ދުނިޔެ

ރާނީއާ ބައިޑަން ބައްދަލު ކުރައްވާނީ 13 ގައި

އިނގިރޭސި ރާނީ އެލިޒަބަތު އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ބައްދަލުކުރައްވާ ތާރީޚް ކަނޑައަޅައިި އެވެ. ޝާހީ ގަނޑުވަރު ބަކިމްހަމް ޕެލަސް އަދި ވައިޓް ހައުސްއިން ވެސް ތާރީޚް ކަށަވަރުކޮށްދީ ބުނެފައި ވަނީ ދެބޭވުޅުން ބައްދަލުކުރައްވާނީ ޖޫން 13 ގައި ކަމަށެވެ.

ބަކިންހަމް ޕެލަސްއިން ބުނީ ބައިޑަންއާ އަނބިކަނބަލުން ޖިލް ބައިޑަންއާ ރާނީ ބައްދަލުކުރައްވާނީ ޖޫން 13، އާދީއްތަ ދުވަހު ކަމަށާއި ހުރިހާ ކަމެއް ހުރީ ހަމަޖެހި ނިމިފައި ކަމަށެވެ.

ފިރިކަލުން އަމީރު ފިލިޕް އަވަހާރަވުމަށް ފަހު ދައުލަތެއްގެ އެންމެ އިސް ވެރިއަކާ ރާނީ ބައްދަލުކުރައްވާ މިއީ ފުރަތަމަ ފަހަރެވެ. އަދި މިއީ ރައީސްކަމާ ހަވާލުވެ ވަޑައިގެން ޖޯ ބައިޑަން ގައުމުން ބޭރަށް ކުރައްވާ ފުރަތަ ދަތުރެވެ.

ޖޯ ބައިޑަން އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ ޖޫން 11-13 އަށް އޮންނަ ޖީ7 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެއަށް ފަހު ޔޫރަޕަށް ވަޑައިގެން ޖޫން 14 ގައި އިއްތިހާދުގެ ވެރިންނާ ބައްދަލު ކުރެއްވާނެ އެވެ.

ނޭޓޯ ބައްދަލުވުމުގެ ތެރެއިން ބައިޑަންއާ ތުރުކީގެ ރައީސް އުރުދުޣާން ބައްދަލުކުރައްވާނެ އެވެ. އަދި އެއަށް ފަހު ރަޝިއާގެ ރައީސް، ލަޑިމިއާ ޕޫޓިންއާ ވެސް ބައްދަލު ކުރައްވާނެ އެވެ.