އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުލާހިޔާން ރަސްމީ ދަތުރެއްގައި މިއަދު ތުރުކީއަަށް ވަޑައިގަންނަވާނެ އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ ދެއްވި ދައުވަތު ގަބޫލުކުރައްވައި އަމީރު އަބްދުލާހިޔާން ތުރުކީއަށް ވަޑައިގެން ސަރުކާގެ އިސްވެރިންނާ ބައްދަލުކުރައްވައި ސީރިއާގެ މަސްލަހަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.
އީރާންގެ ފޮރިން މިނިސްޓަރު ތުރުކީއަށް މި ވަޑައިގަންނަވަނީ ސީރިއާއަށް ސުލްހަ ގެންނަންވެއްޖެކަން ރަޝިއާ އަށާއި ތުރުކީއަށް އަދި އީރާނަށް ވިސްނި -- މަޝްވަރާއަށް ފުރުސަތު ހުޅުވާލުމާ ގުޅިގެންނެވެ.
ޚަބަރުތައް ބުނާ ގޮތުން އީރާންގެ ފޮރިން މިނިސްޓަރުގެ އެޖެންޑާއި އޮތީ ހަމައެކަނި ސީރާއާގެ ވާހަކަތަކެއް ނޫނެވެ. އީރާނާއި ތުރުކީއާ ދެމެދު ގުޅުން ބަދަހިކުރުމާއި އިގުތިސާދީ ގޮތުން ދެގައުމުގެ ގުޅުން ހަރުދަނާކުރުމަކީ ވެސް މަޝްވަރާއަށް އޮތް މައުލޫއެކެވެ.
ދެ ގައުމުގެ ފޮރިން މިނިސްޓަރުގެ މަޝްވަރާތަކަށް ފަހު މި ވަގުތަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އެއީ އީރާންގެ ރައީސް -- އިބްރާހީމް ރައީސީ ތުރުކީއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުގައި އެކަންތައްތައް ނިންމެވުމަށެވެ.
ދެ ގައުމުގެ ދެމެދުގައި ރަސްމީ ބޮޑެތި ލިޔުންތަކުން ސޮއިކުރުން އޮންނާނީ އިބްރާހީމް ރައިސީ ތުރުކީއަށް ވަޑައިގެން ކަމަށް އީރާންގެ ޚަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް މި ދަތުރަށް އަދި ތާރީޚެއް ނެތެވެ.
ސީރިއާއަށް ހަމަޖެހުން ގެނައުމަށް މޮސްކޯގައި ރަޝިއާ އާއި ތުރުކީ އަދި އީރާން ޑިސެމްބަރު 2022 ގައި ބައްދަލުވުންތަކެއް ބޭއްވި އެވެ. މި ގައުމުތަކުގެ ޑިފެންސް މިނިސްޓަރުންގެ މެދުގައި ބައްދަލުވުންތައް ބޭއްވުމަށް ފަހު -- މިހާރު ކުރިއަށް ދަނީ ފޮރިން މިނިސްޓަރުންގެ މެދުގައި ބާއްވަން ހަމަޖެއްސި ބައްދަލުވުންތަކެވެ.
މިއީ 11 އަހަރަށް ފަހު ސީރިއާއާ މެދު ތުރުކީން ގާތްގޮތަކަށް ދެކޭ ފުރަތަމަ ފަހަރެވެ. މި ބައްދަލުވުންތައް ފެށެން މެދުވެރިވި ސަބަބަކީ ރަޝިއާ އާއި ތުރުކީއާ ދެމެދު -- ސީރިއާއާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތަކެވެ.
ސީރިއާ ހަނގުރާމަ 2011 ގައި ފެށުނު ގޮތެއް އަދިވެސް ކުރިއަށް ދަނީ އެވެ. އެމެރިކާ އަޑީގައި އޮވެގެން ސީރިއާގެ ރައީސް، ބައްޝާރުލް އަސަދު މަގާމުން ދުރުކުރުމަށް -- އެ ސަރަހައްދުގައި ހަކަރާތްތެރިވާ ހަނގުރާމަވެރި ގުރޫޕްތަކަށް ފަންޑުކޮށްގެން -- އަސަދުގެ ސިފައިންނަށް ދޭތެރެ ދޭތެރެއިން މިހާރު ވެސް ހަމަލާދެ އެވެ.
އަނެއްކޮޅުން ސީރިއާގައި ހަރަކާތްރެރިވާ ކުރުދީ ހަނގުރާމަވެރިންނަށް 2016 އިން ފެށިގެން ތުރުކީން ގެންދަނީ ހަމަލާދެމުންނެވެ. އެއީ ތުރުކީގައި ކުރުދީ އަމިއްލަ ސަރުކާރެއް އެކުލަވާލަން މަސައްކަތްކުރާތި އެވެ.