އިންޓަނެޓްގެ ސާވިސް

އަގަށް ގެންނަ ބަދަލުން ކުންފުނިތަކަށް 10 މިލިއަން ޑޮލަރުގެ ގެއްލުން

ސަރުކާރުގެ ވައުދެއް ފުއްދަން އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު އިންޓަނެޓުގެ ހިދުމަތްދޭ އޮޕަރޭޓަރުންނަށް އަހަރަކު 10 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެގެންދާނެ އެވެ.

ސަރުކާރުން ވަނީ ޖުލައި އިން ފެށިގެން އަމަލު ކުރަން ފަށާ އިންޓަނެޓުގެ އާ އަގުތައް އިއްޔެ އިއުލާނުކޮށްފަ އެވެ.

މި އަގުތަކާއެކު ސަރުކާރުން ބޭނުންވާ ގޮތަށް އިންޓަނެޓުގެ ހިދުމަތް ދޭނެ ތިން ޕެކޭޖެއް ހަދައި މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

މި ބަދަލާއެކު ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް އެންމެ ފުޅާކޮށް ދެމުން ގެންދާ އުރީދޫ އާއި ދިރާގު އަދި އާރޯއެލްއަށް ވެސް ބޮޑު ގެއްލުމެއް ވެގެންދާނެ އެވެ.

ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ކުންފުންޏެއްގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި މި ބަދަލާއެކު އަހަރަކު 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 154 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

"ލަފާ ކުރެވެނީ މި ވަރުގެ ގެއްލުމެއް ވާނެ ކަމަށް. މިއަށްވުރެވެސް ގެއްލުން ބޮޑުވުން އެކަށީގެންވޭ. އެކަމަކު ރައްޔިތުންނަށް މިވަރުގެ ބޮޑު ބަދަލެއް ގެނެސްދޭން އެދުމުން ކުންފުނިތަކުން ކޮށްދިނީ،"

އޭނާ ވިދާޅުވީ އުރީދޫ އާއި ދިރާގަށް މި ބަދަލާއެކު ގެއްލުންވުމުގެ މައިގަނޑު ސަބަބަކީ ވަކިން ފިކްސް ކޮށްފައިވާ ތިން ޕެކޭޖެއް އިއުލާނު ކޮށްފައި ވުމުންނެވެ.

"މިހާރު އެކި ޕެކޭޖުތައް އެބަހުރި ދިރާގާއި އުރީދޫ ގައިވެސް. އެކަމަކު ދެން މި ޕެކޭޖުތަކުގެ ހަގީގީ ބޭނުމެއް ނެތް. އެއްވެސް މީހަކު އިތުރު ޕެކޭޖެއް ބޭނުމެއް ނުވާނެ. ދެން މި ރޭޓް ތަކަށްވުރެ މަތީ ޕެކޭޖެއް ހަދާނަމަ ހެދޭނީ ހަމައެކަނި ބޮޑު ވިޔަފާރިއަކަށް،" އޭނާ ވިދާޅުވި އެވެ.

ފޯނާއި އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނި ތަކުން ބުނި ގޮތުގައި މި ބަދަލުގެ ސަބަބުން ލިބޭ ގެއްލުން ފޫބައްދަން ރާއްޖޭގައި ދަތިތަކާ ކުރިމަތިވާނެ ކަމަށާ، ނަމަވެސް މޯބައިލް މަނީ ފަދަ އާ ވިޔަފާރިތައް ފުޅާކޮށް މި ގެއްލުން ކަވަރުކުރުމުގެ ވިސްނުން ކުންފުނިތަކުން ގެންގުޅޭނެ ކަމަށެވެ.

"ރާއްޖޭގެ އާބާދީ ކުޑަ. އެހެންވީމަ ދަތިތަކާ ކުރިމަތި ވެގެންދާނެ،" އެހެން ބޭފުޅަކު އޭނާގެ ހިޔާލު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރަން އަގަށް ގެނައި ބަދަލާއެކު އެންމެ ބޮޑަށް ފާހަގަކުރެވެނީ ގައުމީ ބްރޯޑްބޭންޑް އިންޓަނެޓު ސްޕީޑެއް ކަނޑައެޅުމެވެ.

އަންނަ ޖުލައި މަހުން ފެށިގެން ދެ އެމްބީޕީއެސް އަށް ވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭނެ އެވެ. އަދި އިންޓަނެޓު ހުސްވުމަށްފަހު ދެން ލިބޭނީ ތްރޮޓޮލް ސްޕީޑް ދެ އެމްބީޕީއެސް އެވެ. މީގެ އިތުރުން 300ރ. އަށް ވުރެ މަތިން ވިއްކާ ހުރިހާ އިންޓަނެޓު ޕެކޭޖުތަކެއްގައި ތްރޮޓޮލް ސްޕީޑް ދަށްކުރެވޭނީ ފަސް އެމްބީޕީއެސް އަަށެވެ. މި ބަދަލާއެކު އިންޓަނެޓު ޕެކޭޖު ހުސްވުމުން ދެން ލިބޭ ޕްރީޑު ދެ ގުނަ އާއި ފަސް ގުނަ އަށް މަތިވެގެން ދާނެ އެވެ. އަދި ގޭގެ އަށް ދޭ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގުން 30 ޕަސެންޓުގެ ހެޔޮކަމެއް އަންނާނެ އެވެ.