ދުނިޔެ

ތުރުކީގެ ވަފުދެއް އަންނަ ހަފުތާގައި ރަޝިއާއަށް

ދުނިޔޭގެ މަސްރަހް މިހާރު އޮތް ގޮތުން ތުރުކީ، ރަޝިއާ، އިންްޑިއާ، ޗައިނާ، ޔުކްރޭން އަދި އީރާން ފަދަ ގައުމެއް ހިމެނޭ ގޮތުން އަޅާ ޚަބަރެއްގެ ސުރުޚީއަކުން މުޅި ދުނިޔެ ސަމާލުކަމަށް އާދެ އެވެ. މި ގައުމުތައް އެއްމޭޒު ދޮށުގައި ކުރާ ކަމެއް ބަލަން އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.

ތުރުކީގެ ވަފުދެއް ރަޝިއާގެ ދައުވަތަކަށް މޮސްކޯއަށް އަންނަ ހަފުތާގައި މޮސްކޯއަށް ވަޑައިގަންނަވާނެ ކަމަށް، ތުރުކީގެ ޚާރިޖީ ވަޒީރު މަވްލޫތު ޗަވްސޯލޫ ވިދާޅުވުމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މަޝްހޫރު ނޫސްތަކުން މި ޚަބަރު ފަލަ ސުރުޚީގައި ޝާއިއުކުރި އެވެ.

މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި ތުރުކިގެ ވަފުދެއް -- ޚާރިޖީ ސިޔާސަތު އެކުލަވާލުމަށް ސަރުކާރުން އުފައްދާފައި އޮތް ވަފުދެއް -- ވަޑައިގަންނަވަނީ، ރަޝިއާ އާއި ތުރުކީ، އީރާން އަދި ސިރިއާގެ ޚާރިޖީ ވަޒީރުންގެ ބައްދަލުކުރެއްވުމެއް ތާވަލުކުރުމަށެވެ.

ތުރުކީން މޮސްކޯއަށް ފޮނުއްވާނީ ޚާރިޖީ ވަޒީރުގެ ނައިބު ކަމަށް މަވްލޫތު ޗަވްސޯލޫ ވިދާޅުވި އެވެ.

ތުރުކީގެ ވަފުދެއް މޮސްކޯއަށް ވަޑައިގަންނަ ވާހަކަ އިވުމުން ގިނަ ބަޔަކަށް ހީވީ އެއީ ރަޝިއާގައި އުފައްދާ އަސްކަރީ ޖެޓްތައް ގަތުމަށް ތުރުކީން ކުރާ ދަތުރެއް ކަމަށެވެ.

ސަބަބަކީ އެމެރިކާގައި އުފައްދާ އެފް16 ގެ ފައިޓަރު ޖެޓްތައް ތުރުކީއަށް -- އެ ގައުމުގައި މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ނުވިއްކާނެ ކަމަށް އެމެރިކާއިން ބުނުމެވެ. އެމެރިކާގެ ފައިޓަރު ޖެޓްތައް ތުރުކީއަށް ނުވިއްކައިފި ނަމަ ތުރުކީއަށް ދެން އޮންނާނެ އިޚުތިޔާރަކީ ރަޝިއާގެ ޖެޓްތައް ގަތުން ކަމަށް ބުނެ ވާހަކަތަކެއް ވަނީ ދެކެވިފަ އެވެ.

މަވްލޫތު ޗަވްސޯލޫ ވިދާޅުވީ މޮސްކޯގައި އޮންނަ ބައްދަލުވުމަކީ ޓެކްނިކަލް ބައްދަލުވުމެއް ކަމަށެވެ. ސީރިއާއާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް އީރާން އާއި ތުރުކީ އަދި ރަޝިއާ އާއި ސީރިއާގެ ޚާރިޖީ ވަޒީރުން މެދުގައި ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް މިދިއަ އަހަރު ތާވަލުކޮށްފައި އޮތް ފަދައިން ބައްދަލުވުމެއް ބޭއްވެނީ ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވި ނަމަވެސް، ދުނިޔޭ މަސްލަހަތުގައި މި ގައުމުތައް ކުޅޭ ރޯލަށް ބަލާއިރު ވަޒީރުންގެ މެދުގައި ދުނިޔޭގެ ސިޔާސަތާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ އެވެ. އަދި ސިޔާސަތު ތަންފީޒުކުރުމުގައި ވިސްނުން އެއްގޮތްކުރުމަށް ސައްލާކުރާނެ އެވެ.