ދުނިޔެ

ޔޫކޭގައި ހުންނަވާ އެމެރިކާ އެމްބެސެޑަރަކަށް އޮބާމާ!

އިނގިރޭސިވިލާތަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރަކަށް އެމެރިކާގެ ކުރީގެ ރައީސް ބާރަކް އޮބާމާ ހަމަނުޖެއްސިގެން އުޅެނީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ރުހިވަޑައި ނުގަންނަވާތީ ކަމަށް ބުނާ މީޑިއާ ރިޕޯޓްތަކެއް އެބަ ފެތުރެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޮބާމާއަށް ޔޫކޭ އެމްބެސެޑަރުކަން ދެއްވުމަކީ ޖޯ ބައިޑަންގެ ހުވަފެންފުޅެކެވެ. އެހެން ނަމަވެސް ސިޔާސީ ގޮތުން ހުރި ފިއްތުންތަކާ ހުރެ ކަންފުޅެއް ވާގޮތް އަދި އޮތީ ނުވެފަ އެވެ.

އިނގިރޭސި ފޮރިން އޮފީހުގެ ތަރުޖަމާން ވިދާޅުވީ މީޑިއާގައި ފެތުރެމުން ދަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެމެރިކާއިން އެމްބެސެޑަރަކު ގައުމަކަށް ކަނޑައެޅުމަކީ އެމެރިކާއިން ނިންމާ ނިންމުމެއް ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ އެމެރިކާއިން ހަމަޖައްސަނީ ބާރަކް އޮބާމާ ކަމަށްވި ނަމަވެސް އެއީ އިނގިރޭސި ބޮޑުވަޒީރުގެ ރުހުމާލައިގެން ކުރާ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ބޮޑުވަޒީރު ބޮރިސް ޖޯންސަން މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އިންޓަނެޓްގައި މިވާހަކަތައް ފެތުރިގެންފައި ވާއިރު ހަވާލާދީފައި އޮތީ ޖޯ ބައިޑަން ސަރުކާގެ އިސް އޮފިޝަލަކާ އެވެ. އޭނާ ވިދާޅުވި ކަމަށް ސަންޑޭ އެކްސްޕްރެސްގައި ބުނެފައި ވަނީ އިނގިރޭސި ސަފީރަކަށް ބާރަކް އޮބާމާ ހަމަޖެއްސުމާ ގުޅޭ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެކަމަކު އޮބާމާއަކީ ބޮރިސް ޖޯންސަންއަށް ކަމުދާ ބޭފުޅެއް ނޫން ކަމަށެވެ.

އިނގިރޭސިވިލާތުން ލީކުވެފައި ހުރި ޚަބަރުގައް ބުނާ ގޮތުން ބާރަކް އޮބާމާއަށް އިނގިރޭސި ސަފީރުކަން ހަވާލު ނުކުރެއްވުމަށް އެދި ޖޯ ބައިޑަންއަށް ބޮރިސް ޖޯންސަން ވަނީ ސިއްރު މެސެޖެއް ފޮނުއްވާފަ އެވެ. ސަބަަބީ އޮބާމާއަކީ އެފްރިކާގެ ކެންޏާ ދަރިފަސްކޮޅުގެ ބޭފުޅަކަށް ވުމެވެ.

އިނގިރޭސިވިލާތަށް އެމެރިކާއިން އެމްބެސެޑަރަކު ހަމަޖެއްސުމުގައި އޮބާމާ އިހުތިޔާރު ކުރެއްވުމަކީ ބޮރިސް ޖޯންސަން ކޮންމެވެސް ވަރަކަށް ހިތްޕުޅު ހަމަޖެހި ވަޑައިނުގެންނެވި ކަމެއް ކަމަށް ބެލެވޭ ކަމަށް މަޝްރަހު ދިރާސާކުރައްވާ ބޭފުޅުން ވެސް ވިދާޅުވެ އެވެ. އެކަމަކު ބޮރިސް ޖޯންސަން މިހާރު މާބޮޑު މައްސަލެއް ނުޖައްސަވާ ކަމަށް ޚަބަރުތައް ބުނެ އެެވެ.