ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު 50 ޕަސެންޓް މީހުންނަކީ ޒުވާނުން

މި އަހަރުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ޒުވާނުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ދިވެހިން 14 މަސް ދުވަސް ހޭދަކޮށްފައިވާއިރު މިއީ ކޮވިޑްގެ ހާލަތު އެންމެ ގޯސްވި ދަނޑިވަޅެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ހާހުން މަތީގައި ހުންނަތާ 15 ވަރަކަށް ދުވަސް ވަނީ ވެފަ އެވެ. ބަލީގައި އެތައް ބަޔަކު ދަނީ މަރުވަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބު ދައްކާ ގޮތުން މި އަަހަރުގެ މިހާތަނަށް 30،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެ އެވެ. އެއީ ކުރީ އަހަރުގެ އަށް މަސް ދުވަހާއި ދާދި އެއްވަރުގެ އަދަދެކެވެ.

އެ އެޖެންސީ ބުނީ މި އަހަރު ބަލި ޖެހުނު 30،000 މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންްނަކީ އުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ މީހުން ކަމަށެވެ. އެހެން ކަމުން ކޮވިޑްގެ ނުރައްކާ ހައި ރިސްކު މީހުންގެ އިތުރުން ޒުވާނުންނަށްވެސް ބޮޑުކަން އެ އެޖެންސީން ވަނީ ހަނދާން ކޮށްދީފަ އެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވާ މީހުންގެ ތެރޭގައިވެސް ޒުވާނުންގެ ނިސްބަތް ވަަނީ އިތުުރުވެފަ އެވެ. މި ވަގުތުވެސް އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 30 އިންސައްތަ މީހުންނަކީ މި އުމުރުގެ މީހުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 59،644 މީހަކަށެވެ. 34،621 މީހަކު ވަނީ ބަލިން ފަސޭހަވެފަ އެވެ. އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ 285 މީހަކަށެވެ. އެކްޓިވް ކޭސްގެ އަދަދަކީ 24،864 އެވެ.

ކޮވިޑްގައި މިހާތަނަށް 147 މީހަކު ވަނީ މަރުވެފަ އެވެ. މި މަހަކީ މި ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު އެކަނިވެސް 70 މީހަކު މަރުވެއްޖެ އެވެ. އެންމެ ގިނައިން މީހުން މަރުވީ މި މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު މަރުވި އެވެ. މިދިޔަ އަހަރު މަރުވީ 51 މީހެކެވެ.