އީރާނުން ކްރިޕްޓޮކަރަންސީގެ ހުރިހާ ވައްތަރެއް މައިންކުރުން ހަތަރު މަހަށް މަނާކޮށްފި އެވެ.
ބިޓްކޮއިން އަކީ ކްރިޕްޓޮކަރަންސީގެ ތެރެއިން އެންމެ އާންމު އަދި ޑިޖިޓަލް ފައިސާއޭ ބުނެވޭއިރަށް ހިތަށް އަރާ އެންމެ ފަރިތަ ނަމެވެ. އިތީރިއަމް އަދި ލައިޓްކޮއިން އަކީ ވެސް ކްރިޕްޓޮކަރަންސީ އެވެ.
އީރާނުން ކްރިޕްޓޮކަރަންސީ މައިންކުރުން މަނާކުރީ ލޮލަށް ފެންނަން ނެތް ހާދިސާތަކުގައި އިރާންގެ ސިޓީތަކުން ކަރަންޓް ކެނޑުން އާންމުވެފައި ވާތީ އެވެ.
އީރާންގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ކަރަންޓް ކެނޑެނީ ލައިސަންސް ނުހޯދައި ބިޓްކޮއިން މައިންކުރާ ޕްލާންޓްތަކާ ހެދި ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން ގަވާއިދާ ޚިލާފަށް ބިޓްކޮއިން މައިންކުރާ ފާމްތަކުން 2،000 މެގަވޮޓް ކަރަންޓް ބޭނުންކުރެ އެވެ. އެއާ ޚިލާފަށް ހުއްދަ ހޯދައިގެން ބިޓްކޮއިން މައިންކުރާ ފާމްތަކުން ބޭނުންކުރަނީ 300 މެގަވޮޓް ކަމަށް ވެސް ވިދާޅުވި އެވެ.
އީރާންގެ ގައުމީ އިންޖީނުގެއިން ބުނީ ހުއްދަ ހޯދައިގެން ކްރިޕްޓޮކަރަންސީ މައިންކުރަނީ 50 ފާމުން ކަމަށެވެ. އަދި ބުނީ އީރާންގައި ކްރިޕްޓޮކަރަންސީ މައިންކުރާ 85 ޕަސެންޓް ފާމުތަކުން ހުއްދަ ހޯދާފައި ނުވާ ކަމަށެވެ.
އިންޖީނުގެއިން ބުނީ ހަމަ ކުއްލިއަކަށް ލޯޑް މައްޗަށް ގޮސް ކަރަންޓް ކެނޑުން ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށާއި ވިޔަފާރިއާ އިދާރީ އޮފީސްތައް އަދި ސްކޫލް މަދަރުސާތަކަށް ވެސް އުނދަގޫ ބޮޑުވެފައިވާ ކަމަށެވެ.
ކްރިޕްޓޮކަރަންސީ މައިންކުރުމަށް ދުނިޔޭގައި ނެތްވަރުގެ ކޮމްޕިއުޓާ ހާޑްވެއާ ބޭނުންވެ އެވެ. އަދި އެއާ ބައްދަލު ކޫލިން ސިސްޓަމްތައް ގާއިމުުރަންޖެހެ އެވެ.
މައިންކުރަން ފަށައިގަތުމަށްޓަކައި ޑިޖިޓަލް ވޮލެޓެއް ކަނޑައެޅުން އަދި މައިނިން ސޮފްޓްވެއާ އާއި މައިނިން ޕޫލްތައް ވެސް އަތުޖެހޭ ފަށަށް ގެންނަން ޖެހެ އެވެ. މިއީ އާންމު ދިރިއުޅުމުގައި ހާޖަތުނުޖެހޭ ވަރަށް ކަރަންޓަށް ބޭނުންޖެހޭ ނިޒާމެކެވެ.
ބިޓްކޮއިން މައިންކުރުމަކީ ތިމާވެއްޓަށް ލޯބިކުރާ މީހުން ކަންބޮޑުވާ ކަމެކެވެ. އެއީ މައިންކުރަން ބޭނުންވާ ކަރަންޓް އުފައްދަން ތެޔޮ އަންދަންޖެހޭ މިންވަރު ހައްދުފަހަނައަޅައި ދާތީ އެވެ.
ބިޓްކޮއިން މައިންކުރުމާ މެދު ގިނަ ބަޔަކު ޚިޔާލު ތަފާތުވި ނަމަވެސް އާންމުންކޮށް ބޭނުންކުރެވޭ މާލީ ނިޒާމަކަށް މިކަން ބަދަލުވެދާނެ ކަމަށް ވެސް ބެލެވެ އެވެ. މަޝްހޫރު ބޭންކުތަކުން އަދި އެންމެން ދަންނަ ޕޭޕަލްއިން ވެސް މިހާރު ބިޓްކޮއިން ގަބޫލުކުރެ އެވެ.