ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމަށް ހުވައިކޮށްގެން ތިބި ހައެއަތު ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިން އެ ގައުމުގެ ވެރިރަށް ދިމިޝްގެ އަވަށްތަކަށް ވަދެގެންފި އެވެ.
ދިމިޝްގުގެ ހުޅަނގު ދެކުނުގައި އޮންނަ ގުނައިތުރާގެ ޕްރޮވިންޝަލް މަރުކަޒު ހިފުމަށް ފަހު، ހަތިޔާރު އެޅި ހަނގުރާމަވެރިން މެދުތެރޭ ދިމިޝްގަށް މިހާރު މިސްރާބު ޖަހާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
ހައެއަތު ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިން ދިމިޝްގަށް ވަދެގަތުމަށް ވަރަށް ވަރުގަދައަށް ހަމަލާތައް ބަދަލުކުރި ކަމަށް ޚަބަރުތައް ބުނެ އެވެ. މި ހަމަލާތަކުގައި އަސަދަށް ވަފާތެރި ސިފައިން ފަހަތައް ޖައްސައި، ހަނގުރާމަވެރިން ވަނީ މިހާރު ކުރިހޯދާފަ އެވެ.
ޖަބުހަތުއް ނުޝްރާއަށް ފޫޅުކަނޑާފައި އޮތް ހައެއަތު ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިން ނޮވެމްބަރު 27 ގައި ސީރިއާއަށް ދޭން ފެށި ހަމަލާތަކުގައި ފުރަތަމަ އަމާޒުހިފީ ހަލަބަށެވެ. ހަނގުރާމަވެރިންގެ އަތްދަށަށް ހަލަބު ގެންދިއުމަށް ފަހު -- އަސަރުގެ ސިފައިންނަށް ނޭވާލާނެ ފުރުސަތު ވެސް ނުދީ ހަމާ ސިޓީ އާއި ހިމްސް ވަނީ ހިފާފަ އެވެ.
ސީރިއާއިން ލިބޭ ޚަބަރުތައް ބުނާ ގޮތުން ހަނގުރާމަވެރިން ވެރިރަށަށް ވަދެގަތުމަށް ފަހު ދެން މިސްރާބުޖަހާނީ ރިޔާސީ ގަނޑުވަރަށެވެ. ނަމަވެސް، ރައީސް އަސަދު އަދިވެސް ހުންނެވީ ސީރިއާގައި -- ވެރިރަށް ދިމިޝްގުގައި ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެ އެވެ.
ސީރިއާއިން މިހާރު ފެންނަމުން އެ ދަނީ އަފްޣާނިސްތާންގައި ތިބި އެމެރިކާ ސިފައިން އެ ގައުމު ދޫކޮށް ފޭބުމާ ގުޅިގެން އޭރު ވެރިކަމުގައި ހުންނެވި އަޝްރަފް ޣަނީއަށް މެދުވެރި ހާލަތެވެ.
އަޝްރަފް ޣަނީ ވެރިރަށް ކާބުލްގައި، ރިޔާސީ ގަނޑުވަރުގައި ހުންނަވަނިކޮށް ތާލިބާނުންގެ ހަނގުރާމަވެރި ވަނީ ރިޔާސީ ގަނޑުވަރަށް ވަދެގެންފަ އެވެ. ޣަނީ ހައްޔަރުކުރުމުގެ ކުރިން ވަލު ދޮރުން ނުކުމެ ވަޑައިގެން ގައުމު ދޫކުރައްވައި ވައިގެ މަގުން ފިއްލެވީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސީރިއާގެ ހާލަތު މި ހިސާބުން ވެސް އަދި އެހެން ގޮތަކަށް އެނބުރިދާނެ އެވެ. ރަޝިއާ އާއި އީރާންގެ މަދަދުވެރިކަމާ އެކު ސަރުކާރު ސިފައިން ދޭ ރައްދު ހަމަލާތަކުގައި -- ސަރުކާރާ ދެކޮޅު ހަނގުރާމަވެރިންނަށް ވެސް ބޮޑެތި ގެއްލުން ވަނީ ލިބިފަ އެވެ.
ސީރިއާގެ މަސްދަރުތަކުން ރައީސް އަސަދާ ބެހޭ ގޮތުން ދޭ ޚަބަރުތައް ދެތު ކަމަށް ވާނަމަ ހަނގުރާމަ އަދިވެސް ދާނީ ކުރިއަށެވެ. އެ ނޫން ގޮތެއްގައި، އަސަދާއި އާއިލާ ރަޝިއާގެ އެހީތެރިކަމުގައި ސީރިއާ ދޫކޮށް ހިނގައްޖެ ނަމަ ހަނގުރާމަ ނިމުމަކަށް އަންނާނެ އެވެ.