ރައްޔިތުންގެ މަޖިލިސް

ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުން މަނާކުރާ ބިލް ބަލައިގެންފި

ސިންގަލް ޔޫސް ނުވަތަ އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާ ކުރަން ހުށަހެޅި ބިލް މަޖިލީހުން ބަލައިގެންފި އެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ބިލް ބަލައިގަންނަން ފެންނަކަމަށް މަޖިލީހުގެ ތަޅުމުގައި 60 މެމްބަރަކު މިއަދު ވޯޓު ދެެއްވި އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލް ބަލައިގަތުމަށް ފަހު އެ ބިލް އިތުރަށް ދިރާސާކުރަން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީއަށް ފޮނުވިކަން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އިއުލާން ކުރެއްވި އެވެ.

ސަލީމް ހުށަހެޅި ބިލްގެ ފުރަތަމަ ކިއުން މިދިޔަ ހަފްތާ އިއްވައި ބިލަށް ކުރި ބަހުސްގައި އޭނާ ވިދާޅުވީ ބިލް ހުށަހެޅުއްވީ ރާއްޖޭގެ ތިމާވެއްޓާއު ރަށްތަކާއި ފަރުތަކުގެ އިތުރުން ގޮނޑުދޮށްތަކަށް ޕްލާސްޓިކުން ލިބޭ ގެއްލުންތަކުން އިތުރަށް ސަލާމަތް ކުރުމުގެ ގޮތުން ކަމަށެވެ.

ސަލީމް ހުށަޙެޅުއްވި ބިލާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ އެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުން މަނާކުރަން ހުށަހެޅި އިރު އެފަދަ ތަކެތި އެތެރެ ކުރުން މަނާކުރުމަށް މިދިޔަ އަހަރު އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހުވެސް ގެނަ އެވެ. އެއާއެކު މަރުހަލާތަކަކަށް ބަހާލައިގެން އެފަދަ ގިނަ ބާވަތްތައް ރާއްޖެ އެތެރެކުން މަނާވެގެން ދާނެ އެވެ.