ވާހަކަ

ހީނލާގޮތުން

(25 މެއި 2021 އާ ގުޅޭ)

"ބުނޭ ބައްދަލު ކޮށްލަން ބޭނުމޭ." ނޯޔާ ބުނަންވީ އެއްޗެއް އަސްލަން ސިއްރުން ބުނެދިނެވެ.

ހިޔަންޏަށް މުޑިނަގައިގެން ހުރި މިދުހަތު އާނ އޭ ބުނެލީ ނުހަނު އަވަހަށެވެ. ބައްދަލުވީ ކުރަންވީ ދުވަހާއި ތަން ކަނޑައެޅުމުގައި ނޯޔާގެ ފުށުން އިވުނީ ގަބޫލު ކުރަން ދަތި އެކަމަކު މިދުހަތުގެ ހިތް އުފަލުން އުދުއްސައިގަތް ފަދަ ވާހަކަ ތަކެކެވެ. ފިރިމީހާ ރަށުގައި ނެތް ވަގުތެއްގައި ނޯޔާ އޭނާއާ ބައްދަލު ކުރަން ބޭނުންވީމަ އެވެ. އެވެސް އެގެއިންނެވެ. ހިޔާލުތައް އުތުރިގަތީ އަތްނުފޯރާ ހިސާބަށެވެ. އަތުޖެހޭ ހިސާބަށް ނޯޔާ އަންނަނީކަމުގެ ޔަގީންކަން މިދުހަތުގެ ހިތަށް ވެރިވި އެވެ. ހިއްސުތަކަށް އެނގުންވެ ހިތުގެ ތެޅުން އަވަސްވެލައިފި އެވެ. މަލުގެ މީރުވަހުން ހިތްފުރަމުން އޭގެ ފިޔަތައް ރޫޅާލުމާއެކު ކަރުގަނޑުގެ މީރުކަން ލިބިގަތުގެ ދަހިވެތިކަން މިދުހަތުގެ އިންތިހާއެވެ.

"މިރޭ ގުޅާލަންތަ؟ ކޮންއިރަކު ފްރީވާނީ." ނޯޔާ ފޯނުކޯލު ނިންމާލަން އުޅުމުން މިދުހަތު ބުންޏެވެ.

"ފިރިމީހާ އުޅޭނެ." ނޯޔާ ނިކަން އަވަހަށް ބުންޏެވެ.

"ފިރިމީހާ ނިދާހާއިރުން ގުޅާލަފާނަމޭ. ނޯޔާ ގަޑިއެއް ބުނެބަލަ. މިހާ ކުރު ފޯނުކޯލަކުން ކިހިނެއް ހުރިހާ ވާހަކައެއް ދައްކާނީ."

"އޭނަ ނުނިދާނެ އަހަރެން ނުނިދަނީސް. މީޓުވީމަ ދެން ހުރިހާ ވާހަކައެއް ދައްކާނީ. އޭރުން ސޭފްވާނީ." ނޯޔާ ބުންޏެވެ.

"ދެ ދުވަސް... ހާދަ ދުވަހެކޭ. ވަރަށް މިސްވާނެ. ނޯޔާ ފެނުނީއްސުރެ މިވާ ގޮތެއް ނޭނގެ. ތީ ވަރަށް ތަފާތު ކުއްޖެއް. ވަރަށް އޯގާތެރި ކުއްޖެއްކަން ޔަގީން." މިދުހަތު ކޯލު ކަނޑާނުލާން ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރި އެވެ.

"ދެން ބާއްވަނީ. ފިރިމީހާ އެބާދޭ." މިދުހަތު އެއްޗެއް ބުނަން ފުރުސަތު ނުދީ ނޯޔާ ފޯނުކޯލު ކަނޑާލި އެވެ. އެއާއެކު އަސްލަންއަށް ބަލާލައި ނޯޔާ ތުންކޮޅު އޫކޮށްލިއެވެ. އަސްލަން ވަގުތުން ކަނާއަތުގެ ދެއިނގިލި ދޭތެރެއިން ހިފީ ނޯޔާގެ ތުންކޮޅުގަ އެވެ. ދިގުވެގެން ބުރިކޮށްލަންވީތޯ އަހާލީ ސަމާސާ ގޮތަކަށެވެ. އެ ދެމަފިރިންނަށް ބަދަލުތަކެއް އަތުވެއްޖެކަން ރިދާނަށް ފާހަގަވީ ދެނެވެ.

"އަހަރެން ދަނީ." ރިދާން ތެދުވެލީ އެ ދެމަފިރިންނާއެކު އެ ތަނުގައި އިނުމުގެ ބޭނުމެއް ނެތުނީމަ އެވެ. ނަމަވެސް އެވަގުތު އަސްލަން އޭނާއަށް ގޮވާލައިފި އެވެ. ނޯޔާއަށް ބޯ ޖަހާލުމުން އެތަނުން ނޯޔާ ހިނގައްޖެ އެވެ. އެއާއެކު ރިދާނުގެ ގާތުގައި އަސްލަން ފެށީ ލޫނާގެ ވާހަކަ އެވެ. ރިދާނަށް އެ ދުވަހު ފެނުނު ކަންތައްތައް އޮޅުވާލި މީހަކީ ލޫނާކަން އަސްލަން ޔަގީން ކޮށްދިނެވެ. އޭނާގެ އަމަލުތައް ގޮސްފައި ހުރި ހިސާބު ރިދާނަށް އަސްލަން ކިޔާދިނެވެ.

"އަސްލަންބެގެ ސަބަބުން ތިހުރިހާ ކަމެއް ތިވީ. އަސްލަންބެ ސަމާލުވި ނަމަ ތިހިސާބަށް ކަންތައްތައް ނުދާނެ." ހުރިހާ ކަމެއް އެނގުމުން ވެސް ރިދާނަށް ބުނެވުނެވެ. އޭނާގެ ނަޒަރުގައި ލޫނާއަށް އެފަދަ ބާރެއް އެ ލިބުނީ އަސްލަންގެ ފަރުވާ ކުޑަ ކަމުންނެވެ. އަނބިމީހާމެދު އަސްލަން ފަރުވާތެރި ނުވިތާ ކައިރީ އުޅޭ ހިލޭ އަންހެނެއްގެ ހަރަކާތްތަކަށް ވެސް ސަމާލެއް ނުވެވުނެވެ.

"ކަންތައް ވަރަށް ގޯސްވީމަކަން އެނގޭ މިހާރު އަސްލަންބެ ތިވާހަކަ ތިކިޔާ ދެނީ. ލޫނާއަށް އެ ދުވަހު އެ ލިބުނީ ކިހާބޮޑު ހިތްވަރެއް. ނޯޔާ ކުދީން ގޮވައިގެން ދިޔައިރު އަސްލަންބެ ދާން ޖެހޭނެ ދޯ އޭނާ ފަހަތުން. އެކަމަކު އެ ދުވަހު އަސްލަންބެ މަޑުކުރީ ލޫނާއަށް ޓަކައި، އޭނާ ސައި ހަދައިދީ ކާން ހަދައިދޭން އަސްލަންބެ ނުޖެހޭނެ. އެކަންކަން ކޮށްދޭން އެންމެ ރަނގަޅީ ނޯޔާއަށް. އެއީ އަސްލަންބެގެ އަނބިމީހާ. މީ އަހަންނަށް އެ ދުވަހު ވެސް ވިސްނުނު ގޮތް. އެނގުނު ލޫނާގެ ކޮންމެވެސް އެޖެންޑާއެއް އެބައޮތްކަން. އޭނާގެ ހިތް ސާފު ނޫންކަން. އެކަމަކު ހިޔެއް ނުކުރަން އޭނާ އެނބުރިހާ ގޮތަކަށް އަސްލަންބެ އެނބުރޭނޭ."

"ގަބޫލު ކުރަން އަހަންނަށް މިސްޓޭކު ހެދިއްޖެކަން. ފަހަރެއްގައި ވެސް ގަސްދުގައެއް ނޫން. މީހުންނާމެދު ޝައްކު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. ލޫނާ ކުއްލިއަކަށް ހީލަތްތެރިއަކަށް ބަދަލުވެދާނޭ ހިޔެއް ނުކުރަން. އެކަމަކު ދެން އެހެނެއްނުވާނެ. އިންޝާﷲ! ނޯޔާއަކީ އަހަރެންގެ ދިރިއުޅުން. އޭނާ އަހަންނަށް ޓަކައި ވަރަށް ކެތްތެރިވެއްޖެ. ނޯޔާއާ ވަކިވާންޖެހޭ ވަރު ކަމެއް އަހަރެން ނުކުރާނަން."

ބޭބެގެ މޫނަށް ރިދާނަށް ބަލަން އިނދެވުނީ އަޖައިބުވެ އެވެ. ނޯޔާދެކެ އަސްލަން ލޯބިވާވަރު އެ ދެ ލޮލުން ފޮރުވުމެއް ނެތި ފެންނަން ހުއްޓެވެ. އެ ހުރިހާ އަސަރަކާއި ޖަޒުބާތެއް ރިދާނަށް މިއަދު އެބަފެނެ އެވެ. ހިނދުކޮޅަކަށް އޭނާގެ ހިތް ހިމޭންވި އެވެ. ހަރަކާތެއް ނުކޮށް އިނދެވުނެވެ. ބޭބެ ފާޅުކުރި އިހްސާސްތަކާމެދު ރިދާނަށް ވިސްނާލެވުނެވެ.

"މީ މިކަން ވާން އޮތް ގޮތް. ނޯޔާ... ދުވަހަކު ވެސް އަހަރެންނަށް ލިބުމެއް ނުވޭ. މީ ތަގްދީރު. އަސްލަންބެގެ ހައްގަށް އަތްލައިގެން ދުވަހަކު ވެސް އަހަންނަށް ހަމަޖެހުމެއް ނުލިބޭނެ. އެ ދެމީހުން އެވަނީ އެކަކު އަނެކަކު ބޭނުންވެފައި. ނޯޔާ ލޯބިވަނީ އަސްލަންބެ ދެކެ. އަހަރެންގެ ލޯބި ހާސިލުވުމަށްވުރެ، އެ ދެމީހުންގެ ލޯބި ފުރިހަމަވުމުން މާބޮޑަށް ވެސް ހިތްހަމަޖެހިއްޖެ. މިކުރެވޭ ހިޔާލުތައް ހިތާއި ސިކުނޑިން ނެރެލަންވީ ވަގުތު ޖެހިއްޖެ. އެ ހިޔާލުތަކުން ވެސް އެމީހުންނަށް އޮޅުވާލެވެނީ. ނޯޔާ... ނޯޔާ އެއީ... އަހަރެންގެ ފަހަރި. އާން! އެ އަންހެންކުއްޖާއާ ގުޅުމެއް ބާއްވަން ހިތަށް އެރުވުމަކީ ވެސް ފާފައެއް. ﷲ މިންވަރުކުރެއްވި ގޮތަށް ނޫނީ އެއްކަމެއް ވެސް ނުވާނެ. މީ އިރާދަކުރެއްވިގޮތް. ނޯޔާއަކީ އަސްލަންގެ ހައްގެއް."

ލުއި ހިނިތުންވުމެއް ރިދާންގެ ތުންފަތަށް ވެރިކޮށްލި އެވެ. އޭނާ ﷲ އަށް ޓަކައި ހިތް ސާފު ކޮށްލި އެވެ. އެކަލާނގެ މިންވަރުފުޅު ގަބޫލުކޮށެވެ. ބޭބެގެ އުފާވެރިކަމަށް ކުޑަވެސް އުނިކަމެއް އައުމަށް އޭނާ ނޭދެއެވެ. މަޑުމަޑުން ބޯޖަހާލީ އަސްލަންއަށް ބަލަން އިނދެ އެވެ. ހީވީ އަސްލަން އެ ދެއްކި ވާހަކަ ރިދާން ވެސް ގަބޫލުކުރި ހެނެވެ. ނޯޔާ ރައްކާތެރި ކުރުމަށް އަސްލަންއާއެކު ރިދާން އަބަދު ވެސް ހުންނާނެ އެވެ.

ރޭގައި ނޯޔާ އެގޭގައި ނެތްކަން އެނގޭ ހަމައެކަނި މީހަކީ އަސްލަން އެވެ. ދެމަފިރިންގެ ދެމެދުގައި ޖެހުނު ކުންޏެއްވިއްޔާ ދޮވެވި ސާފުވެއްޖެ އެވެ. ހުކުރު ދުވަހެއް ކަމަކު ގޭގައި ކާއެއްޗެއް ތައްޔާރު ކުރެވިފައި ނުހުންނާނެކަން ނޯޔާއަށް އެނގެ އެވެ. ބަދިގެއަށް ވަދެ އެއްޗެއް ރޯފިލުވުމަކީ އޭނާގެ ޒިންމާ އެކެވެ. އޭނާ ނުކޮށްފިނަމަ އެތައްކަމެއް ހުންނާނީ ނުވެފައެވެ. ކޮޓަރިތަކަށް ބަލާލުމުން އެކަން ފެންނަން ހުއްޓެވެ. މަލްސާގެ ކުލަޖައްސާ ފޮތަކާއި ކުލަފަންސޫރުތައް ތަޅުންމަތީ އެވެ. އެނދުތައް ހުރީ ދެންމެ ހޭލައިގެން އެނދުން ތެދުވި ފަދައިންނެވެ. ހެނދުނު ކުދީން ތެދުވެ، އަސްލަން ވެސް އޮފީހަށް ދިއުމާއެކު އެނދުތަކުގެ ތަންމަތި ނޯޔާ ރީތިކުރާނެއެވެ. ކޮޓަރިތެރެ ސާފު ކުރާނެ އެވެ. ހާއްސަކޮށް ތިންދަރީން ބޭނުންކުރާ އެއްޗިއްސަށް އޭނާ ސަމާލުކަން ދެއެވެ.

"މަންމަ ކީކޭ ބުނީ؟ މިއަދު މިބައިގެން ކާއެއްޗެއް ނުގެންދާތީ ސުވާލެއް ނުކެރޭތަ؟ އަހަރެން ނުފެނިގެން ނާހާތަ؟ އެބައިގަ ކައްކާފަތަ ހުރީ؟" ބަދިގެ ތެރޭ މަތި ޖަހާފައި ހުރި ތަށިތައް ފެނި އެދިމާއަށް އައި ނޯޔާ އެތައް ސުވާލެއް ފައްޗަކަށް އަމުނާލި އެވެ.

"އަހަރެން އޯޑަރުކުރީ. މަންމައަކަށް ނޭނގޭނެ ނޯޔާ ނުކައްކާ ކަމެއް." އަސްލަން ބުންޏެވެ.

އަޖައިބުވެފައި ނޯޔާއަށް ބަލާލެވުނީ ކައިރީގަ އުޅޭ ފިރިމީހާއަށެވެ. ނޯޔާ ގޭގައި ނެތްކަން އޭނާ ސިއްރުކުރީ ކިހިނެއްކަން އެނގުނީ ދެނެވެ. ގޭ އެންމެންނަށް މެންދުރުގެ ކެއުމަށް ވާނޭ ވަރަށް ތަފާތު ބާވަތްތައް އަސްލަން ގެނައި ބޭރުންނެވެ. ތަށިތަކަށް އަޅައި މަންމަމެންނަށް ގެންގޮސް ދިނީ އޭނާ އެވެ. ކުދީން ގޮވައިގެން މެންދުރުގެ ކެއުމުގައި މަންމަގެ ބައިގަ އެންމެން ބައިވެރިވީ އެފަދައިންނެވެ. ނޯޔާ ބަލިކަމުން އަރާމު ކުރަން ބާއްވާލީކަން ބުނީ ވެސް އަސްލަން އެވެ. އެކަމާ ޢާއިލާގެ އެކަކުވެސް ސުވާލެއް ނުކުރެއެވެ. ކުދީންނަށް ވެސް ހީވެފައި އޮތީ ނޯޔާ ކޮޓަރީގައި އަރާމުކުރަނީ ކަމެވެ. މަލްސާ އެ ކޮޓަރިއަށް ވަންނަން ގަދަ ހަދާލުމުން އެކުއްޖާ މައިތިރިވީ އަސްލަން ރުޅި އަންނަ ގޮތް ދައްކާލީމައެވެ.

ކުދީން ބަލާ އަސްލަން ފޮނުވުމުގެ ކުރީން ރޫމާއަށް ނޯޔާ ގުޅިއެވެ. އެއާއެކު މަންމަ ފުރަތަމަ ވެސް ކުރީ ސުވާލެކެވެ. ނޯޔާގެ އުދާސްކަން ފިލައި ހަމަޖެހުން ލިބިއްޖެތޯ އެވެ. އެހިނދު ނޯޔާ ހަމްދުކުރި އެވެ. މަންމައަށް ޝުކުރު އަދާ ކުރުމާއެކު ވަރަށް ލޯބިވެޔޭ ބުނެލީ ތަކުރާރު ކޮށެވެ. ލިބުނު ނުތަވަސްކަމުގެ ވިލާތައް ދެމަފިރިންގެ ބޯމަތިން ފިލައި އަލިވެ އަމާންވެއްޖެކަމުގެ އުފާވެރި ޚަބަރު މަންމައަށް ނޯޔާ ދިނެވެ. ކުދީން ބަލާ އަސްލަން ފޮނުވަންކަމުގައި ނޯޔާ ބުނުމުން ރޫމާ ދިނީ އެހެން ޚަބަރެކެވެ. ކާފަދަރީން ގޮވައިގެން ހަވީރު ޕާކަށް ދިއުމަށް ބައްޕަ ރާވައިފި ކަމެވެ. ދެބެން ދެފަރާތަށް ލައިގެން ބައްޕަގެ ފޮނި ވާހަކައިގަ އެކުދީން ޖެހިފައި އެބަތިބި ކަމެވެ. ކުޑަކުޑަ މަލްސާގެ ސުވާލުތައް ގިނައިރު އެކުއްޖާއަށް ދޫނުކުރަން ދައްތަ ނެހޭ ވެސް އެތަނުގައި އެބައިންކަމެވެ. ގޭތެރޭގައި ފޯރިފަށެއް އެބަހުއްޓޭ މަންމަ ބުނީ ހެމުންނެވެ. ނޯޔާގެ ދެ ލޯ ފެންކަޅިވީ ބޭއިޚްތިޔާރުގަ އެވެ. އެއީ އޭނާގެ ޢާއިލާއަށް ވީމައެވެ. އެ ޢާއިލާގެ ބައިވެރިއެއްކަމުގައި ނޯޔާ ވީމައެވެ. ބައްޕަ ވިސްނުން ތޫނުކަމާއި ހަރުދަނާއި ނިންމުންތަކާއެކު މަންމަގެ އޯގާތެރިކަމާއި ރިވެތި އުސޫލުތަކުން ޖަރީކުރެވިފައިވާ ގަހަނާއިން އެމީހުން ނޯޔާ ޒީނަތްތެރިކުރިގޮތް ނޯޔާއަށް އިހްސާސްވެއެވެ. އެފަދަ ބައްޕައަކާއި މަންމައެއް ދުވަހަކުވެސް ދެން ނުލިބޭނެއެވެ.

ސާރާއާއި މަލްސާ ނަލަކޮށްގެން ނޯޔާ ނުކުތެވެ. އެ ދެބެން ގޮވައިގެން ބައްޕަމެން ގެއަށް ދިޔައީ އަސްލަންއެވެ. ކުދީން އެގެއަށް ލާފައި އެނބުރި އައިސް އަސްލަން ދޮރޯށި ކައިރީ މަޑުކުރީ އެވެ. ފޯނު ނަގައި ނޯޔާއަށް ގުޅާލުމާއެކު ހުސެން އައީމަ އޭނާ ގޮވައިގެން މައްޗަށް ދާނެކަން އަސްލަން ބުނެލި އެވެ. އެއާއެކު ނޯޔާ ވެސް ބެލީ ތައްޔާރުވެލައިގެން ހުރެވޭތޯ އެވެ. ކުދީން ގޮވައިގެން ބައްޕަ ޕާކަށް ދާން ނިންމުމަކީ އެ ދެމަފިރިންނަށް ލިބުނު ފުރުސަތެކެވެ. ލޫނާއާ ކުރިމަތިލުމަށެވެ. ލަސް ނުކޮށް ހުސެންއާއި ލޫނާއަށް ގުޅައި އަސްލަން ގަޑި ކިޔެވެ.

ހުސެން ގޮވައިގެން އެޕާޓްމެންޓަށް އަސްލަން ވަންއިރު ނޯޔާ އިނީ ސޯފާގަ އެވެ. އަސްލަން އެކުވެރިޔާ ގޮވައިގެން އައީ އެ ދިމާއަށެވެ. ނޯޔާ އިނުމުން ހުސެންއަށް ހައިރާން ކަމެއް ލިބުނެވެ. އޭނާ އަސްލަންއާ ބައްދަލު ކޮށްލަން އެގެއަށް އަޔަސް ނޯޔާ އެމީހުން ފެންނަ ހިސާބުގައި ނުހުންނަކަން ފާހަގަވެފަ އޮތީމައެވެ.

"އިހަށް ހުސެންއަށް ސައިދޭން ހިނގާ." ނޯޔާ ބުންޏެވެ.

"އަނެއްކާ ތިއުޅެނީ ސައިދީފަ ކަތިލަންތަ؟" ސަމާސާ ހުނުމަކާއެކު ހުސެން ބުނެލި އެވެ.

"އާން! އެހެންކަމަށް." އަސްލަންގެ ވެސް ހުރީ ސަމާސާ ކުރާ ގޮތެވެ.

ދައްކަން ގަސްދުކުރި ވާހަކަ ފެށުނީ އެ ދެމީހުން ސައި ބޮއެގެން އައިސް ސޯފާގައި އިށީނުމުންނެވެ. ލޫނާއޭ ބުނެލި ހިނދުން ވެސް ހުސެންގެ މޫނުގައި ކުރިންވީ ސަމާސާގެ އަސަރު އޮބިއްޖެ އެވެ. ދަތްކުނޑިވިކާލިކަމުގެ އިޝާރާތެއް އެ މޫނުން ފާޅުވިތަން އަސްލަންއާއި ނޯޔާ ދުށްޓެވެ.

"އަހަރެން ސަމާލުވާން ބުނީ އެކަން އެނގިގެން. އޭނާގެ ގަސްދަކީ އަސްލަން ހާސިލު ކުރުން. ކައިވެނި ކުރުން. ކަމަކަށް މާބޮޑަށް މީހާ ދަހިވެތިވީމާ ދެން ދެވޭނީ ނުބައި މަގުން. ލޫނާއާ އަހަރެން އެކުވެރިކަން ކަނޑާލީ އޭގެ އަމަލުތައް ހައްދުފަހަނަ އަޅަންފެށީމަ. އަސްލަންއަށް ހުރިހާ ކަމެއް ކިޔައިދޭނަން ކަމުގަ ބުނިން. އޭނާ އަހަންނަށް ވެސް ސިއްރުން ކަންކަން ކުރަންފެށީ..."

އަސްލަންއާއި ނޯޔާއަށް ބަލަމުން ހުސެން ބުންޏެވެ. އަދި ލޫނާގެ ޢަމަލުތަކުގެ ފެށުން އައި ހިސާބުން ހުސެން އެމީހުންނަށް ކިޔާދޭން ފެށިއެވެ. އަސްލަން ކައިވެނި ކުރިކަމުގެ ޚަބަރުން ލޫނާގެ އުންމީދުތައް ފުނޑުފުނޑުވީ އެވެ. އޭރު އޭނާ ހުރީ ކަނދުފަތި އަސްލަންގެ ކައިރިއަށް ފުރުވާލަން ތައްޔާރު ކޮށްގެންކަން ހުސެން ބުންޏެވެ. އޭރު ކައިވެނީގެ ހުށަހެޅުން ހިފައިގެން ހުސެން އައީ ލޫނާގެ އޭޖެންޓެއް ގޮތުގަ އެވެ. މީހެއް ފިރިއަކަށް ވިޔަސް އަސްލަންއަށް ހަތަރެއް ވެސް ހުއްދަވާނޭކަމުގެ ހިޔާލު އުފަންކުރީ ޚުދު ލޫނާ އަމިއްލައަށެވެ. މިފަހަރު ހުސެން އެއްވެސް ކަމެއް އަސްލަންއަށް ނުފޮރުވި އެވެ. ސިއްރު ކުރުމުގެ ބޭނުމެއް ވެސް ނެތީއެވެ. އެ ދެމަފިރިންނަށް ލޫނާގެ ހަގީގީ ސިފަ ކަޝްފުވެއްޖެކަން އެނގިއްޖެއެވެ.

ބެލްއަޅާލި އަޑު އިވުނީ ހުސެންއާއި އަސްލަން ވާހަކައިގަ ތިއްބައެވެ. ވަގުތުން އަސްލަން ތެދުވި އެވެ. އެ އައީ ލޫނާއޭ އަސްލަން ބުންޏެވެ. ނޯޔާ ތެދުވެގެން އެތެރެއަށް ހިނގައިގަތެވެ. ލޫނާ ވަންނަ ވަގުތު ފުރަތަމަ ފެންނަ މޫނަކަށް ނޯޔާ ވެއްޖެނަމަ ކަމެއް ޝައްކު ވެދާނޭ ހީވެދާނެތީ އެވެ. އެއީ އަސްލަންއާއި ނޯޔާއާ ދެމެދު ނިންމުނު ގޮތެވެ.

"ކިހިނެއްވީ؟ ކޮންވާހަކައެއް ދައްކަން އާޖަންޓުކޮށް އައިސްދޭށޭ ބުނީ... ކަމެއް ގޯސްވީތަ؟" އެޕާޓްމެންޓަށް ވަންނަމުން ލޫނާ ވާހަކަ ދެއްކީ ސުވާލު އުފެދިފައި ހުރެއެވެ. އޭނާގެ ލޯ ހުރިހާ ދިމާއަކަށް އުކަމުން އަސްލަންގެ ފަހަތުން އައެވެ. ސޯފާތަކުގެ ތެރެއިން ހުސެން ފެނުމުން ހައިރާންކަމެއް ލިބުނެވެ.

"ހުސެން ވެސް އެބައިންތަ؟" ލޫނާ އަނެއްކާ ވެސް ކުރީ ސުވާލެކެވެ.

"ލޫނާ އިށީނދެބަލަ." ހުސެން އިން ސޯފާއަށް އިޝާރާތްކޮށް އަސްލަން ބުންޏެވެ. ހުސެން އިނީ ގަސްދުގައި ލޫނާއަށް ނުބަލާށެވެ. ނަޒަރު ސީދާކޮށްލަން ވެސް ބޭނުން ނުވަނީ އެވެ. ދެ ބީރައްޓެހިން ފަދައިން ސޯފާގެ ދެ ކޮޅުގައި ލޫނާއާއި ހުސެން ތިއްބެވެ. އެމީހުންގެ ކަނާއަތް ފަރާތުގައި ހުރި ސޯފާގައި އަސްލަން އިށީނެވެ. ފޯނު ނަގައި ނޯޔާއަށް ގުޅާލުމާއެކު އައިސް ބަލާށޭ ބުންޏެވެ. އިތުރު ހައިރާންކަމެއްގެ އަސަރު ލޫނާގެ މޫނުން ފާޅުވި އެވެ. އަސްލަންގެ ކޮޓަރިން ނުކުމެގެން ނޯޔާ އައެވެ. އަނބިމީހާ ފެނުމުން އަސްލަން އަތްދިއްކޮށްލި އެވެ. އެ އަތުގައި ނޯޔާ ހިފުމުން ގެނެސް ކައިރީގަ ބައިންދައިފި އެވެ.

"ލޫނާ އެބައޮތްތަ އަހަރެން ކައިރީ ދައްކަން ބޭނުންވާ ވާހަކައެއް." އަސްލަން ވާހަކަ ދެއްކި އެވެ.

"ވާހަކައެއް ދައްކަން އޮތޭ ބުނީ އަސްލަން. ކީއްކުރަން އަންނާށޭ ބުނީ." ނޯޔާއާއި އަސްލަންއާ ދެމީހުންނަށް ވަކިވަކިން ބަލާލަމުން ލޫނާ ބުންޏެވެ.

"އެހެންވީމަ ނެތް ދޯ ދައްކާނޭ ވާހަކައެއް. އޯކޭ! އަހަރެން ފަށާފާނަން. ލޫނާ ބޭނުން ވަނީ އަހަންނާ އިންނާށޭ؟" އަސްލަން ކުރި ސުވާލާއެކު ލޫނާގެ ހަރަކާތް ހުއްޓުނެވެ. އޭނާގެ މޫނު ހުދުވެގެން ދިޔަ ކަހަލައެވެ. ފުރަތަމަ ވެސް އޭނާ ބަލާލީ ކައިރީގަ އިން ހުސެންއަށެވެ. ހިތުގައި ވަހުމުގެ އަނގުރުތައް ދޮންވާން ފެށިއެވެ. ހުސެންއާ ދިމާއަށް އިނގިލި ދިއްކުރަން ބޭނުންވީ އެވެ. ޔަގީނެވެ. އޭނާ އައިސް އަސްލަންގެ ކައިރީ ވާހަކަތަކެއް ދެއްކީއެވެ. ލޫނާގެ ހިތަށް އެރީ އެފަދައިންނެވެ.

"ނަހަމަ ގުޅުމެއް ބޭއްވުމަށް އަހަންނަށް އިޝާރާތެއް ކުރެވުނުތަ؟ އެފަދަ އަމަލެއް ލޫނާއާއެކު ހިންގުނުތަ؟ މިއިނީ ނޯޔާ. އޭނާއަށް ކިޔާދީބަލަ އަހަރެން ކުރީ ކަންތައްތައް. މީ ލޫނާއަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު."

"ލޫނާ! އިށީނދޭ! ނުކުމެގެން ގޮސްފިއްޔާ އޮފީސް އެންމެންގެ ކުރިމަތީ މިހުރިހާ ކަމެއް ބޭޒާރު ކޮށްލާނަން." ލޫނާ ކުއްލިއަކަށް ތެދުވުމާއެކު ހުސެން ބުންޏެވެ. ހަރުކަށި ބާރު އަޑަކުންނެވެ. ލޫނާ އެއުޅެނީ އަވަހަށް ފިލަންކަން ހުސެންނާއި އަސްލަންގެ ދެމަފިރިންނަށް އެނގެއެވެ. އެހެންވިޔަސް ހުސެންގެ އަމުރަށް ލޫނާ ހުއްޓިއްޖެ އެވެ. އޭނާ ކޮޅަށް ހުރީއެވެ.

"މިއޮތީ ހެކި ދޯ... އަހަރެމެން ދެމެދުގައި ކަމެއް ހިނގިކަން އަހަރެންގެ އަނބިމީހާއަށް ބުނެދޭން ލޫނާ ބޭނުންކުރީ." އަސްލަން ތެދުވެ ކުރިއަށް ޖެހިލިއެވެ. ލޫނާގެ އަތަށް ލައިދޭން އުޅެފައި ވެސް އޭނާ ހުއްޓުނީއެވެ. ލޫނާގެ ގައިގާ އިނގިލިކުރި ޖައްސާލަން ވެސް ބޭނުން ނުވެގެންނެވެ. މެދުގައި ހުރި ކޮފީމޭޒުމަތީ ރަންކުލައިގެ ފިނިފެންމަލެއްހެން އޮތް ދަތި އަސްލަން ބޭއްވިއެވެ. ލޫނާގެ ނަޒަރު އެ ދައްޗަށް ހުއްޓުނެވެ.

"ތީ މައިރާގެ ހަގީގީ ރަހުމަތްތެރިއެއްނޫން. އޭނާއަށް ހެޔޮ އެދިގެންނެއް ނޫން އުޅުނީ. މައިރާ އެހެންނޭ މިހެންނޭ ކިޔާ އަހަރެންގެ ދިރިއުޅުން ކުރިޔަށްދިޔަނުދޭން ލޫނާ މަސައްކަތްކުރި. އަހަރެން ވަރަށް އިހްތިރާމް ކުރިން ލޫނާއަށް. އެވެސް މައިރާއަށް ޓަކައި. އެކަމަކު ތީ އެކުވެރިއެއްގެ ގޮތުގައި ގެންގުޅެންވާވަރު މީހެއް ނޫން." އަސްލަން ކަންތައްތައް ފެށިގެން ނިމެންދެން ކިޔާލިއިރު ވެސް ލޫނާ ހިމޭންވެފައި ހުރީއެވެ. ހުސެންއާއި ނޯޔާ ވެސް ހިމޭންކަން ދޫކޮށްލައި ވާހަކަދައްކައިފިކަން އޭނާއަށް ޔަގީންވެއްޖެއެވެ.

"އަދިކިރިޔާ އަހަންނަށް އެނގުނީ އަސްލަންގެ ތިހުންނަ ކަޓު ވިސްނުން. ގޭގައި ގެންގުޅޭ މީހެއްކަން އަނތްބަކަށް ބޭނުންވަނީ. މީ އެ ޒަމާނެއް ނޫން. މިހާރު އަންހެނުން ނުތިބޭނެ ގޭގަ ހަމައެކަނި މަސައްކަތް ކުރާކަށް. މައިރާއަކީ އެކަހަލަ އަންހެނެއް. އެކަމަކު އޭނާ ވެސް ނިމިގެން އެދިޔައީ ކޮންފަދަ ހާލެއްގަ. މިހުރީ ގަމާރެއްކަން ޔަގީން... ރަނގަޅަށް ކިޔެވިފަ ވެސް ނެތީ ކަންނޭނގެ. އަހަރެން ބޭނުންވި އަސްލަންއާ އިންނަން. އެކަމަކު ދެން ނޫޅެން. ތިކަހަލަ ކަޓު ހިޔާލުގެ..." އެއްޗެކޭ ނުބުނެ ހިމޭނުން ހުރުމުން ތިމާގެ ކޮޅު ބަލިވެއްޖެކަމުގައި ވެދާނެތީ ލޫނާ ވާހަކަދެއްކީއެވެ. ނުކުމެގެން ދިއުމުގެ ކުރީން ދެރަނުވާކަން ދައްކާލުމަށެވެ. ނަމަވެސް އަސްލަން އޭނާގެ ވާހަކަ ހުއްޓުވައިފިއެވެ.

"ޝަޓަޕް!..." އަސްލަން ބުނެލިއެވެ. އެފަދަ ހަރުކަށިކަމަކާއި ބާރަށް ވާހަކަދެއްކި އަޑު ނޯޔާއަށް އިވުނު ފުރުތަމަ ފަހަރެވެ.

"އަހަރެންގެ އަނބިމީހާއާ ކައިރިއަށް ވެސް ކަލެއަށް ކިޔެވިފައެއްނެތް. ތަންދޮރު އޮޅުންފިލާފަ ހުރި އަންހެނެއް އެއީ. އޭނާގެ އުޅުމުން އެކަކަށް އެކައްޗެއް ވެސް ނޭނގޭނެ. އޭނާ އަހަންނަށް ޓަކައި ވީ ގުރުބާނީ ﷲ މޮޅަށް ދެނެވޮޑިގެންވޭ. އެފަދަ ގުރުބާނީއެއް ކަލެއަށް ނުވެވޭނެކަން ތި ސާބިތު ކޮށްދިނީ. ޢިލްމާއި ދީންވެރިކަމުގައި ވެސް އަހަރެންގެ އަނބިމީހާގެ އަހުލާގާ އަޅާނުކިޔޭނެ ކަލޭ. އެއީ ރާނީއެއް... ކޮންމެ ފިރިހެނަކު ލިބުމަށް އެދި ﷲ އަށް އެދޭނޭ ފަދަ ޖަވާހިރެއް. ތާހިރު ކިޔަމަންތެރި އަންހެނެއް. ކެތްތެރިކަމުގެ މިސާލެއް. އެކަމަކު ކަލޭ... ކަލޭ ތި ސިފަކޮށް ދިނީ ކަލޭގެ ފެންވަރު. މަސައްކަތު މީހެއްގެ ފެންވަރު ވެސް ކަލޭގެ ނެތް ހަގީގަތުގައި. ކޮންމެ އެއްޗެކޭ ކިޔަސް އަހަރެންގެ ހިތުގައި ނޯޔާއަށް ދެވިފައިވާ މަތިވަރި މަގާމަށް ބަދަލެއް ނާންނާނެ. މިއަދު އެ އަނބިމީހާގެ ކުރިމަތީ އަހަރެން ﷲ ގަންދީ ހުވާ ކުރަން. ލޫނާއަކީ އަހަރެންނަށް ބީރައްޓެއްސެއް. ދުވަހަކު ވެސް ގާތްކަމެއް ބާއްވަން ބޭނުންނުވާ ހިލޭ އަންހެނެއް. އަހަރެން ކަލެއާ އެއްވެސް ގުޅުމެއް ނުބާއްވާނަން. އަދި ﷲ ހެކިވާނެ މިހާތަނަށް ކަލޭ ދެއްކި ހުރިހާ ވާހަކައަކީ ދޮގެއްކަން. ދެން ދޭ... ނުކުންނަމުން ތިއޮތް އެތި ހިފައިގެން ދާތި." ކޮފީމޭޒު މަތީ އޮތް ދައްޗަށް އަސްލަން ކަނާއަތުގެ ޝަހާދަތް އިނގިލި ދިއްކޮށްލި އެވެ.

ދަތި ނެގުމާއެކު ލޫނާ ލޯ އަޅާލީ ނޯޔާއަށެވެ. ބަހެއް ވެސް ނުބުނެ ހިމޭން ކަމުގައި ނޯޔާ ސޯފާގައި އިނެވެ. އެއްޗެކޭ ބުނުން މިހުންމު ނުވެފައެވެ. އޭނާގެ ފިރިމީހާ ބަސް އިއްވައިފިކަން އެނގި ދެއްކި ވާހަކަތަކުން ހިތްހަމަޖެހިފަ އެވެ.

"ކަލެއަށް ދުވަހަކު ވެސް އުފަލެއް ނުލިބޭނެ." ހިނގައިގަންނަމުން ލޫނާ ވިހެލީ ނޯޔާއަށެވެ. އަސްލަން ކަންބޮޑު ނޯޔާއާ ދިމާއަށް އެނބުރިލި އެވެ. ކައްޓެއްހެން ތެދުވި ގޮތަށް ނޯޔާ އައިސް ހިފީ ލުނާގެ އަތުގައެވެ. ނަޒަރު ވަކިކޮށް ނުލެވޭނެ ފަދަ ބެލުމަކުން ލޫނާގެ ދެ ލޮލަށް ބަލަން ހުރެ ނޯޔާ ވާހަކަ ދެއްކިއެވެ. ވިހަލީ ހަރުފައިގެ ކަރުގައި ހިފައި ބޮލާއި ގައި ވަކިރަން ޖެހުނަސް އެއްވެސް ޖެހިލުމެއް ފަސްޖެހުމެއް ނެތި އެކަން ކުރަން ތައްޔާރަށް ނޯޔާ ހުރި ފަދައެވެ.

"އިންސާނާއަށް ބުއްދި ދެއްވިޔަސް އޭގެން ކަލެއަކަށް ފައިދާއެއް ނުކުރި. ކުށްވެރިން ނުރުހުނު ކަމުގައި ވިޔަސް ހައްގު ގަދަރު ކުރައްވާނެ، ބާތިލް ނެތިކުރެއްވުމަށް ޓަކައި. ތި ދުލުގެ ނުބައިކަން ޖަހަންނަމައިގެ ދޮރު ހުޅުވައިފި، އަދާވާތްތެރިކަން ހުއްޓާލުން އަހަރެމެންގެ މައްޗަށް މާ ހެޔޮކަން ބޮޑުވެގެންވޭ. ލޫނާ! ތިބަސް އަނބުރާ ގެންދޭ." ނޯޔާ މިހެން ބުނި ހިނދު ލޫނާ ޖަހާލީ ހިނިގަނޑެކެވެ. އެއާއެކު އަނެއްކާ ވެސް ނޯޔާ ވާހަކަ ދެއްކި އެވެ.

"ތި ހަސަދަވެރިކަން ﷲ ރިޒްގުން ކަލޭ ބޭރުކުރާނޭ އަމަލަކަށްވޭ. ހަމަކަށަވަރުން ﷲ އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުވާ. ކަލޭ ގަޟާ ގަދަރަށް އިމާންނުވަނީތަ؟ އަހަރެންނާއި އަހަރެންގެ ޢާއިލާއާއި ދަރީން ރައްކާތެރިކުރައްވާ ކަލަކު ކަމުގައި ﷲ ފުދިގެންވޭ. ﷲގެ ހަޟްރަތުން މެނުވީ އެއްވެސްކަމެއް އައުމެއްނުވޭ. ކަލޭ ހަނދާންނެތުނީތަ؟ ތިފަދަ ދޫތަކާއި ކަޅުހިތްތަކުން ސަލާމަތްކުރެއްވުމަށް ﷲ ވަހީކުރެއްވި އާޔަތްތައް؟ އަހަރެމެން ދުވާލާއި ރޭގަނޑު އެތައް ފަހަރަކު އެ އާޔަތްތައް ކިޔަވަން. ﷲ ވަހީކުރެއްވީ، ކަލޭގެފާނު ވިދާޅުވާށޭ! ފަތިހުގެ ވެރި ރަސްކަލާނގެ ހަޟްރަތުން ރައްކާތެރިކަން ލިބިގަންނަމޭ. އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނޭ. އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއޭ. އަދި ގޮށްގޮށަށް ފުމޭ މީހުން (އެބަހީ: ސިޙުރު ހަދާމީހުން) ގެ ނުބައިކަމުންވެސް މެއޭ. އަދި ހަސަދަވެރިވާހިނދު އެ ހަސަދަވެރިޔާގެ ނުބައިކަމުންވެސް މެއޭ. ކަލެއަށްވުރެ އަހަރެން ބިރުގަންނަނީ އެކަލާނގެ އަޒާބާމެދު. މިއަދު ތިކުރި ކަންތަކާ މެދު ދެރަނުވިޔަސް، އަދި ދެރަވާނޭ ދުވަހެއް އަންނާނެ."
(ނުނިމޭ)