ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ހަސަން މަނިކަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީ އެގޮތަށް ނިންމީ ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ ދެެ ގަޒިއްޔާއަކުން އަހްމަދު ހަސަން މަނިކު ތަނާޒުލްވެފައިވާތީ އެވެ.
ޖޭއެސްސީން ބުނީ އަހްމަދު ހަސަން މަނިކު އެގޮތަށް އަމަލުކުރީ ޝަރީއަތް ކުރުމާބެހޭ ގަވާއިދުގެ 35 ވަނަ މާއްދާއާއި، އެ މާއްދާގެ ދެވަނަ ނަންބަރުގައި އަދި އެ ނޫންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ފަނޑިޔާރަކާ ހަވާލުކުރެވޭ މައްސަލައެއް ބެލުމުން ތަނާޒުލްވެވޭނެ ކަމަށް ކަނޑައަޅާފައިވާ ހާލަތެއްގައި ނޫން ކަމަށެވެ.
އަހުމަދު ހަސަންގެ މި އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޝަރީއަތް ކުރުމާބެހޭ ގަަވާއިދާ ހިލާފު އަމަލެއް ކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން މައުލޫމާތު ދީފައިވެ އެވެ.
އެހެންކަމުން އިސް މެޖިސްޓްރޭޓް އަހްމަދު ހަސަން މަނިކަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
ޖޭއެސްސީގައި މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުން އެ މަގާމާ ހަވާލުވެޑައިގެންނެވި ފަހުން ވަރަށް ގިނަ ފަނޑިޔާރުންނަށް ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައިވެ އެވެ. އަދި ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ވެސް ހުށަހަޅާފައިވެ އެވެ.