ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިވަގުތު ބަންދުގައި އޮތީ 72 ރަށް

ކޮވިޑް-19 ހަލުއި ކަމާއެކު އަތޮޅުތަކުގެ ތެރޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި މާލެ ސަރަހައްދު ފިޔަވައި 72 ރަށަކަށް އަރައި ފޭބުން ވަނީ މަނާ ކޮށްފަ އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ 38 ޕަސެންޓް އޮތީ ބަންދު ކޮށްފަ އެވެ.

ބަންދު ކޮށްފައިވާ 72 ރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނީޓަރިންނަށް ލާފައި އޮތީ ޅ. ނައިފަރެވެ. އެރަށް ބަންދު ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ. މިއީ މިވަގުތު ކޮވިޑް ހާލަތު އެންމެ ގޯސް އެއް ރަށެވެ. އެގޮތުން ނައިފަރުން މިހާތަނަށް 892 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 806 މީހަކު ބަލިން ފަސޭހަވެފައިވާއިރު މިވަގުތު އެރަށުގައި ބަލިޖެހިފައި ތިބީ 82 މީހެކެވެ.

އޭޕްރީލް މަހު ބަންދުކުރި 13 ރަށެއްގައި ވެސް އަދިވެސް އަންނަނީ ކޮވިޑް ފެތުރެމުންނެވެ. އެއީ އދ. މާމިގިލި، ތ. ވޭމަންޑޫ، ތ. މަޑިފުށި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. މާފުށި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، ކ. ތުލުސްދޫ އަދި އއ. ރަސްދޫ އެވެ.

މިވަގުތު ބަންދުކޮށްފައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ރަށް މޮނީޓަރިންނަށް ލާފައި ވަނީ މިމަހު އެވެ. އެގޮތުން 58 ރަށެއް ވަނީ ބަންދުކޮށްފަ އެވެ. އެއީ އައްޑޫ ސިޓީ، ހއ. ދިއްދޫ، ފ. ފީއަލި، ކ. ގުރައިދޫ، ފ. ނިލަންދޫ، ލ. އިސްދޫ، ލ. މާވަށް، ފުވައްމުލައް ސިޓީ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އދ. މާހިބަދޫ، އއ. ފެރިދޫ، ހދ. ކުޅުދުއްފުށި، ށ. ކަޑިތީމު، ށ. ގޮއިދޫ، ކ. ކާށިދޫ، ދ. ކުޑަހުވަދޫ، ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ. ބަނޑިދޫ، ނ. ކެނދިކުޅުދޫ، ތ. ގުރައިދޫ، ދ. ހުޅުދެލި، ވ، ކެޔޮދޫ، ތ. ތިމަރަފުށި، ގއ. ވިލިނގިލި، ލ. ކަލައިދޫ، އއ. ބޮޑުފޮޅުދޫ، މ. މިލަދޫ، ނ. މާޅެންދޫ، ދ. މާއެނބޫދޫ، ކ. ދިއްފުށި، ލ. މާމެންދޫ، ގދ. ވާދޫ، ބ. ދަރަވަންދޫ، ހއ. މުރައިދޫ، ރ. އުނގޫފާރު، ކ. ގާފަރު، ނ. ލަންދޫ، ފ. ބިލެތްދޫ، ޅ. އޮޅުވެލިފުށި، ށ. މިލަންދޫ، މ. މުލި، ތ. ހިރިލަންދޫ، ރ. ރަސްމާދޫ، ތ. ކިނބިދޫ، މ. މުލަށް، ލ. ހިތަދޫ، ތ. ބުރުނި، ހދ. ނޭކުރަންދޫ، ރ. އަލިފުށި، އދ. އޮމަދޫ، އއ. ތޮއްޑޫ، ރ. ދުވާފަރު، މ. ވޭވަށް އަދި ކ. ހުރާ އެވެ.

އޭގެތެރެއިން ހުރާ މޮނީޓަރިންނަށް ލާފައި ވަނީ މިއަދު އެވެ. އެރަށުން ވަނީ ފްލޫ ކްލިނިކަށް އަލާމާތް ފެނެގެން ސާމްޕަލް ދިން ތިން މީހަކާއި ޑައިރެކްޓް ކޮންޓެކްޓެވި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހުރާ ސިއްހީ މަރުކަޒުން ބުނެ އެވެ.

ބަންދުކޮށްފައިވާ ހުރިހާ ރަށެއްގައި މިހާރު އަންނަނީ ކާފިއު ހިންގަމުންނެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ހާލަތު ގޯސް ރަށްރަށުގައި އަންނަނީ މާލެ ފަދައިން 12 ގަޑިއިރު ކާފިއު ހިންގަމުންނެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 60،943 އަށް އަރާފަ އެވެ. އިއްޔެ 1،299 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 799 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 487 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 13 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.