ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބާއްވަވާ ނޫސްވެރިންގެ ބައްދަލްވުމެއް މިރޭ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރައީސް ސޯލިހް ނޫސްވެރިންނާއި ބައްދަލު ކުރައްވާނީ މިރޭ 10:00 ޖަހާއިރު ކަމަށެވެ. ނޫސްވެރިންގެ މި ބައްދަލްވުމުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އަދި މާދަމާއިން ފެށިގެން ތަންފީޒު ކުރާ އާ ފިޔަވަޅުތަކާއި ގުޅޭގޮތުން ރައީސް ވާހަކަ ދައްކަވާނެ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހް، ނޫސްވެރިންގެ ބައްދަލްވުމެއް މި ބާއްވަވަނީ ނޫސްވެރިންނާ ބައްދަލު ނުކުރައްވާތާ ގިނަ ދުވަސްތަކެއްވެފައިވަނިކޮށެވެ. އަދި ކޮވިޑްގެ ހާލަތު މިހާ ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އާންމު ރައްޔިތުންނާ ބައްދަލު ނުކުރައްވާތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

ރައީސް ވަނީ ދާދި ފަހުން ދެ ފަހަރެއްގެ މަތިން ގައުމާ މުހާތަބު ކުރައްވާފައެވެ. އެއީ މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާއި ގުޅިގެންނާއި ލޯކަލް ކައުންސިލްތަކުގެ އާ ދައުރު ފެށުމާއި ގުޅިގެންނެވެ. އެއީ މި މަހުގެ 17 ވަނަ ދުވަހުގެ ރެ އެވެ.

ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވާތީ ހަވީރު އޮންނަ ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ނޫސްވެރިންގެ ބައްދަލްވުންވެސް ވަނީ ކެންސަލުކޮށްފައެވެ.