ދުނިޔެ

ބައިޑަންއާ ޕޫޓިން ބައްދަލުކުރެއްވުން ޖޫން 16 ގައި

އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ޖޫން 16 ގައި ބައްދަލު ކުރައްވާނެ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ. ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވީ ދެ ލީޑަރުން ބައްދަލު ކުރައްވާނީ ސްވިޒަލޭންޑްގެ ޖެނީވާގައި ކަމަށެވެ.

ޖޯ ބައިޑަން އެމެރިކާގެ ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އަދި ޕޫޓިންއާ ބައްދަލު ކުރައްވާފައެއް ނުވެ އެވެ. އެހެން ކަމުން ދެ ބޭފުޅުންގެ މި ބައްދަލު ކުރެއްވުން ތާރީހުން ޖާގައެއް ހޯދާނީ އާ ސަފުހާއަކުންނެވެ.

އެމެރިކާއާ ރަޝިއާ އަކީ ވަރުގަދަ ދެ ބާރެވެ. ވާދަވެރި ކަމާ ހެދި އެކުވެރި ގުޅުމެއް ދެމެހެއްޓޭ ގޮތެއް ނުވެ އެވެ. އައްސި ފިލުވައިލަން ދެވޭ އިންޒާރާއި ބަހުގެ ހަލަލާތަކުގެ އިތުރުން އޮންނަނީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމެވެ. އެމެރިކާއިން ގައުމުތަކަށް ދަތިކުރަން އަޅާ ފިޔަވަޅުތައް މިހާރު ވެފައި އޮންނަނީ ބޮޑު ޖޯކަކަށެވެ.

ރަޝިއާއިން ބުނީ ގައުމީ ވިސްނުމަކީ އެމެރިކާއާ ގުޅިގެން ދުނިޔެ ތަރައްގީ ކުރުން ކަމަށެވެ. ވާދަވެރި ކަމުގައި ރުހެވެން ނެތް ފަރަގެއް ހުރި ނަމަ މަޝްވަރާއިން ހައްލުން ހޯދަން ތައްޔާރު ކަމަށެވެ.

އެމެރިކާއިން ބުނަނީ ރަޝިއާއިން އެވެނި މިވެނި ކަމެއް ކޮށްފި ނަމަ އިގުތިސޯދީ ގޮތުން ދަތިކުރާނެ ކަމަށެވެ. ރަޝިއާއަށް ދަތި ކުރަން އަޅާ ފިޔަވަޅެއްގެ ސަބަބުން އަތަށް ގޮވި ނަމަވެސް އެމެރިކާގެ އެދުމަކީ ދުނިޔެ ލީޑަރު ކަމެވެ.

ޖެން ސާކީ ވިދާޅުވީ ދެ ގައުމު ސުލްހަވުމަށް ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ބައިނަލްއަގުވާމީ މަޝްރަހުގައި ދެ ގައުމު ޝައުގުވެރިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާނެ ކަމަށެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ބައިޑަން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އިނގިރޭސިވިލާތުގައި ޖޫން 11 އިން 13 އަށް އޮންނަ ޖީ7ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ޖޫން 14 ގައި ޔޫރަޕް އިއްތިހާދުގެ ބައިވެރިންނާ ބްރަސެލްސްގައި ބައްދަލު ކުރައްވާނެ އެވެ. ޕޫޓިންއާ ބައްދަލު ކުރައްވާނީ އެއަށް ފަހު ޖޫން 16 އިގަ އެވެ.