އޭޝިއާގެ އެންމެ ބޮޑު މަހުޖަރު، މުކޭޝް އަންބާނީގެ "ޖިއޯ" އިން ރާއްޖެ އަށް ގުޅާލުމުގެ މައިގަނޑު ބޭނުމަކީ ބޭރަށް އިންޓަ ނެޓް ވިއްކައިގެން ބޭރު ފައިސާ، އާމްދަނީ ހޯދުން ކަމަށް ކޭބަލް އަޅަން އުފެއްދި، ސަރުކާރު ކުންފުނިން ބުނެފި އެވެ.
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން، އިންޑިއާގެ ކުންފުންޏާއެކު ސަބްމެރިން ކޭބަލް އަޅަން ސަރުކާރުން އުފެއްދި މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ، އޯޝަން ކަނެކްޓިވިޓީ މޯލްޑިވްސް (އޯސީއެމް) ޗެއާމަން ރިޔާޒު މަންސޫރު ވިދާޅުވީ މިކަމުގެ ސަބަބުން އިގްތިސޯދީ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.
"މި އައިޑިއާ ވަރަށް ސިމްޕަލް ކަމެއް އިނގޭ ތޯ؟ އަޅުގަނޑުމެން މި އަޅަނީ ކޭބަލް. އޭގެން އަޅުގަނޑުމެން ގަންނަ ކެޕޭސިޓީއެއް ހުންނާނެ. އޭގައި ބޭނުން ނުކުރާ ކެޕޭ ހުރިނަމަ ކިހިނެއް ތޯ ހަދާނީ. އަޅުގަނޑުމެންނަށް ހުށަހެޅި ދާނެ އެ ގަންނަން. އެއީ ވަރަށް ސިމްޕަލް އައިޑިއާއެއް،" ރިލަޔަންސްގެ ސަބްސިޑަރީ ޖިއޯ ކުންފުންޏާއެކު ފެށި މަސައްކަތްތަކާ ބެހޭ ގޮތުން ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން ރާއްޖޭގެ ކޭބަލްގެ ކެޕޭސިޓީ ބޮޑުނަމަ އެ ވިޔަފާރިއެއްގެ ގޮތުގައި ކުރާނެ ކަމަށެވެ.
"އެއީ އެކްސްޕޯޓް ކުުރުމަކީ. މިހާރު ބޭނުން ކުރާ ބޭންޑް ވިތް. އޭގެ އެތަަށް ގުނައެއް ބޮޑުކޮށް އަޅުގަނޑުމެން ފަށައި ގަންނާނީ. އެއީ ހަމަ އެކްސްޕޯޓަށް އަމާޒުކޮށްގެން. މީގެ އަސަރު ބޮޑު ބަޔަކީ ވެސް އެކްސްޕޯޓް. ރާއްޖެ އަށް އާމްދަނީ ހޯދުން،" ރިޔާޒު ވިދާޅުވި އެވެ.
"ރާއްޖެ މިއޮތީ ވަރަށް ރަނގަޅު ލޮކޭޝަންއެއްގައި. މީގެ ބޭނުން ވަރަށް ރަނގަޅަށް ކުރެވޭނެ. މީގައި އެބައުޅޭ އެއްކަމެއް. ރާއްޖެ މިއޮތީ މުންބާއީއާ ކައިރީގަ. މުންބައިމީ އެންމެ ބޮޑު ހަބު. ބައިވަރު ޑޭޓާ ސެންޓަރު. އެހެންވެ އެ ބޭފުޅުން ރައްކަލަށް ޓަކައި. އެ ބޭފުޅުންގެ ރިޑަންޑަންސީ އާއި ރެސިޑެންސީ ނުވަތަ ޑާޓާ އެހެން ތަނަކަށް މޫވް ކުރަން ބޭނުންނަމަ ރާއްޖެ މިއޮތީ ވަރަށް ކައިރީގަ. އެހެންވެ ބެކަޕަކަށް ނަމަވެސް އެ ހިދުމަތް މޫވްކޮށްފިނަމަ، ރާއްޖެ ފެންނާނީ ރަނގަޅު ފުރުސަތެއްގެ ގޮތުގައި."

ޖިއޯ ކޭބަލަށްވުރެ ހެޔޮކޮށް ނެޓެއް ނުދެވޭނެ
އޭނާ ވިދާޅުވީ އިންޑިއާގެ ރިލަޔަންސްގެ ސަބްސިޑަރީ "ޖިއޯ" އިން ރާއްޖެ އަށް ގުޅާނާ ސަބްމެރިން ކޭބަލަ އަށް ވުރެ ހެޔޮކޮށް އިންޓަނެޓު ނުލިބޭނެ ކަމަށެވެ. ޖިއޯ ކޭބަލް އަޅަނީ ސިންގަޕޫރާއި މުންބާއީ ސަބްމެރިން ގުޅޭ މައި ކޭބަލަށް ކަމަށާ، މިއީ ރާއްޖެއަށް ގުޅާލާފައިވާ އެހެން ކޭބަލްތަކާ ތަފާތުކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. އަދި އިތުރަށް ވިދާޅުވީ މިއީ އަގު ހެޔޮވާނެ ސަބަބެއް ކަމަށެވެ.
"އަޅުގަނޑުމެން ކޭބަލް މި އަޅަނީ ޖެހިގެން އޮތް ގައުމުގެ ކުންފުންޏަކާ ކަމަށްވާނަމަ މައި އެކްސްޗޭންޖުތަކަށް ގޮސްފަ ޓްރެފިކް ލިބުމަށް ވަގުތު ނަގާނެ، އިތުރު ބައެއް ވަންނާނަމަ އެކަހަލަ ކަންތައް ތަކުން ވެސް އެއަށް ވަންނާނެ ހަރަދުތަކެއް. އެހެންވީމަ ސީދާ މައި އެކްސްޗޭންޖާ ގުޅުނީމަ އެއަށް ވުރެ އަގު ހެޔޮކޮށް ނުލިބޭނެ އިންޓަނެޓެއް،" ޖިއޯމެދުވެރިކޮށް ފެށި ބޮޑު މަޝްރޫއާ ބެހޭ ގޮތުން، ރިޔާޒު ވިދާޅުވި އެވެ.
ސަރުކާރުން އިންޓަނެޓެއް ނުދޭނެ

އޭނާ އިތުރަށް ވިދާޅުވީ ސަބްމެރިން ކޭބަލްގެ ކޮޅު ރާއްޖެ އަށް ގުޅާލަން ސަރުކާރުން އެހީވިނަމަވެސް އިންޓަނެޓު ދިނުމުގައި ސަރުކާރުން ބައިވެރި ނުވާނެ ކަމަށެވެ.
"ސަރުކާރުން ރީޓެއިލް ސްޕޭސް އަކަށް ނުވަންނާނެ، ސަރުކާރުން އިންޓަނެޓު ހިދުމަތެއް ނުދޭނެ. އެކަން ވަރަށް ސާފުކޮށް ބުނަން ބޭނުންވޭ. އިންޓަނެޓު ހިދުމަތް ދޭނީ ކޭމުން ލައިންސް ހިދުމަތް ދޭން ލައިންސަންސް ދީފައިވާ ފަރާތުން،" ރިޔާޒު ވިދާޅުވި އެވެ.
"އޯޝަން ކަނެކްޓުން ކުރި ކަމަކީ ރާއްޖޭގެ ގޮނޑުދޮށާ ހަމައަށް ސަބްމެރިން ކޭބަލް އަގު ހެޔޮކޮށް ތިލަކޮށްލަ ދިނުން. އެހެންވީމަ އިންޓަނެޓު ދޭން ބޭނުންވާ ފަރާތުން ހިދުމަތް ހޯދަންވީ. ސަރުކާރެއް ޕްރައިވެޓް ސެކްޓާއާ ވާދައެއް ނުކުރާނެ އިންޓަނެޓު ދޭކަށް."
އޭނާ ވިދާޅުވި ގޮތުގައި ސަބްމެރިން ކޭބަލްގެ މަސައްކަތް މިހާރު ވެސް ބޭރުގައި ކުރަމުންދާއިރު ރާއްޖެ އަށް ކޭބަލް ފޯރާނީ އަންނަ އަހަރުގެ ކުރީކޮޅެވެ. އަދި މި ކޭބަލުން ހިދުމަތް ދެ އަހަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް މި ކޭބަލްއަކީ މުންބާއީ އިން ސިންގަޕޫރަށް 5000 ކިލޯ މީޓަރު. މިހާރު ކޭބަލް އަޅާމަގު ސާވޭ ކުރަމުން އެބަދޭ. ނިމިފައި ހުރި ސަރަހައްދުގައި ކޭބަލް އަޅަން ތައްޔާރު ވަމުންދޭ. މައި ކޭބަލް އެޅުމުގެ މަސައްކަތް ފެށިގފަ. ރާއްޖެއަށް އެކޮޅު އަންނާނީ އަންނަ އަހަރުގެ ކުރީކޮޅު. މުޅި ކޭބަލަށް ހިދުމަތް އަންނާނީ އަންނަ އަހަރުގެ ފަހުކޮޅު،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އިންޓަނެޓު ދޭން ނުވަންނާނެ ކަމަށާ، ނަމަވެސް ޑިމާންޑަށް ބަދަލެއް އައިސްގެން އަގަށް ބަދަލު އައުމަކީ ކޮންސިއުމަރުންނަށް ލިބޭނެ ފައިދާއެއް ކަމަށެވެ.
"އާ ޕްރޮޑަކްސް ލިބުމުން އަގު ހެޔޮވުމަކީ ރަނގަޅުކަމެއް. ސަރުކާރުން މިކަމުގެ ތެރެއަށް ނުވަންނާނެ،" ރިޔާޒު ވިދާޅުވި އެވެ.