ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

375 މިލިއަން ރުފިޔާގެ ލޯން ޕެކޭޖެއް ތައާރަފް ކުރަނީ

ކޮވިޑް 19ގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައާރަފް ކުރުމަށް ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށްޓަކައި މިހާލަތުގައި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފިޔަވަޅުތައް އަޅައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެގޮތުން ރިލީފް ލޯންގެ ގޮތުގައި ސޮފްޓް ލޯންތަކެއް ދޫކުރަން ވަރަށް އަވަހަށް ފައްޓަވާނެ ކަމުގައި ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. ލޯން ދޫކުރުމަށް ހަމަޖައްސާފައިވަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

ސޮފްޓް ލޯން ދިނުމަށް ހަމަޖައްސާފައިވަނީ ކެފޭ، ރެސްޓްރޯނަންޓް، ވޯކްޝޮޕް، ސެލޫން ޖިމް ކަހަލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

ރައީސް ވިދާޅުވީ ސޮފްޓް ލޯން ދިނުމަށްޓަކައި 375 މިލިއަން ރުފިޔާ ނުވަތަ 20 މިލިއަން ޔޫރޯގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައްޔާރުކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ޖޫން މަހު ލޯންތައް ދޫކުރަން ފެށޭވަރުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. 20 މިލިއަން ޔޫރޯ ހޯދުމަށް މަސައްކަތް ކުރަމުން ދަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރެއިން ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ހުރިހާ ބޭފުޅުން ވެސް ވަކިން ހާއްސަކޮށް އަމިއްލަ ފަރާތްތަކުން މިދަނޑިވަޅުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގައި އަތުކުރި އޮޅާލުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

"ސަރުކާރުން މިހާރު އަޅަމުން ގެންދާ ފިޔަވަތަކާ އެކު މާގިނަ ދުވަހެއް އާންމު ހާލަތަށް އައުމުގެ ފުރުސަތު ބޮޑު،" ރައްޔިތުންނަށް އުއްމީދެއް ދެއްވަމުން ރައީސް ވިދާޅުވި އެވެ.