ޓެކްނޯލޮޖީ

ޑުއަލްސެންސްގެ އާ ކުލަތަކެއް

May 26, 2021

ޕްލޭސްޓޭޝަން 5ގެ ކޮންޓްރޯލާ، ޑުއަލްސެންސްގެ އާ ކުލަތަކެއް މާކެޓަށް ނެރޭނެ ކަމަށް ސޮނީ އިން އިއުލާން ކޮށްފި އެވެ.

ސޮނީ ޕްލޭސްޓޭޝަންގެ އޮފިޝަލް ބްލޮގްގައި ބުނެފައިވަނީ އާ ކުލަތައް ހިމެނޭ ކޮންޓްރޯލާރ ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ގަންނަން ލިބޭނެ ކަމަށެވެ.

ކޮންޓްރޯލާތަކުގެ އާ ދެ ކުލަޔަކީ ރަތާއި ކަޅުކުލަ އެކެވެ. އަދި މި ދެ ކުލައަށް ނަން ދީފައިވަނީ "މިޑްނައިޓް ބްލެކް" އަދި "ކޮޒްމިކް ރެޑް"ގެ ނަމުންނެވެ.

މިޑްނައިޓް ބްލެކް ކޮންޓްރޯލާ 70 ޑަލަރަށް އަދި ކޮޒްމިކް ރެޑް 75 ޑޮލަރަށް ޕްލޭސްޓޭޝަން ވެބްސައިޓުން ޕްރީއޯޑާ ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ޑުއަލްސެންސް ކޮންޓްރޯލާއެއްގެ އަގު މާކެޓްގައި އުޅެނީ 70 ޑޮލަރަށެވެ. ޕްލޭސްޓޭޝަން ބްލޮގްގައި ބުނެފައިވާ ގޮތުން ކުރިއަށް އޮތް ދުވަސް ތަކުގައިވެސް ޑުއަލްސެންސްގެ އާކުލަތަކެއް ފެނިގެންދާނެ އެވެ.

ސޮނީ އިން އިތުރަށް ބުނެފައިވަނީ ޑިވެލޮޕަރުން މަސައްކަތް ކުރަނީ ޑުއަލްސެންސް ކޮންޓްރޯލާގެ ތަފާތު ގިނަ ފީޗާތަކުގެ ބޭނުން ތަފާތު ގޮތްތަކަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމަށެވެ.

ޑުއަލްސެންސްގެ މި ފީޗާތަކުގެ ތެރޭގައި "ހެޕްޓިކް ފީޑްބެކް" އަދި "އެޑެޕްޓިވް ޓްރިގާ" ހިމެނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ސޮނީ އިން މި ފީޗާތަކަށް ގެންނަ ބަދަލުތައް ބްލޮގްގައި އިއުލާން ކުރަމުން ގެންދާނެ ކަމަށްވެސް ސޮނީ އިން ވަނީ ބުނެފަ އެވެ.