ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ހަތަރުވަނަ ދައުރަކަށް ހޮވިވަޑައިގެންފި އެވެ.
އަސަދު އިންތިހާބު ކާމިޔާބުކުރެއްވީ 95.1 ޕަސެންޓުންނެވެ.
ސީރިއާގެ ގައުމީ ނޫސް އޭޖެންސީ، ސަނާއިން ބުނީ 14،239،140 މީހުން ވޯޓް ލާފައިވާ ކަމަށާއި އެއީ ވޯޓަށް ޝަރުތު ފުރިހަމަވާ އާބާދީގެ 78.64 ޕަސަންޓް ކަމަށެވެ.
އަސަދު އިންތިހާބު ކާމިޔާބު ކުރައްވާނެކަން ވޯޓްލާން ފެށުމުގެ ކުރިން ވެސް މުޅި ދުނިޔެއަށް އޮތީ ކަށަވަރުވެފަ އެވެ.
ސީރިއާގައި މިފަހަރު ވެސް ރިޔާސީ އިންތިހާބު ބާއްވާފައިވަނީ ވާދަވެރިންނަށް ފުރުސަތު ވަރަށް ބޮޑަށް ހަނިކޮށް އެެއްގޮތަކަށް ވެސް ބައިވެރި ނުވެވޭ ވަރުކޮށްފަ އެވެ.
އަސަދުގެ ޒައާމަތުން ވާދަވެރިން ބާކީކުރުމަށް ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައިރި ޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް އަސަދު ނޫން ކެންޑިޑޭޓެއްގައި ނުހުންނާނެ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އެއީ ސީރިއާގައި ދިރިއުޅެމުން އަންނަތާ 10 އަހަރު ވެފައިވުމެވެ.
ރިޔާސީ އިންތިހާބު ހިނގާ ދިޔައީ ޑިމޮކްރަސީއާ އެއްގޮތަށް ކަމަށް ދެއްކުމަށް އަސަދު ނޫން ކެންޑިޑޭޓުން ބައިވެރިވި ނަމަވެސް އެއިން އެކަކީ ވެސް އަސަދަށް ވާދަވެރިއެއް ނޫނެވެ. އެއީ ހަމައެކަނި ވޯޓު ކަރުދާސްކޮޅުގައި ޖަހާލަށް ލިސް ޓްކުރެވުނު ނަން ތަކެކެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރާ ކެންޑިޑޭޓަކަށް މަރުހަބާ ކިޔައި އުފަލުގައި ބައިވެރިވުމަކީ ގައުމުތަކުން ކުރާ ކަމެކެވެ. އެކަމަކު އަސަދު ހޯއްދެވި ކާމިޔާބަށް މަރުހަބާ ދަންނަވައި އުފަލުގައި މަދު ބަޔަކު ނޫނީ ބައިވެރިވެފައެއް ނުވެ އެވެ.
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އަސަދަށް ގުޅުވައްވައި ވަނީ ހޯއްދެވި ކާމިޔާބަށް މަރުހަބާ ދަންނަވާފަ އެވެ. ވިދާޅުވީ އަސަދަކީ އަޚެއް ކަމަށާއި އިންތިހާބު ހިނގައި ދިޔައީ ޑިމޮކްރަސީގެ ޒަމާނީ މިންގަނޑުތަކުގެ ތެރެއިން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ގައުމު މަސަލަސްކުރަން އަސަދު ކުރައްވާ މަސައްކަތްތަށް ހިތްވަރު ދެއްވާ ކަމަށާއި އެކުގައި ވަޑައިގަތުމަށް ހުންނެވީ ފައިވިއްދާފައި ކަމަށެވެ.