންޏެވެ.

"އެހެންވީރު މާބަނޑިފޮނުވީ ކާކު؟" އަސްލަން އެއްސެވެ.

"ރިދާން ގެނައީ... މަންމަ ބަޔަށް މީހަކު ގެނެސް ހަވާލުކުރިއޭ ބުނީ. އަދި ބަލައެއް ނުލަން. އަސްލަންއާއެކު ލޫނާ ފެނި މާބޮނޑިމަތިން ހަނދާނެއްނެތް." ނޯޔާ ތެދަށް ބުންޏެވެ.

"އަހަންނަށް... އޭތި ހަލާކުކޮށްލެވިއްޖެ. ޑަސްބިނަށް ވެސް ލެވިއްޖެ." އަސްލަން މަޑުމަޑުން ބުނެލި އެވެ. އެއާއެކު ނޯޔާ ހީނލައިފި އެވެ.

"ޖެލަސްވީތަ؟" އަސްލަންގެ މޭގައި ދެއަތްތިލަ ޖައްސާލަމުން ނޯޔާ އަހާލީ ހެވި ދިއްލިފައި ހުރެއެވެ.

"އާން! ތީ އަހަރެންގެ މީހެއް. މައި ވައިފް." ނޯޔާގެ ކޮލުގައި އަސްލަން ބޮސްދިނެވެ.

"ޝައްކެއްވެސް ނެތް. މި އެއްކޮށް... މީ ހަމައެކަނި އަސްލަންގެ ހައްޤެއް." ނޯޔާ މިހެންބުނެ ހަށިގަނޑުގެ ދެއަރިމަތިން އަތްހިންގާލި އެވެ. އެ މަންޒަރު ބަލަން ހުރި އަސްލަން ހީނގަތެވެ.

ޑަސްބިނުގައި އޮތީ މާބޮނޑީގެ މާތަށް ރޫޅި ފިޔަތައް ވެރި ތަރުތީބު ގެއްލިފައިވާ އެއްޗެއް ގޮތުގައެވެ. އޭގެ ތެރެއިން ކާޑުކޮޅު ހޯދާ އެ ނަގާ ނޯޔާ ބަލާލި އެވެ. އަސްލަން ރުޅިއައުން ހައްގުކަން އެނގުނީ އެ ކާޑުގައި ލިޔެފައިވި ލިޔުންކޮޅު ނޯޔާ ކިޔާލުމުންނެވެ. ކާކުބާއޭ އޭނާ ވަގުތުން ހިތަށް އެރިއެވެ. އެއާއެކު ހަނދާނަށް އައީ މިދުހަތެވެ. އޭނާއާ އެކަހަލަ ވިޔާނުދާ ވާހަކައެއް ދެއްކި ފުރަތަމަ ފިރިހެނަކީ އެއީއެވެ.

"އަސްލަން... އަހަންނަށް ހީވާނީ އެއީ ކާކުކަން އެނގޭހެން. ޔަގީނެއްނޫން. އެކަމަކު މީ އަސްލަންއަށް އެނގެން ޖެހޭ ކަމެއް. އަދި ކިޔާ ނުދެވި އޮތް ވަރަށް ބޮޑުކަމެއް. ސާރާއާ އެއްކުލާހުގައި އުޅޭ ކުއްޖެއްގެ ޕްރޭންޓެއްގެ އުނދަގޫ އަހަންނަށް ފޯރި. ކުއްޖެއްގެ ބައްޕަ... ފަހަތުން އަޅައިގަތް ގޮތަށް އަހަރެންގެ ބޮލަށް އުނދަގޫވާވަރުވި. ސްކޫލު ދޮށުން ދިމާވެގެން. ރިދާނަށް މިކަން ވަރަށް ރަނގަޅަށް އެނގޭނެ. އަހަރެންގެ ވެސް ވިސްނުމެއް ނެތީމަ އޭނާ ދެއްކި ވާހަކަ ގަބޫލު ކުރެވުނީ. އެކުއްޖާގެ މަންމަ މިގޭ ދޮށަށް ވެސް އައީ. އަހަންނާ އެމީހާއާ ގުޅުމެއް އޮންނަނީ ކަމަށް ހީކޮށް. އެ ފިރިހެންމީހާގެ ގޮތް ވަރަށް ރަނގަޅަށް ކިޔާދީފަ އޭނާ ދިޔައީ. ރިދާނާ އެ އަންހެން މީހާ ބައްދަލުވީ... އެ އަންހެން މީހާ ހީކުރީ ރިދާނަކީ ކަމަށް އަހަރެންގެ ފިރިމީހާއަކީ. އަހަންނާ ބައްދަލުކުރީ ފަހުން. އެ ދެމީހުން ވާހަކަދައްކާފަ." ނޯޔާ ބުންޏެވެ.

"ކިހާ ދުވަހެއްވެއްޖެ؟ ކީއްވެ ނޯޔާ ނުބުނީ..." އަސްލަން މާޔޫސްވި އެވެ.

"ނޭނގޭނެއެއްނު ސްކޫލުދޮށަށް ދާތަނުން އެކަހަލަ ކަމެއްވެދާނެއެކޭ. އެތައްބައިވަރު މީހުންނެއް ދަރީން ގޮވައިގެން ސްކޫލު ދޮށަށް ދާނެ ދޯ." ނޯޔާ ބުންޏެވެ.

"ކޮންނަމައެއް ކިޔާ މީހެއް؟ ތިކަން ފެށުނު ހިސާބުން ކިޔާދީބަލަ." އަސްލަންއަށް ބުނެވުނެވެ. މީހަކު އޭނާގެ އަންހެނުންނާ ދިމާކޮށްފާނޭ ހިޔެއްނުކުރެއެވެ. އަދި އެވެސް ސްކޫލު ދޮށުންނެވެ. އަޅާނުލާ ދުކޮށްލެވޭވަރު ކަމަކަށް މިކަން ނުވާނެއެވެ. ނޯޔާ ރައްކާތެރި ކުރުމަކީ އޭނާގެ ޒިންމާއެކެވެ.

މިދުހަތާއި ފުރަތަމަ ބައްދަލުވީ ގޮތާއި ކަންތައްތައް ހިނގައިދިޔަ ގޮތް ނޯޔާ ކިޔާދިނެވެ. މިދުހަތަށް ނަންބަރު ދިންކަމެވެ. ދޭން ޖެހުނީ ކީއްވެކަމެވެ. މިދުހަތު ދައްކާފައި ހުރި ވާހަކަތަކެވެ. ނޯޔާގެ ދުލުން މިދުހަތުގެ ނަން އިވުމާއެކު އަސްލަންއަށް ބަދަލުތަކެއް އައިހެން ނޯޔާއަށް ހީވިއެވެ.

"ސޮރީ... ފުރަތަމަ ވާހަކަދައްކާއިރު ނޭނގޭނެއެއްނު ގޮތެއް. އަހަރެން ހިތުން އޭނާއަށް އެހީވީ. އެކަމަކު އޭނާ އުޅުނީ އެހެންވައްތަރަކަށް. އަހަރެންނަކީ މީހެއްގެ އަނތްބެއްކަމާއި ތިންކުދީން އެބަތިއްބޭ ބުނީމާ ވެސް އޭނާ ލަދެއް ނުގަތް. އަސްލަން ގުޅާބަލަ ރިދާނަށް. އޭނާއަށް އެނގޭނެ މިކަންވީގޮތް. މައްތުއޭ އަދި ކިޔަނީ އަމިއްލައަށް. ރިދާން ހުރި ވަގުތަކު އޭނާގެ އުނދަގޫ ޖެހިގެން ފޯނު ނެގީ އޭނާ. އަހަރެންގެ އަންހެނުންނަށް ނުގުޅާށޭ ބުނީމަ މައިތިރިވީ. މީ އޭނާގެ ކަމެއްހެން ހީވަނީ. އޭނާގެ އަންހެނުން އަހަރެން އުޅޭތަނެއް ހޯދިއިރު އޭނާއަށް އަދި މާފަސޭހައިން ހޯދޭނެއެއްނު." ނޯޔާ ކިޔާދިނެވެ.

އަސްލަން ގުޅީ ރިދާނަށެވެ. އެމީހުންގެ ބަޔަށް އައިސް ދިނުމަށް ރިދާންގެ ގާތުން އަސްލަން އެދުނެވެ. މިދުހަތު ހުންނަ ގޮތް ކިޔާދޭން ނޯޔާގެ ގާތުގައި ބުންޏެވެ. ސިފަ ކިޔައިދިނުމުން މުޅީން އަސްލަންއަށް ޔަގީނެއް ނުވިއެވެ. އޭނާ ދަންނަ މިދުހަތާއި ނޯޔާ ކިޔައިދޭ މިދުހަތަކީ އެކަކުކަން އެނގޭނީ ފެނުނީމަ އެވެ. އެމީހަކު ބަލަން އަސްލަން ބޭނުމެވެ.

އަސްލަން ގުޅާލުމާއެކު ރިދާން ވަގުތުން އެބަޔަށް އަތުވެއްޖެ އެވެ. އަސްލަންއަށްވުރެ ކުރީން ކަންތައްވެގެން އުޅޭ ގޮތް ނޯޔާ އޮޅުންފިލުވައި ދިނެވެ. ރައުލާއަކީ މިދުހަތުގެ ދަރިފުޅުގެ މަންމަކަމާއި ހުރީ ވަރިކޮށްފަކަން ރިދާން ބުންޏެވެ. ރައުލާ އެގެ ހޯދާ ރިދާން ފާހަގަކުރި ގޮތް ވެސް ކިޔާދިނެވެ. އަދި މިދުހަތުގެ ވިޔާނުދާ އުޅުމުގެ ވާހަކަ އޭނާގެ ދަރިފުޅުގެ މަންމަ ކިޔާދީން ގޮތަށް އަސްލަންއަށް ރިދާން ކިޔާދިނެވެ.

"މާބޮނޑިފޮނުވީ އޭނަހެން ހީވަނީ." ނޯޔާ ބުންޏެވެ.

"އޭނާގެ ކަންތައް އެދަނީ މާމައްޗަށް." ރުޅިގަދަވެފައި ރިދާނު ބުނެލި އެވެ. އަސްލަން ބޯޖަހާލީ އެކަމާ އެއްބަސްވަމޭ ބުނާ ފަދައިންނެވެ.

"އޭނާގެ ނަންބަރު އެބައޮތްތަ؟" އަސްލަން އަހާލި އެވެ. ނޯޔާ ވަގުތުން އާނއެކޭ ބުނުމަށް ބޯ ޖަހާލި އެވެ.

"ގުޅާ... ގުޅާފަ އަހާ މާބޮނޑި ފޮނުވިންތޯ. ސްޕީކަރަށް ލާތި އިނގޭ." އަސްލަން ބުންޏެވެ.

"އޭރުންނޯ. އޭނާ ނުފޮނުވިޔަސް ބުނެދާނެ ފޮނުވީމޭ... އަހަރެން ގުޅީމަ ހީކުރާނީ..." ނޯޔާ އެއްގޮތަކަށް ވެސް މިދުހަތާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ.

"އަހަރެމެން މިތިބީނު އަޑުއަހަން. ދޮގު ހަދަންޏާ އެނގޭނެ." ރިދާން ބުންޏެވެ.

"އާ ނަންބަރެއް ނޯޔާއަށް ނަގާދޭނަން. އޭނާގެ އުނދަގުލުން އޭރުން ސަލާމަތްވީނު." އަސްލަން ބުންޏެވެ.

ނޯޔާ ފޯނު ހުޅުވާލުމާއެކު މިދުހަތުގެ ނަންބަރު ހޯދާ ގުޅިއެވެ. އިސްޕީކަރަށް ލާފައި ހުރުމުން ރިންގުވަމުންދިޔަ އަޑު އެންމެންނަށް އިވިއިވި ހުއްޓެވެ.

"ހެލޯ. ނޯޔާތަ." ހިނިއައިސްފައިވާ އަޑަކުން މިދުހަތު ކޯލު ނެގިގޮތަށް ވާހަކަދެއްކިއެވެ. އެ އަޑު ކަންފަތުގައި ޖެހުމާއެކު އަސްލަންއަށް ދަތްކުނޑިވިކާލެވުނެވެ.

"ބުނޭ... ފޮނުވި ހަދިޔާ ލިބިއްޖެޔޭ." ސިއްރުން އަސްލަން ބުންޏެވެ. އެއާއެކު ނޯޔާ އެބަސްތައް ތަކުރާރުކޮށްލިއެވެ.

"ނޯޔާ ހާދަ ހުސިޔާރޭ، މައްތު ހީކުރީ ހަމައެކަނި އެމް ޖަހާފަ އޮތީމަ ނޭނގޭނެއޭ. މާބޮނޑި ކަމުދިޔަތަ؟ އަސްލަން ކޮބާތަ ފޭވަރިޓް މަލަކީ. އޭރުން ދޯ ދެންފަހަރަކުން އެވައްތަރުގެ މާ ފޮނުވައިދޭން އެނގޭނީ." މިދުހަތު ބުންޏެވެ. ނޯޔާ މޫނު ހަދާލުމާއެކު ކައިރީގަ ތިބި އަސްލަންއާއި ރިދާނަށް ބަލާލިއެވެ.

"މިދުހަތު ސަލީމްތޯ ކިޔަނީ އަހާބަލަ." އަސްލަން މިފަހަރު ވެސް ނޯޔާ ގާތު ބުނީ ސިއްރުންނެވެ. ނޯޔާ އެހެން އަހާލިއެވެ.

"ކިހިނެއް އެނގުނީ. ރައުލާތަ ބުނީ؟ ނޯޔާ ގަބޫލު ނުކުރައްޗޭ އޭނާ ދައްކާ ވާހަކަ. އަހަރެން ހާދަ ދެރަވިއޭ ނޯޔާ ރުޅިއައީމަ." މިދުހަތު ދެރަވެގެން އެތައް ވާހަކައެއް ދެއްކިއެވެ. އެ އަޑު އަހަން އިން ރިދާނަށް ހީނނުގަނެވުނީ ކިރިޔާ އެވެ.

"ބުނޭ ބައްދަލު ކޮށްލަން ބޭނުމޭ." ނޯޔާ ބުނަންވީ އެއްޗެއް އަސްލަން ސިއްރުން ބުނެދިނެވެ. (ނުނިމޭ)