އައްސޭރި ޖަލު

އައްސޭރި ޖަލަށް ކޮވިޑް ފެތުރިފައި، 94 ގައިދީއަކު ޕޮޒިޓިވް

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ 94 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ޖަލުގެ ތެރެއަށް ކޮވިޑް ފެތުރިއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލު ވިދާޅުވީ އައްސޭރި / ލުއި ޖަލުގައި ތިބި ގައިދީންގެ ތެރެއިން 122 މީހެއްގެ ކޮވިޑް ސާމަޕަލް ނެގިއި އިރު އޭގެ ތެރެއިން 94 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

"މިވަގުތު އެއްވެސް ގައިދީއެއްގެ ހާލު ސީރިއަސްއެއް ނޫން. އަޅުގަނޑުމެން މި ބަލަނީ މާދަމާގެ ނިޔަލަށް ހުރިހާ ގައިދީންގެ ސާމްޕަލް ވެސް ނެގޭތޯ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޖަލުގައި ކޮވިޑް ފެތުރެން ދިމާވީ އެހެން ޖަލުތަކާ ހިލާފަށް އެ ޖަލުގައި ތިބޭ ގައިދީންނަކީ ޖަލު ގޮޅިތަކެއްގައި ތިބޭ ބަޔަކަށް ނުވެ، އެކަކު އަނެކަކާ ބައްދަލުވުމުގެ ފުރުސަތު އޮންނާތީ ކަމަށް ބެލެވޭ ކަމަށެވެ.

ކޮވިޑް ކޭސްތައް ރާއްޖެއިން ފެނުމާ ގުޅިގެން ޖަލުތަކުގައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ. ހިންމަފުށި ޖަލުގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އެ ޖަލުގައި ވެސް މިހާރު ވަނީ އިތުރު ފިޔަވަޅުތައް އަޅާފަ އެވެ.

އޮފިޝަލު ވިދާޅުވި ގޮތުގައި ކަރެކްޝަނުން ބަލަހައްޓާ ޖަލުތަކުގެ ތެރެއިން މާފުށި ޖަލާއި ހުޅުމާލޭ ޖަލުގައި ކޮވިޑަށް ޕޮޒިޓިވް އެއްވެސް ގައިދީ އަކު މިވަގުތު ނެތެވެ. ނަމަވެސް މާލެ ޖަލުގައި 12 ގައިދީއަކު އަދި ހުޅުމާލޭގައި ހިންގާ ޑިޓެންޝަން ސެންޓަރުގައި ދެ ބިދޭސީއަކު ކޮވިޑަށް ފަރުވާ ހޯދަ އެވެ. އަދި އެއް ގައިދީއަކު ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަ އެވެ.

ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން 55 ޕަސަންޓް ގައިދީން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. އަދި ދެވަނަ ޑޯޒް ޖަހަން ޖެހޭ މުއްދަތުގައި މާފުށި ޖަލުގެ ހާލަތު ރަނގަޅު ނަމަ ދެވަނަ ޑޯޒް ޖަހަން ފަށާނެ އެވެ.