އިނގިރޭސި ރާނީ

ޖޯ ބައިޑަން އިނގިރޭސި ރާނީއާ ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން މަގާމާ ހަވާލުވެ ވަޑައިގެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަންނަވާނީ އިނގިރޭސިވިލާތަށެވެ. އެއީ ޖޫން 11 ގައި އޮންނަ ޖީ7 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެއަށް ފަހު ޔޫރަޕަށް ވަޑައިގެން އިއްތިހާދުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު ރަޝިއާގެ ރައީސް، ލަޑިމިއާ ޕޫޓިންއާ ވެސް ބައްދަލު ކުރައްވާނެ އެވެ.

ވައިޓް ހައުސްއިން ބުނީ ބައިޑަން އިނގިރޭސިވިލާތަށް ބަޑައިގެން އިނގިރޭސި ރާނީ އެލިޒަބަތާ ބައްދަލު ކުރައްވާނެ ކަމަށެވެ. ބައްދަލު ކުރެއްވުން ހަމަޖެއްސުމަށްޓައި ވައިޓް ހައުސްއިން ރާނީގެ ގަނޑުވަރު، ބަކިންހަމް ޕެލަސްއާ ގުޅިގެން ކަންތައްތައް ހަމަޖައްސަންވާ ގޮތް އޮޅުންފިލުވަމުން އަންނަ ކަމަށެވެ.

ރާނީގެ ފިރިކަލުން އަމީރު ފިލިޕް މިއަހަރު އަވަހާރަވުމާ ގުޅިގެން ބައިޑަން ތައުޒިއާ ދެންނެވި އެވެ. އެހެން ނަމަވެސް ވެރި ކަމަށް ވަޑައިގެންނެވި ފަހުން ރާނީއާ ބައްދަލު ކުރައްވަން ބައިޑަންއަށް އަދި ފުރުސަތު ލިބިވަޑައި ނުގަނަވަ އެވެ.

ބައިޑަން، ރާނީއާ ބައްދަލު ކުރައްވައި ދައްކަވަން ހުރި ވާހަކަތަކާ ގުޅޭ ހުލާސާއެއް ވެސް ވައިޓް ހައުސްއިން އަދި ނުދެ އެވެ. ބެލެވޭ ގޮތުއި މިއީ ރަސްމީ ބައްދަލު ކުރެއްވުމެއް ނޫނެވެ.

އެމެރިކާގެ ކޮންމެ ރައީސަކުހެން ވެސް ވަނީ އިނގިރޭސި ރާނިއަށް ޒިޔާރަތް ކުރައްވާފަ އެވެ. އެންމެ ފަހުން ވެރިކަމުން ފައިބާ ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވެސް ބަކިންހަމް ޕެލަސްގައި ރާނީއާ ބައްދަލު ކުރެއްވި އެވެ. އެމެރިކާގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރާނީއާ ބައްދަލު ނުކުރައް ވަނީ ލިންޑަން ޖޯންސަން އެވެ.