ވާހަކަ

ވޭހަނދާން މާޒީ އަލުން

އެޑިޓަރުގެ ނޯޓް

ޖުވޭރިޔާ ހާރޫން (މަލަކާ) އަކީ 1435 ގެ، އެމްބީސީ ކުރު ވާހަކަ މުބާރާތުގެ އެންމެ މޮޅު ވާހަކަ ލިޔުންތެރިޔާ އެވެ. މީގެ ކުރިން މެއިން ސްޓްރީމްގައި މަލަކާ ވާހަކަ ލިޔެފައެއް ނުވެ އެވެ. ނަމަވެސް މީގެ ފަހުން "އަވަސް" އޮންލައިންގައި މަލަކާގެ ވާހަކަތައް ހަފުތާގެ އާދީއްތަ ދުވަހާއި އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު ޝާއިއު ކުރަމުން ގެންދާނެ އެވެ.
------------------------------------------------------------------

މާލެއޮޑި ލެއްޕުމުގެ ސަޤާފަތަށް ބަދަލު ނާންނަކަން އެނގުނީ ބަނދަރަށް ޖަމާވެފައިވާ މީހުންގެ ގިނަކަމުންނެވެ. ޒަމާނާއި ހާލަތު ބަދަލުވެ، ރަށުގެ މޫނު މަތިން ފެނުނު ނިކަގަސްތަކާއި ހިރުނދުގަސްތައް ނެތުމުން ލިބޭ ފަޅުކަން ފިލުވައި ދެނީ ކުލަ ދަވާދުން ޒީންނަތްތެރި ކުރެވިފައިވާ ވަރުވަރުގެ އިމާރާތް ތަކުންނެވެ. އަތިރިމަތީގައި ހުރި މައިޒާން ތަކުގެ ބަދަލުގައި އެކި ދިމަ ދިމާލުން ފެންނަނީ ސިމެންތިން ހެދިފައިވާ ފިނިއަށިތަކެވެ. ވިހި އަހަރު ފަހުން ރަށު ފަސްގަނޑުގައި ފައި ބީއްސާލުމަށް ލިބުނު ނަޞީބާއެކު އުމުރުން ހަތްއަހަރުގެ ހަނދާންތައް ހިތުގައި
ކުރެހުން އެޅުނެވެ.

ޢީދުގެ އުފާ ފާހަގަ ކުރުމަށް މަނަދޫއަށް ޒިޔާރަތްކުރި ޓީވީ އެމްގެ ގުރޫޕްގައި އަހަރެންނާއި އެކުވެރި ސަލްވާ ވެސް ހިމެނެއެވެ. ސަލްވާގެ ކޮނޑުގައި ޖަހާލުމަށް ފަހު މިއީ އަހަރެންގެ އުފަން ރަށޭ ބުނެލީ ފަޚްރުވެރި ކަމާއެކުގައެވެ.

ތިބެން ހަމަޖެހިފައިވަނީ އަތޮޅުވެހީގައެވެ. އެތަނަށް ދިއުމަށްފަހު ފެންވަރާ ހަދައިގެން ނުކުތީ ޢީދަށް ވަމުންދާ ތައްޔާރީތައް މޫވީ ކުރާށެވެ. ދަނޑިޖަހާ މީހުންނާއި ބަނޑިޔާ ޖަހާ އަންހެން ކުދިން ކުޅިވަރު ހިޔާގައި އެންމެފަހުގެ ތައްޔާރީތައް ވަމުން ދިޔައެވެ. އެމަންޒަރުތައް މޫވީކުރީމެވެ. އެއަށްފަހު ރަށުގެ މީހުން ނޫޅޭ ފަރާތަށް ނާމަގަށް މިސްރާބު ބެހެއްޓީ މާމިސްކިތު ވެވު ފޮޓޯ ނެގުމަށެވެ. ހަނދާނާއި ތާރީޚަށް ޓަކައި ރައްކާ ކުރަން ބޭނުންވާތީއެވެ.

ރަށަށް އައިސްފައިވާ ބަދަލުތައް މަންމައަށް ދައްކާލަން ބޭނުން ވާތީއެވެ. އަތިރި މައްޗަށް ފޭބުމާ އެކު ގެތިފައިވާ ރަށްތަކުގެ މަލަމަތި ތަކަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނެވެ. އިރުއޮއްސެމުން ދިޔައިރު ނިވިދިއްލެމުން ދިޔަ ރަށްތަކުގެ މަލަމަތި ތަކުން ޤުދުރަތުގެ ރީތިކަން ފެނި ހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ. މާލޭގެ ހަލަބޮލި ކަމުން ލިބެމުން ދިޔަ ނުތަނަވަސް ކަމަށް ހަމަޖެހުމެއް ލިބި ބޮލަށް އެތަށް ލުއިފަސޭހަކަމެއް ލިބިގެން ދިޔައެވެ.

ޤުދުރަތީ މަންޒަރުތައް ފޮޓޯ ނަގަމުން ދަނިކޮން އެއްދުއްފަރާއި ދިމާލުން އަންނަ މާލެ އޮޑިއެއް ފެނުނެވެ. އެ މަންޒަރާއެކު މީގެ އެތައް އަހަރެއްގެ ކުރިން ހިނގާފައިވާ އެތައް ކަމެއްގެ ޛިކުރާ ލޮލުގެ ކުރިމަތީގައި ނިއުޅުން ވަމުން ދިޔައެވެ. މާޒީގެ ތެރެއަށް ފީނަށް މަޖުބޫރު ކުރަމުންނެވެ. އެވަގުތު އެކުވެރި ސަލްވާއަށް ޅައިރުގެ މާޒީގެ ކަޅު ޞަފްޙާ ތަކުން ވަކިވަކި ގަނޑު ކިޔައިދޭން ބޭނުން ވިއެވެ. ދެންމެ ވީ ކަމެއްހެން އުމުރުން އެންމެ ހަތް އަހަރުގެ ހަދާންތައް ވަރަށް އަސަރާއެކު ސަލްވާއަށް ކިޔައިދޭން ފެށީމެވެ.

ސަލްވާއެވެ! މާލޭ އޮޑި ލެއްޕުމަށް އަހަރެންގެ މަންމަޔާއި އެކު އަތިރިއަށް ނުކުންނަމެވެ. އަޑުއަހާށެވެ! މާލެ އޮޑި އަންނަކަން އިނގޭއިރަށް އާދަޅޯ ގޮވަމުން ކުދިންތައް ދުވަން ފަށާނެއެވެ. ހުރިހާ ކުޑަކުދިންތައް އަތިރި މައްޗަށް ދާއިރު ވެސް އަހަރެން ހުންނަނީ މަންމަގެ ހެދުމުގެ ފަސްބައިގައި ހިފަހައްޓާ ލައިގެންނެވެ. މަންމަ އަހަރެންގެ ގާތުގައި ފެންވަރަން ހިނގާށޭ ބުނާނެއެވެ. ބައްޕަ އަންނާނެކަމާ މާޖެހި ބިސްކޯދު ގެނެސްދޭނެ ވާހަކަ ބުނެއެވެ. އެންމެ ކާހިތްވާ ދިރިފުކު މެޓާގެ ވާހަކަ ބުނާއިރަށް ސޮނި ފައިބަން ފައްޓާނެއެވެ. މަންމަގެ މޫނު މަތިން އެ ދުވަސް ދުވަހަށް އެ ފެންނަ އުފާވެރިކަން މިހާރުވެސް ހިތުގައި ނުފިލާ ހުރެއެވެ. ފެންވަރުވާ ފެންހިއްކުމަށް ފަހު ކާށި ތެޔޮފުޅި ނަގާ މުޅިގައިގައި ތެޔޮ ބޮއްޔަކަށް ވަންދެން ތެޔޮ ލައްވާނެއެވެ. ކަށިމަތިންނާއި ނިއްކުރިން އޮފް އަރާނެއެވެ މަސައްކަތް ކޮށްކޮށް ކުރަކި ވެފައިވާ އަތުން ކޫރެ ދަމާލުމަށް ފަހު ފުއްމާ ނަގާ ހުދު ބުޅަލެއްހެން ފުއްޖަހައި ދެއެވެ. މަންމަ ހެދިހާ ގޮތަކަށް ހެދިގެން ބަސް އަހައިގެން އިންނާތި އަބަދުވެސް މަންމަގެ ދޮންމަނިކޭ މަންމަ ބުނެއެވެ. މަންމަ އެހެން ބުނުމުން އަހަރެން އެހެރަވާ އުފަލެއް ބުނެދޭން ވެސް ނޭނގެއެވެ.

ރީތިކޮށް ނިމުމާއެކު އަހަރެންގެ ކޮލުގައި މަންމަ ބޮސްދޭނެއެވެ. އެހެން ބުނުމުން ސަލްވާ ސާމާސާ ރާގަކަށް ބުންޏެވެ. "މަންމަގެ ދޮންމަނިކު ހަންއޮމާން ވުމުގެ ސިއްރަކީ އެއީ ދޯ!" އެހެން ސަލުވާބުނުމުން އަހަރެންގެ ގާތަށްވެސް ހިނި އައެވެ.

ސަލުވާއެވެ! ބުނަންހެއްޔެވެ؟ މަންމަ މިހާވަރަށް އުފާވެފައި ހުރި ތަނެއް މީގެ ކުރި އަކުން ނުދެކެމެވެ. ބައްޕަ ލައްޕާށޭ ކިޔާފަ އަތިރިއަށް ދާ ދުވަސްދުވަހަށް މަންމަގެ ދުލުން ކިޔޭ ތަސްބީޙަކީ ބައްޕައެވެ. އެކުވެރި އެހެން ކުދިންގެ ބައްޕަޔޭ ކިޔައިގެން ކިޔާ ވާހަކަތައް ކިޔާކަށް އަހަރެންނަކަށް ނޭނގެއެވެ. ހަމަ އެކަނި ބައްޕަޔޭ ކިޔައިގެން އިވޭއަޑަކީ ބައްޕަފޮނުވި ހަދިޔާ ބައްޕަ ސަލާމް ބުނި މި އަޑުތަކެވެ. ގޭތެރޭގައި ބައްޕަޔޭ ކިޔައިގެން އިތުރު ވާހަކައެއް ދައްކާ އަޑެއް ނާހަމެވެ. އަހަރެމެން ގޭގައި މަންމަޔާއި އަހަރެން ފިޔަވާ އިތުރު މީހަކު ނޫޅެއެވެ.

އަވައްޓެރިންގެ ކުދިން އެކުދިންގެ ބައްޕަމެންނާ އެކު މޫދުއެރި ނަމާދަށް ދާތަން ފެނުމުން އެކަން ކަމާ އެނދުރުމުން މަންމަ ބުނެއެވެ. "ދަރިފުޅުގެ ބައްޕަ އައުމުން ނަމާދަށް ގެންދާނެ. މަންމަގެ ދޮންމަނިކު އޭރުން އަބަދު އުޅޭނީ ބައްޕަ ކައިރީގަ. ބައްޕަ އަހަރެމެން ދޫކޮށްފައެއް ނުދާނެ." އެކަމާ ޝަކުވާކުރާ ކޮންމެ ފަހަރަކުވެސް މިކަހަލަ ބަހަނާއަކުން އެވާހަކަ މަންމަ އޮއްބާ ލާނެއެވެ.

މާލެ އޮޑި ރަށު ކޮޅުން ލަނބާލައި ފިޔޭ ބުނާއަޑު އިވޭއިރަށް މަންމަގެ ހަރަކާތްތައް އަވަސް ވާނެއެވެ. އަހަރެން ފެންވަރުވާ ނަލަ ކުރުމަށް މަންމަ ވެސް ވަރުގެ ކޮޅަށް ހެދޭނެއެވެ. އެންމެ ބޮޑަށް ފަރިވާން ވުމުން އިސްތަށިގަނޑު ކޮޅާޖެހެން ދެން ގަތާލާނެއެވެ. އިސްތަށިގަނޑު ހައްޔަރު ކޮށްލާނީ ޓިސް ދައްޗެއްގެ އެހީގައި ހަރުކޮށްލާ ރަތް ފިނިފެން މަލަކާ އެކުގައެވެ. ވާނުވާ ނޭނގޭ ހާލު އަހަރެން ހުންނަނީ މަންމަގެ މިހަރަކާތް ތަކާމެދު ސުވާލު އުފެދި ކޮސް ވެފައެވެ.

އަހަރެން ގޮވައިގެން މަންމަގެ ފަރި ހިނގުމުގައި އަތިރިއަށް ދާނެއެވެ. ހިރުނދު ގަސްތަކުގެ ހިޔަލުގައި ހުންނަ ހޮޅުއަށި ތަކުގައި މީހުން ފުރި ބާރުވެފައި ތިބޭނެއެވެ. ރައްޓެހި ބައެއް ކުދިން ހިނިޖަހަ ޖަހާފައި ރޯއަވީގައި ދުވެލަ ދުވެލާ ތިބޭނެއެވެ. އަންހެން ވެރިން ނިކުމެ ތިބެގެން އެމީހުންގެ ފިރިންނަށް އިންތިޒާރު ކުރެއެވެ. ދިމަ ދިމާލުގައި ކޯޅި ކޯޅިއަށް މާލެ އޮޑި ލައްޕަން އެއްވެ ތިބޭ މަންޒަރު މިހާރުވެސް ހިތުގައި، ނުފިލާ ތަސްވީރެއް ހެން ކުރެހިފައި ވެއެވެ.

ނިޔާމަ ދަތުރަކާ އެކު ހިކިފަސް ތަނެއްގައި ފައި ޖެހުމުން ބައެއް މީހުން ﷲ އަށް ޝުކުރު އަދާ ކުރަމުން ދަނީ އުފަލުގެ ކޮޅެއް ނެތިއެވެ. ގާތް ތިމާގެ މީހުންތައް ފެނުމާއެކު އެކަކު އަނެކަކަށް ސަލާމްކޮށް އޮޅުލަމުން ދެއެވެ. މާލެއޮޑިން އެންމެން ފައިބާ އިރުވެސް އަހަރެން ގޮވައިގެން މަންމަ އަތިރިމަތީން ރުކެއްގައި ލައްގަނެ ލައިގެން ހުންނާނެއެވެ. އަހަރެންނަށް ނުހުރެވިގެން މަންމަ ގާތު ބައްޕަ ކޮބާހޭ އަހާލެވެއެވެ. އުއްމީދުން ފުރިފައިވާ ހާލު މަންމަ ބުނެއެވެ.

"އަދި ނުފައިބައެ. އެންމެ ފަހުން ފައިބަން ފިލާ ހުރީ ކަން ނޭނގެ. ބައްޕަ ފިސާރި ލާނެތް ވާނެ. އެއީ އަހަރެމެން ދެމައިން ތަޅުވަން ވެގެން.." މަންމަ އެހެން ބުނި ނަމަވެސް މަންމަގެ ދެލޮލުން ނިރާލަ ނިރާލާ ހުންނަ ކަރުނަތައް އަހަރެން ނަށް މިހާރުވެސް އަގުބޮޑު މުތީތަކެއްހެން ސިފަވެއެވެ.

މާލެ އޮޑި އަންނަ ދުވަސް ދުވަހަށް މަންމަގެ ދެލޯ ކަރުނައިން ފުރޭނެއެވެ. އޮހިގަންނަން ތައްޔާރު ވެފައި ހުންނަ ކަރުނަތައް އެހެން މީހުންނަށް ފެނިދާނެތީ ފޮރުވައެވެ. އަހަރެން ނަށް ފެނިދާނެތީ ގިނަ ފަހަރަށް ހެދުމުގެ އަތުކުރިން މޫނު ފޮހެލާހިތުގެ ވޭން ރައްކާ ކުރާނެއެވެ. ހަތްއަހަރު ފުރޭން ދިޔަ ނަމަވެސް އަހަރެންނަކީ ހަތަރު އަހަރުގެ އިސްކޮޅު ހުންނަ ކުއްޖެއް ކަމުން މަންމަ ތަންތަނަށް އަވަހަށް ދާން ބޭނުންވުމުން ދާނީ އުރާ ކިހިލި ޖަހައިގެންނެވެ. މިކަމާ އަހަރެމެން ހިސާބުގެ އެހެން ކުދިން އަހަރެންނާއި ދިމާކޮށް ހަދައެވެ. މަންމަ އަހަރެން އުރާތި ނުރުހުން ވާން ފެށުމުން މަންމަ އެކުދިން އެކިޔާ އެއްޗެހި އަޑު ނާހާށޭ ބުނެއެވެ.

މަންމަގެ އުއްމީދުތައް މަރެއް ނުވެއެވެ. އަބަދުވެސް މަންމަ ބުނަނީ ދެން އަންނަ ދަތުރަކުން ޢީދުގެ ހަދަން އެއްޗެހި ހިފައިގެން ބައްޕަ އަންނާނެ ވާހަކައެވެ. މާލެ އޮޑި ލެއްޕުމަށް ފަހު އެނބުރި ގެއަށް އަންނަ ކޮންމެ ދުވަހެއްގެ އާދައިގެ މަތިން މިއަދުވެސް ގެއަށް ވަދެ ބޮޑުއަށިމަތީގައި އަހަރެން ބޭންދުމަށް ފަހު މަންމަ ވަނީ އެތެރެގެއަށެވެ. އިރުކޮޅަކުން މަންމަ ގިސްލާ އަޑު އިވެން ފެށިއެވެ ބޮޑު އުނދޯލީގައި މަންމަ ބަނޑުވަތަށް ޖަހައިގެން އޮވެ، ރުއި މަންޒަރަކީ އޭރު އަހަރެންގެ ހިތް ކުދިކުދި ކުރުވި މަންޒަރެކެވެ. މަންމަގެ ބޮލުގައި އަހަރެންގެ ކުޑަ ކުޑަ އަތުން ފިރުމާލުމަށް ފަހު މަންމަ ރޮނީ ބައްޕަ ނައުމުން ހެއްޔޭ އަހަމެވެ. އެހެން ބުނުމުން ދެލޯ ފެހެލުމަށް ފަހު ނޫނެކޭ ބުނެއެވެ. މަންމަ ކަންތައްތަކެއް ސިއްރު ކުރާކަން އޭރުވެސް އަހަރެންނަށް އެނގެއެވެ.

ސަލްވާއެވެ! އަހަރެން ހަނދާން ހުންނަށް ފެށީން ސުރެން ވެސް މާލެ އޮޑިއެއް ލަފާ ކޮންމެ ދުވަހަކީ ވެސް މަންމަ ހިތުގެ ޒަޚަމު ބޮޑުވެ، ވޭން ގަދަވެގެން ދާ ދުވަހެކެވެ. މާލެއޮޑި ލަފާ ވާހަކަ ގޮވާލުމާ އެކު ނަލަހެދި ގެން އަތިރިއަށް ދާނެއެވެ. އެނބުރި ގެއަށް އަންނާނީ މާޔޫސް ވެފައިވާ ހިތަކާ އެކުގައެވެ. އުއްމީދާ އެކު ކުރި ފޮނި އިންތިޒާރު ނިމެގެން ދާނީ ކަރުނައިންނެވެ.

ބައެއް ރޭ ރެއަށް އަތްބައްތި ދިއްލައިގެން ދަންވަރަށް ކަރުދާސް ގަނޑެއް ނަގައިގެން އެއާއި ދިމަ ބަލައްހައްޓައި ގެން އިނދެ ގިސްލަ ގިސްލައިފައި ރޯނެއެވެ. މަންމަގެ ހުރިހާ ޝަކުވާއަކާއި ހިތާމަޔެއް ގުޅިފައިވަނީ އެކަރުދާސް ގަނޑާއެވެ. މަންމަ ރޯތަން މިގޮތަށް ފެނިފެނި އެ މަންޒަރު ތަކަށް އަހަރެން ދިޔައި ފަރިތަ ވެ ބާވަމުންނެވެ.

ވުމާއެކު އާ ކަމަކަށް ވެގެން ސުވާލެއް ނުކުރަމެވެ. އެހެން ނަމަވެސް އެ ކަރުދާސްގަނޑުގައި ލިޔެފައި ހުރީ ކޮންކަހަލަ ވާހަކަތަކެއްތޯ ދެނެގަންނަން އޭރުވެސް ވަރަށް ބޭނުންވިއެވެ. މަންމަ ރޮނީ ކީއްވެގެންތޯ ބަލަން ބެނުން ވާތީއެވެ. މުޅިދުވަސް ވޭތުކުރާނީ ރުއިމުގައެވެ.

އިރުއޮއްސުމުން ބޮޑުބެ ގެއަށް ގޮސް އެގެއިން ލައިގެން ކާއެއްޗެއް ގެނެސްގެން އަހަރެންނަށް ކާންދިނުމަށް ފަހު ގައި ދޮއްވާފައި މަޣްރިބި ނަމާދު ބަންގީގެ ކުރިން ގެއަށް ވެއްދޭތޯ ބަލާނެއެވެ. މައި ގޭގެ ބައްތި ދިއްލުމަށް ފަހު މަންމަ ވަޅުދޮށަށް ވަދެ، ވުޟޫ ކުރުމަށްފަހު ކުނަލުގެ އަރިމަތީގައި އަހަރެން ބަހައްޓައިގެން މަޣްރިބު ނަމާދު ކުރުމަކީ މަންމަގެ ކޮންމެދުވަހެއްގެ ވެސް އާދައެކެވެ.

އެއްރެއަކު ނިންދަވަން އޮވެގެން މަންމަބުޏެވެ. "މިއުޅެނީ ދަރިފުޅު ނަކަތްގެ ލައްވަން. އެކަން ކުރާނީ ވަރަށް ރީތި ގެއެއްގަ. އެގެ ހުންނާނީ ކުލަކުލައިގެ ވިދާ މާތަކުން ޖަރީ ކޮށްފަ. ރޭވުމުން ބޮޑު ބިގަރުގެ އަލިން މުޅިތަން އޮންނާނީ ދުވާލަށް ހަދާ ލައިފަ. ރައްޓެހިންނާއި ތިމާގެ މީހުން ހަދިޔާތައް ގެންނާނެ.'' ކުޑަދައިތަގޭ ޒިޔާދުބޭ މެންނާއެކު އެގޭގައި ޚިތާނު ކުރަން ވާނެކަމަށް ކުޑަބެ ބުނިކަމާއި އޭރުން ބައްޕަ ވެސް އަންނާނެ ކަމަށް މަންމަ ބުންޏެވެ. ބައްޕަ އަންނައިރު ހަދިޔާ ގެންނާނެ ކަމަށް ބުނެ ބައްޕަގެ ރަނގަޅުކަން ހާމަކުރެއެވެ.

މަންމަގެ މިފަދަ ވާހަކަތަކުން ބައްޕަގެ ތަސްވީރު އަހަރެންގެ ހިތުގައި ކުރެހި ބިންވަޅު ނެގެމުން ދިޔައީ ރަނގަޅު ޝަހުޞިއްޔަތެއްގެ ގޮތުގައެވެ. އަދި މަންމަގެ ޖަޒުބާތުތަކާ ގުޅި ލާމެހި ފައިވާ ފަރާތެއްގެ ގޮތުގައެވެ. މަންމަގެ މިހަނދާން ކުރުން ތަކުން ބައްޕަ ދެކެ މަންމަ ލޯބިވާ މިންވަރު ވަޒަން ކުރެވެއެވެ. އެހެންކަމުން އަހަރެންގެ ހިތުގައި ބައްޕަ އަށްޓަކައި ލޯތްބާއި ކުނލުނު އިތުރަށް ތަރައްޤީވަމުން ދިޔައެވެ. ލޭގެ މަތިވެރި ގުޅުމަށް ޤަދަރު ކުރަމުންނެވެ. ބައްޕަގެ އަޅާލުމާއި އެހީތެރިކަމުގައި ހަޔާތުގެ ދުވަސްތައް ވޭތުކުރަން ލިބުން އެދި ދުޢާކުރަމުންނެވެ. ބައްޕަ ރަށަށް އަންނާނެ ދުވަހަކަށް ޓަކައި ދިޔައީ ފޮނި އިންތިޒާރެއް ކުރަމުންނެވެ. މާލެ ފައިބާ މަސައްކަތް ކުރަން ތިބޭ މީހުން އޭރުވެސް ބޮޑުޢީދަށް ރަށަށް އަރާނެއެވެ.

ބޮޑުއީދަށް ބޮޑުބެ ވެސް ރަށަށް އަންނަ ވާހަކަ މަންމަގާތު ފަހަރި ދައިތަ ބުންޏެވެ. ހަދިޔާ ހަދަން ޖެހޭ ވާހަކައެވެ. ފޮނި އަދި ކުޅި ކަޖާ ހަދާ ވާހަކައެވެ. ދިގަލަ ހަކުރުލާ ވާހަކައެވެ. އޮޅުން ސުވާއްޔާއި އަތުޖެހި ވެސް ހަދަންވާނެ ވާހަކައެވެ. މި ވާހަކަތައް އަޑު އިވުމުން މަންމަގާތު ކީއްކުރަން ކުރާ ކަމެއްތޯ ސުވާލު ކުރީމެވެ. (ނުނިމޭ)