ދުނިޔެ

މިސްރުން އިޒްރޭލަށާއި ފަލަސްތީނަށް މަޝްވަރާއަށް ދައުވަތު ދީފި

މިސްރު މެދުވެރިވެ ދެކެވުނު ވާހަކަތައް ކޮޅެއްގައި ޖެހި އިޒްރޭލާއި ހަމާސްއިން ހަނގުރާމަ މެދުކަނޑާލާފައި މިހާރު އޮތް ނަމަވެސް ހީވަނީ ހަމަ ކުއްލިއަކަށް ހަލަމާތައް ދެންމެ އަކު ފަށާފާނެ ހެންނެވެ. އިޒްރޭލާ ހަމާސްއިން އެއްބަޔަކު އަނެއް ބަޔަކަށް ދައްކަމުން ގެންދާ ބިރާއި ބަހުގެ ހަމަލާތަކާ ހެދި މަސްރަހުން އަދިވެސް ހޫނު ފިލައިގެން ނުދެ އެވެ.

މެދުއިރުމަތީގައި ސުލްހަ ދެމެހެއްޓުމަށްޓަކައި މިސްރުން މިހާރު ގޮވާލަނީ މަޝްވަރާގެ މޭޒު ދޮށަށް އައުމަށެވެ.

އިޒްރޭލާއި ފަލަސްތީން އަަދި ހަމާސް އެކުގައި މަޝްވަރާ ކުރުމަށެވެ. ސުލްހައަށް އޮތް އެންމެ ކުރު މަގަކީ މަޝްވަރާކޮށް ދޫދިނުން ކަން މުޅި ދުނިޔެ ދަނެ އެވެ.

އިޒްރޭލާ ހަމާސް އަދި ފަލަސްތީނަށް ދައުވަތު ދެމުން މިސްރުން ބުނީ މަޝްވަރާ ކުރެވޭނީ ގާޒާގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންނާއި ހަމަލާތައް ދާއިމަށް ހުއްޓާލުމާ ބެހޭ ގޮތުން ކަމަށެވެ.

އިޒްރޭލުގެ ޕަބްލިކް ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ގެނެސްދިން ރިޕޯޓެއް ބުނާ ގޮތުން މަޝްވަރާތައް އަމާޒު ކުރެވޭނީ ގާޒާ އާބާދު ކުރުމާ ބެހޭ ގޮތުންނާއި އަސީރުން ދޫކުރުމާ ބެހޭ ގޮތުންނެެވެ. އަދި މެދުއިރުމަތީގައި ހަމަލާ ބަދަލު ނުކޮށް ފަރުޖެއްސެން ހުރި ގޮތްތަކާ ބެހޭ ގޮތުންނެވެ.

މިސްރު މެދުވެރިވެ މިހާރު ވެސް ސުލްހައިގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ. އިޒްރޭލު ނޫސްތަކުން ބުނާ ގޮތުން މިސްރުގެ އޮފިޝަލުން ގާޒާ އާއި ރާމަﷲ ގައި މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފަ އެވެ. އަދި ބައްދަލުވުންތަކާ ގުޅުން ހުރި މައުލޫމާތު އިޒްރޭލާ ހިއްސާކުރާ ކަމަށް ނޫސްތަކުން ބުނެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އިޒްރޭލަށާއި ފަލަސްތީނަށް އަދި މިސްރަށް ވަޑައިގެން ސުލްހައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި ގާޒާ އަލުން އާބާދު ކުރަން އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިސްރު މެދުވެރިވެ ކުރެވެމުން އަންނަ މަޝްވަރާއަށް އެމެރިކާއިން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.