އިންޓަނެޓްގެ ސާވިސް

ހެޔޮނެޓަށް ޕެކޭޖުތައް އަޕްގްރޭޑްވެ އަގުހެޔޮވެއްޖެ

ސަރުކާރުގެ އިންޓަނެޓު އަގު ހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓަނެޓުގެ އަގަށް ގެނައި ބަދަލަށް، އޮޕަރޭޓަރުންގެ ޕެކޭޖުތައް ބަދަލުވެ، އަގުތައް ހެޔޮވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގައި ހިމެނޭ އިންޓަނެޓު އަގު ހެޔޮ ކުރުމުގެ ސިޔާސަތުގެ ދަށުން ގެނައި ބަދަލާއެކު މިމަހު ފުރަތަމަ ބަދަލު އައިސްފައިވަނީ ގޭގައި ބޭނުންކުރާ ބްރޯޑްބޭންޑް އިންޓަނެޓަށެވެ. އެގޮތުން ދިރާގާއި އުރީދޫ އަދި އާރްރޯއެލްގެ އިންޓަނެޓު ޕޯޓްފޯލިއޯގައި ވެސް މި ތިން ޕެކޭޖު ވަނީ ހިމަނާފަ އެވެ.

މި ބަދަލާއެކު ދިރާގު އަދި އުރީދޫ ކަސްޓަމަރުންނަށް ވެސް ކުރީގެ އަގުތައް ހެޔޮވެ އެލަވެންސް މަތިވެ ސްޕީޑުވެސް ވަނީ ހަލުވިވެގެން ގޮސްފަ އެވެ. މީގެ އިތުރުން އިންޓަނެޓް ހުސްވުމުން ލިބޭ ސްޕީޑު ވަނީ ފަސް އެމްބީޕީއެސްއާ ހަމައަށް ގެނެސް "ސިލް" ކޮށްފަ އެވެ. މިއީ އެންމެ ދަށް ސްޕީޑެއް ކަނޑައަޅައި ބްރޯޑްބޭންޑް ސިޔާސަތެއް ރާއްޖޭގައި ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

"ހެޔޮނެޓް" ތައާރަފު ކުރަން ވާއިރަށް ދިރާގު އަދި އުރީދޫން ވެސް ވަނީ ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ.

މި ބަދަލާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ތަފާތު ޝުއޫރުތައް ދަނީ ފާޅު ކުރަމުންނެވެ. ގިނަ ބަޔަކު ބުނަމުން ދަނީ މި ބަދަލުގެ ސަަބަބުން ހެޔޮކަމެއް އައިސްފައިވާ ކަމަށް ފާހަގަ ކުރެވޭނެ ކަމަށެވެ. ގޭގެއަށް ދޭ އިންޓަނެޓުގެ އަގު ހެޔޮވިނަމަވެސް މޮބައިލް ފޯނަށް މި ބަދަލު އަންނާނީ އޮކްޓޫބަރު މަހުގެ އެކަކުން ފެށިގެންނެވެ.

އިންޓަނެޓުގެ ހިދުމަތްދޭ، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އަވަސް އަށް މިއަދު ވިދާޅުވީ "ހެޔޮނެޓް" އާއެކު އެ ކުންފުނިން ތައާރަފުކުރި ޕެކޭޖުތަކާ މެދު ކަސްޓަމަރުންގެ ހިޔާލުތައް ވަރަށް ޕޮޒިޓިވް ކަމަށެވެ.

"މިހާރު މިވީ ގޮތަކީ އަގުހެޔޮވެފަ މޮޅެއް މިވީ. ކުރިން 200 ޖީބީ ލިބޭ މީހުން 400 ޖީބީ އަށް އަދި 600 ޖީބީ ލިބޭ މީހުންް ވަން ޓީބީއަށް ބަދަލުވީ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން އެ ކުންފުނީގެ ކަސްޓަމަރުންނަށް "ލޭންޑްލައިން"ގެ ހިދުމަތްވެސް މިހާރު ހޯދޭނެ ކަމަށެވެ.

"އިންޓަނެޓު ނެގީމަ ލޭންޑްލައިން ވެސް ނެގޭނެ. މިކަންވަނީ ކުދި ވިޔަފާރިތަކަށް ވަރަށް ހާއްސަ ހިދުމަތަކަށް. އޭރުން ލޭންޑްލަ އިން ނަމްބަރެއް ވެސް ލިބޭނެ،" ނިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގެ 80 ޕަސެންޓަށް އިންޓަނެޓުދޭ، ދިރާގު ބްރޭންޑް، މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން މުހައްމަދު މިރުޝާން ހަސަން މިއަދު ވިދާޅުވީ މިބަދަލާއެކު ބައެއް ކަސްޓަމަރުން ޑޭޓާ އަށް ކުރަން ޖެހޭ ހޭދަ 50 ޕަސެންޓާ ހަމައަށް ކުޑަ ވެގެން ގޮސްފައިވާ ކަމަށާ، ކަސްޓަމަރުންގެ ފީޑްބެކް ވަރަށް ރަނގަޅު ކަމަށެވެ.

"ދިރާގުގެ ޕެކޭޖުތައް އޮޓަމެޓިކުން ކަސްޓަމަރުންނަށް އަޕްޑޭޓް ވާނެ. އިތުރު ކަމެއް ކުރާކަށް ނުޖެހޭނެ. މިހާރު މިސާލަކަށް ބުނާނަމަ 500ރ. އަށް ހުރި ޕެކޭޖު 450ރ. އަށް މިވަނީ ބަދަލުވެފަ. އަދި 100 ޖީބީ އިން 120 ޖީބީއަށް ބަދަލުވެފަ. އަދި 300ރ، އިން މަތީގެ ހުރިހާ ޕެކޭޖުތަކެއްގެ ސްޕީޑް އާފްޓާ އެލަަވަންސް ފަހެއް އެމްބީއަށް ބަދަލުވެ، 300ރ. އިން ދަށުގަ އިން ޕެކޭޖު ކުރިން އެއް އެމްބީޕީއެސް ސްޕީޑް ލިބުނަސް މިހާރު ދެ އެމްބީޕީއެސް ލިބޭނެ،" މިރުޝާން ވިދާޅުވި އެވެ.

ސަރުކާރުން އިންޓަނެޓަށް ގެނައި ބަދަލާއެކު، އެންމެ ބޮޑަށް ފާހަގަކުރެވެނީ ގައުމީ ބްރޯޑްބޭންޑް އިންޓަނެޓު ސްޕީޑެއް ކަނޑައެޅުމެވެ.

މިއަދުން ފެށިގެން ދެ އެމްބީޕީއެސް އަށް ވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭނެ އެވެ. އަދި އިންޓަނެޓު ހުސްވުމަށްފަހު ދެން ލިބޭނީ ތްރޮޓޮލް ސްޕީޑް ދެ އެމްބީޕީއެސް އެވެ. މީގެ އިތުރުން 300ރ. އަށް ވުރެ މަތިން ވިއްކާ ހުރިހާ އިންޓަނެޓު ޕެކޭޖުތަކެއްގައި ތްރޮޓޮލް ސްޕީޑް ދަށްކުރެވޭނީ ފަސް އެމްބީޕީއެސް އަަށެވެ. މި ބަދަލާއެކު އިންޓަނެޓު ޕެކޭޖު ހުސްވުމުން ދެން ލިބޭ ޕްރީޑު ދެ ގުނަ އާއި ފަސް ގުނަ އަށް މަތިވެގެން ދާނެ އެވެ. އަދި ގޭގެ އަށް ދޭ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގުން 30 ޕަސެންޓުގެ ހެޔޮކަމެއް އަންނާނެ އެވެ.