ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ބޮޑެތި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ލަސްވުމުގެ ޝަކުވާ

May 26, 2021

މާލެ ސަރަހައްދު ކާފިއު ހިންގާފައިވާއިރު، ވިޔަފާރިތަކުން ހިދުމަތް ދޭން ލިބެން ޖެހޭ ހުއްދަތައް ލަސްވެ، އާއްމުންނަށާއި ވިޔަފާރިއަށް ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާއެކު ހަވީރު 4:00 އަކުން ހެނދުނު 8:00 އަކަށް ބޭރަށް ނުކުމެ އުޅުން ވަނީ މަނާ ކޮށްފަ އެވެ. އަދި ހެނދުނު 8:00 އިން ފެށިގެން ބޭރުގައި އުޅެވޭނީ ހާއްސަ ހުއްދައެއް ލިބިގެނެވެ. އަދި އެ ވަގުތުތަކުގައި ވިޔަފާރިތައް ވެސް ހުޅުވޭނީ ހުއްދަ ލިބިގެނެވެ. ސަރުކާރުން ބުނެފައި ވަނީ މިއަދު ހެނދުނު ވިޔަފާރި ކުރަން ދާން އާއްމުންނަށް ހުއްދަ ދޭނެ ކަމަށެވެ.

ނަމަވެސް، ގިނަ ބަޔަކަށް ހުއްދަ ލިބި ވިޔަފާރި ކުރަން ދިޔައިރު ބޮޑެތި ގިނަ ފިހާރަތަކަށް ހުއްދަތައް ނުލިބި ހުރުމުން ވިޔަފާރި ހިދުމަތެއް ނުލިބެ އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރި ކުރާ އެއް ފިހާރައަކުން ވާހަކަ ދެއްކި ވެރިއަކު ވިދާޅުވި ގޮތުގައި ކުދި ފިހާރަތަކަށް ހުއްދަ ދިން ނަމަވެސް ބޮޑެތި ތަންތަނަށް ހުއްދަ ނުލިބެ އެވެ. އެހެންވެ ހިދުމަތްދޭން ވަނީ ދަތިވެފަ އެވެ.

"ހިދުމަތްތަކަށް އިއްޔެ އެދެފިން އަދިވެސް ނުލިބޭ. ހުޅުވަން ވެސް ޑެލިވަރީއަށް ވެސް އެއްޗެސް ހުއްދައެއް ނުލިބެ،" ފުޅާކޮށް ހޯލްސޭލް އަދި ރިޓެއިލް ވިޔަފާރި ވެސް ކުރާ ކުންފުނީގެ އެ ވެރިޔާ ވިދާޅުވި އެވެ.

ރިސޯޓުތަކާއި އާއްމުންނަށް ހިދުމަތް ދޭ، ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވީ ހިދުމަތުގެ ހުއްދައަށް އެދިފައިވާތާ 24 ގަޑިއިރު ވެފައިވާ ކަމަށާ، އެކަމަކު އެއްވެސް ހުއްދައެއް އަދިވެސް ނުލިބޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިއްކާ މައިލޯ ފަދަ އެއްޗިއްސަކީ އާއްމުން ގިނަ އަދަކަށް ބޭނުންކުރާ ސާމާނު. އެހެންވެ ޑިމާންޑު ވެސް މަތި. އެކަމަކު ހުއްދަ ނުލިބިގެން ވަރަށް ދަތިވޭ،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރި ހުޅުވުމުގެ ހުއްދައަށް އިކޮނޮމިކް މިނިސްޓްރީއަށް ވެސް އެދިފައިވާ ކަމަށާ، އެކަމަކު އަދިވެސް ހުއްދަ ނުލިބޭ ކަމަށެވެ.

"އިއްޔެ އިން ފެށިގެން ގުޅަމުން މިދަނީ. ގުޅާފައި މެއިލް ވެސް ކުރަން. މެއިލްއަކީ އަމިއްލަށް ޖަވާބުދޭ އެއްޗެއް ނޫން. އެއަށް ޖަވާބު ދިނީމަ ވާނެ، އެކަމެއް ނުވޭ،" އާމިރު ވިދާޅުވި އެވެ.

އެހެން ކުންފުންޏަކުން ބުނީ ހުއްދަ ލަސްވާނަމަ މަގު މައްޗަށް ނުކުންނަ މީހުންގެ އަދަދު ގިނަވުމުގެ ބިރު އެބައޮތް ކަމަށެވެ.

"ބޭނުންވާ އެތި ނުލިބޭނަމަ އެއްޗިހި ހޯދަން ނުކުންނަ މީހުން ގިނަވާނެ. މިއީ ވިސްނަން ޖެހޭ ކަމެއް،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ރާއްޖެ ފުރަތަމަ ލޮކްޑައުން ކުރިއިރު ވެސް މި މައްސަލަ ކުރިމަތިވި އެވެ. އެކަމަކުގެ ސަބަބުން ފިހާރަތައް ދޮށުގައި ކިޔޫތައް ދިގު ވެގެން ދިޔަ އެވެ.